ރައްޔިތުންގެމަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެމަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ސިޔާސީ މީހުން ވަޢުދު ވުމުގައި ގެންގުޅޭ އުކުޅު ބަދަލުކުރުމަށް ރައްޔިތުންގެމަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.

މި ސަރުކާރުގެ ތަރައްޤީގެ މައި ޕްރޮޖެކްޓް ކަމަށްވާ ވިލިމާލެ، ތިލަފުށި، ގުޅީފަޅު، މާލެއާ ގުޅުވައިދޭ "ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ އެއްބަސްވުމުގައި ސޮއިކޮށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ އެ މަސައްކަތް ފަށައިގެންފައެވެ.

އެކަމާ ގުޅިގެން ރީކޯ މޫސާ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މީހުންގެ ކެމްޕެއިންތަކަށް ވީ ވައުދު ތަކުގެތެރެއިން ބިންހިއްކުމާއި، އެއަރޕޯޓް އެޅުމާއި، ފްލެޓް އެޅުމާއި، ބްރިޖް އަޅައިދީގެން ދެވަނަފަހަރަށް ވެރިކަމަށް އާދެވުނު ރައީސަކު ނެތް ކަމަށެވެ. އެހެންކަމުން ދެވަނަ ފަހަރަށް ވެރިކަމަށް އަންނަން ބޭުނުންނަމަ ވަޢުދުވުމުގައި ގެންގުޅޭ އުކުޅު ބަދަލުކުރަންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.



ބެލެވޭ ގޮތުގައި މޫސަ އެވިދާޅުވަނީ މާލެއާއި ހުޅުލެ ނުވަތަ ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖް އަޅައިގެން އެ ބިޔަ ޕްރޮޖެކްޓް ރައްޔިތުންނަށް ވިއްކައިގެން ވެރިކަމުގެ ދެވަނަ ދައުރެއް ރައީސް ޔާމީނަށް ރައްޔިތުން ނުދިން ވާހަކައެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވެސް ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީން ގިނަ ކަންޏާ އިންތިޚާބަށް ނުކުމެ ވަޑައިގެން ލިބިވަޑައިގެންނެވި ވޯޓަކީ އެތަރައްގީގެ ނަތީޖާއެވެ.

ރައީސް ޔާމިން އެޅި ބްރިޖަށްވުރެ ބޮޑު، ބިޔަ ބްރިޖެއް އެޅުމަށް މި ސަރުކާރުން ތައްޔާރުވެފައި ވާއިރު މި ބްރިޖް މަޝްރޫޢުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެއެވެ. މި މަޝްރޫޢަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައިވަނީ އިންޑިއާ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫޢަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފައި ވެއެވެ.

މި މަޝްރޫޢުގެ ދަށުން ގުޅީފަޅުގައި އަޅާ ބައިނަލްއަޤްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ މައި އިންޖީނަށްކަމަށް ސަރުކާރުން ދެކެއެވެ.

6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު މާލެއާއި ވިލިމާލެ ބްރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވައްބުރު ޖަންކްޝަނެއް ހިމެނޭއިރު، ކޮންމެ ރަށެއްގައިވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް އީޔާދަކުރަނިވި ހަކަތައިން ދިއްލޭ ނިޒާމު މި މަޝްރޫޢުގެ ތެރެއިން ޤާއިމުވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު