އައްޑޫ ސިޓީގައި 60 އަށްވުރެ ގިނަ ތަރައްޤީގެ މަޝްރޫޢު މިވަގުތު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލު މެންބަރުންނާއެކު މިއަދު މެންދުރުފަހު ވަރޗުއަލްކޮށް ބޭއްވެވި ބައްދަލުރެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް 60 އަށްވުރެ ގިނަ ޕީއެސްއައިޕީގެ މަޝްރޫއު ކުރިޔަށްދާކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ސިޓީ ކައުންސިލުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުގެ މެންބަރުންނާއި މަޝްވަރާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ސިޓީކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ އެންމެފަހުގެ ތަފްސީލުތައް ޙިއްޞާކުރައްވާ އެކަންކަމުގައި ކައުންސިލުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައެވެ.

ސިޓީކައުންސިލުން ވަނީ ސަރުކާރުން އައްޑޫގައި ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިޔަށްގެންދާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން ޞިއްހީ ޚިދުމަތާއި މަގުހެދުން ބަނދަރު ހެދުންފަދަ ތަރައްޤީއާ ގުޅިފައިވާ މަޝްރޫއުތަކާއި އަދި ސިޓީގެ އިޖްތިމާއީ ކުރިއެރުމަށް ބޭނުންވާ އެކި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ގުޅޭގޮތުންނާއި އެކި މަޝްރޫޢުތަކާއި ޚިދުމަތްތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީއަކީ އާބާދީ ބޮޑު ސަރަހައްދަކަށްވާތީ ސަރުކާރުން އެ ސިޓީއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން އައްޑޫ ސިޓީ ކައުންސިލަށް ދެއްވާފައެވެ. އެގޮތުން މަގުހެދުމާއި ނަރުދަމާ ނިޒާމާއި އަދި ވިޔަފާރި ބަދަރާއި ޞިއްހީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާއާ އަދި މި ނޫންވެސް ސިޓީގެ އިޤްތިޞާދީ އިޖްތިމާޢީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޚާއްޞަގޮތެއްގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ގިނަ ކަންކަން ކުރިޔަށްގެންދިއުމުގެ ޒިންމާ ސިޓީކައުންސިލަށް އޮތްނަމަވެސް އެކަންކަން ކުރިޔަށްގެންދިއުމުގައި ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ސަރުކާރުގެ އިދާރާތަކުން ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު