ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

މެންޓަލް ހެލްތުގެ ދާއިރާއިން މީހުން ބިނާކުރުކުރުމުގެ ގޮތުން ސްކޮލަރޝިޕްތަކެއް އިޢުލާން ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާން ކުރައްވާފައިވަނީ، ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައެވެ.


ހަޔަރ އެޑިއުކޭޝަނުން ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކުގެ ފުރުސަތުތަކަކީ ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ދިވެހި ސަރުކާރުން ކުރާގޮތަށް ހަމަޖައްސާފައިވާ 46 ސްކޮލަރޝިޕް ފުރުސަތެވެ.

މި ސްކޮލަރޝިޕްތަކުގެ ތެރެއިން ކޮންމެ ސްކޮލަރޝިފެއްވެސް ވަނީ އެ ސްކޮލަރޝިޕެއް ފުރިހަމަ ކުރާ ދަރިވަރު ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް އެ މުއައްސަސާއަކަށް ޖާމިނުކޮށްފައެވެ. އެހެންކަމުން، އެ ސްކޮލަރޝިޕެއް ފުރިހަމަކުރާ ދަރިވަރަކު ޖާމިނުކޮށްފައިވާ މުއައްސަސާއިން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ސްކޮލަރޝިޕް ތަކުގައި ކިޔެވުމަށް ހުޅުވާލާފައިވާ ކޯސްތަކާއި އެކޯސްތައް ޖާމިނުކޮށްފައިވާ މުވައްސަސާތައް:-
އައިޖީއެމްއެޗް
މާސްޓަރސް އިން ނާރސިންގ (ސައިކިއޭޓްރިކް ނާރސިން/މެންޓަލް ހެލްތު ނާރސިން) - 4 ފުރުޞަތު

މާސްޓަރސް އިން ކްލަނިކަލް ސައިކޮލޮޖީ - 2 ފުރުޞަތު
މާސްޓަރސް އިން ކައުންސެލިން/ ސައިކޯތެރަޕީ - 2 ފުރުޞަތު
މާސްޓަރސް އިން ސައިކޭޓްރީ - 2 ފުރުޞަތު

މިނިސްޓްރީ އޮފް ހެލްތު

މާސްޓަރސް އިން އެޑިކްޝަން ސްޓަޑީޒް/އެޑިކްޝަން މެނޭޖްމަންޓް - 5 ފުރުޞަތު
މާސްޓަރސް އިން ނާރސިން - 5 ފުރުޞަތު
މާސްޓަރސް އިން ކްލިނިކަލް ސައިކޮލޮޖީ - 6 ފުރުޞަތު

މާސްޓަރސް އިން ކައުންސެލިން - 7 ފުރުޞަތު

މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް
މާސްޓަރސް އިން ނާރސިންގ (ސައިކިއޭޓްރިކް ނާރސިން/މެންޓަލް ހެލްތު ނާރސިން) - 2 ފުރުޞަތު
މާސްޓަރސް އިން ކްލިނިކަލް ސައިކޮލޮޖީ - 2 ފުރުޞަތު

މާސްޓަރސް އިން ކައުންސެލިން/ސައިކޯތެރަޕީ - 1 ފުރުޞަތު

މިނިސްޓްރީ އޮފް އެޑިއުކޭޝަން
މާސްޓަރސިން އިން ލާރނިން ޑިސްއެބިލިޓީސް - 8 ފުރުޞަތު

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އެކި ދާއިރާތަކުން މީހުން ބިނާކުރެއްވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށެވެ. އަދި މިފަހަރު ހުޅުވާލި މެންޓަލް ހެލްތުގެ ދާއިރާއިން ކިޔެވުމުގެ ސޮކޮލަރޝިޕްތަކާއި އެހެން ސްކޮލަރޝިޕްތަކާ ތަފާތުތަކެއް ހުންނާނެކަމަށާއި އެގޮތުން މި ސްކީމުން ދަރިވަރުން ކިޔަވަންދާ ޔުނިވަރސިޓީއާއި ކޯސް އިޚްތިޔާރުކުރާނީ ދަރިވަރުން އަމިއްލައަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލުކޮށްފައިވުން ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމް.އެން.ކިޔު.އެފް)ގައި ވާގޮތުން، މާސްޓަރސް ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވާން ޖެހޭނެކަމަށެވެ. މީގެއިތުރުން ކޯސް ފުރިހަމަ ކުރުމަށް އެދޭ ޔުނިވަރސިޓީގެ ފަރާތުން ކަނޑައަޅާ ކްރައިޓީރިއާ ފުރިހަމަވާންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. މިނިސްޓްރީން ބުނީ ކޮންމެ މުއައްސަސާއަކަށް ކޮންމެ ދާއިރާއަކުން ކަނޑައަޅާފައިވާ ސްކޮލަރޝިޕްތަކަށް އެދޭ ދަރިވަރުންގެ ތެރެއިން އެ ކަނޑައެޅިފައިވާ އަދަދަށް ދަރިވަރުން ނޮމިނޭޓްކުރާނީ ޝަރުތުތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި ދަރިވަރުން ކޯހަށް ހޮވޭތާ ގިނަވެގެން 6 މަސްދުވަހުގެތެރޭގައި، އެ ކޯހުގައި ކިޔަވަން ފަށަން ވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު