ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު
ޖިނާއީ ކުށުގެ އަމަލެއް ހިންގާފައިވާ ކަމަށް ބަލާނެ އެކަށީގެންވާ ހެއްކެއް ނެތުމުން، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގަށް ފަހު މަހާޒުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. ނަމަވެސް، ޕީޖީ އޮފީހާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މައްސަލަ ދިރާސާކުރިއިރު ޖިނާއީ ކުށެއްގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން މައްސަލައިގައި ދައުވާ ނުކުރުމަށް ވަނީ ނިންމާފައެވެ.

މަހާޒުގެ އިތުރުން، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ވެސް ޖިނާއީ ދައުވާއެއް ނުކުރަން ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ނިންމައިފައެވެ. އަދި އެ މައްސަލަ ފައިލްކޮށްފައިވާ ކަން ފުލުހުންގެ އިދާރާއިން ވަނީ ޑރ. އަޒްމިރަލްދާއަށް އަންގައިފައެވެ.

މަހާޒާއި އަޒްމިރަލްދާގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްޗަށް ވެސް މަގާމުގެ ނާޖައިޒު ފައިދާ ނެގި ކަމުގެ ތުހުމަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި، ފުލުހުން އަދި އޭސީސީން ކުރިއެވެ. އެ ތުހުމަތުތަކާ ގުޅިގެން ސުއޫދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ނަމަވެސް، މަހާޒާއި އަޒްމިރަލްދާ ވަނީ ޖޭއެސްސީގެ ތަހުގީގަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގެންފައެވެ.

އެހެންނަމަވެސް، ޖޭއެސްސީން ނިންމީ އެ ދެ ބޭފުޅުން ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށެވެ. އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އެ ދެ ފަނޑިޔާރުން ވެސް މަގާމުން ވަކިކޮށްފައެވެ.

އަޒްމިރާލްދާ އާއި މަހާޒާ ގުޅޭ ގޮތުން ޖޭއެސްސީން މައިގަނޑު ގޮތެއްގައި ބެލި އެއް މައްސަލައަކީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރުދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެކެވެ. މީގެ އިތުރުން، ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހެއްގައި އަޒްމިރަލްދާ އިންނެވި މައްސަލަ ވެސް އެ ކޮމިޝަނުން ބެލިއެވެ.

ސުޕްރީމް ކޯޓުގެ މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރެވިގެން ދިޔައީ، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އަދި ސިޔާސީ ޕާޓީތަކުން ވަކިވާ ނުވަތަ ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައި އޮތް ދުވަހު މި ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އޭރު ބޮޑެތި ސުވާލުތަކެއް އުފެދުނު ކަމެކެވެ.

ފަނޑިޔާރު މަހާޒާއި އަޒްމިރާލްދާ މަގާމުން ވަކިކުރުމުގެ މަރުހަލާތައް ގެންދިޔަ ގޮތާމެދު އދ. ހިމެނޭހެން ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކުންނާއި، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް އޭރު ކަންބޮޑުވުން ފާޅުކޮށް، އެ މަސައްކަތް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. ނަމަވެސް، ސިޔާސީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި އޮތް މި މައްސަލައިގައި ޖިނާއީ އެއްވެސް ކުށެއް ނެތް ކަމަށް ޕީޖީން މިހާރު މިވަނީ ނިންމައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް