ޖުމްހޫރީ ޕާޓީ ޙަވާލުކޮށްދިނުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް އެދިވަޑައިގެންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ލިޑަރ ޤާސިމް އިބްރާހިމް ވިދާޅުވީ، ޕާޓީ ޙަވާލުކޮށް ދެއްވުމަށް ޢަބްދުﷲ ރިޔާޒް އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ ހިންގޭފަދަ ވިޝަނަރީ އަކާއި، ވަސީލަތްތައް ހުރި ބޭފުޅަކު އެޕާޓީއަށް އަދި ގުޅިވަޑައިގެންފައި ނުވާކަމަށް ޤާސިމް މިއަދު ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އަބްދުﷲ ރިޔާޒުގެ އަނބިމީހާއާއި އޭނާގެ އަނބިމީހާއަކީ އެއްބަނޑު ދެ ބޭފުޅުން ކަމަށާއި އާއިލީ ގޮތުން ގާތްވުމުގެ ސަބަބުން ރިޔާޒަށް ވަރަށް ބޮޑަށް އިތުބާރު ކުރެއްވި ކަަމަށެވެ. އަދި މަޖިލީހުގެ ގޮނޑި އެ ބޭފުޅާއަށް ކާމިޔާބުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ރިޔާޒްގެ ދާއިރާގެ ބޭފުޅުންނަށް އެތައް ސްކޮލަރޝިޕަކާއި، ބޭސްފަރުވާ ކުރުމަށްވެސް އެތަށް ރުފިޔާއެއް ޚަރަދުކުރެއްވި ކަމަށް ޤާސިމް ވިދާޅުވިއެވެ.

ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމަށް އިޝާރާތް ކުރަށްވައި ޤާސިމް މިއަދު ވިދާޅުވީ، ނާޒިމަކީ ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައިވެސް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ނޫންކަމަށެވެ. އަދި އެބޭފުޅާގެ މަޤްބޫލުކަން ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތެރޭގައި އިތުރުކުރެއްވުމަށް އެއްވެސް މަސައްކަތެއް ނާޒިމް ކުރަށްވާފައި ނެތްކަން ޤާސިމް ފާހަގަ ކުރެއްވިއެވެ.

ޤާސިމް ވިދާޅުވީ، ކޮވިޑާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ޙަރަކާތްތައް މަޑުޖެހުނީ، ޕާޓީގެ ޙަރަކާތްތައް ފެށުމަށް ބަޖެޓްވެސް ހަމަޖައްސައި މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ. އަދި އެކަން އެޕާޓީގެ މެންބަރުން ދެނެވަޑައިގަންވާނެކަމަށް ޤާސިމް މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު