މެކްސިކޯ އާއި ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރުން މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.

މިގޮތުން ޔުނައިޓެޑް މެކްސިކަން ސްޓޭޓްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މިސްޓަރ ފެޑެރިކޯ ސަލަސް ލޮފްޓް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްއަށް އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެކްސިކޯގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި، މެކްސިކޯއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތު މެކްސިކޯ ސަފީރާ ހިއްސާ ކުރައްވާފައެވެ. މިގޮތުން، އެމަނިކުފާނު ވަނީ ރާއްޖޭގައި ކުރިޔަށް ގެންދާ ކޮވިޑް ދިފާޢު ވެކްސިނޭޝަން އާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މީގެއިތުރުން ވެސް، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކަށްފަހު ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލާ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި މި ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ސަފިރާ މަޝްވަރާކުރައްވާފައެވެ. މެކްސިކޯ ސަފީރު ފާހަގަކުރެއްވި ގޮތުގައި، ގިނަ ޢަދަދެއްކެ މެކްސިކޯ ރައްޔިތުން މިހާރުވެސް ރާއްޖެ ޒިޔާރަތްކުރުމަށް ޝައުޤުވެރިވާކަމަށާއި، ރާއްޖޭގެ ރިސޯޓްތަކުގައި ޝެފުންގެ ގޮތުގައި އަދި، މެނޭޖީރިއަލް ޕޮޒިޝަންތަކުގައި މިހާރުވެސް ގިނަ ޢަދަދެއްގެ މެކްސިކޯ ރައްޔިތުން ވަޒީފާއަދާކުރަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަކީ ހައިޑްރޯ-ކްލޯރޯ-ފްލޯރޯ-ކާބަންސް (އެޗް.ސީ.އެފް.ސީސް) އެންމެ ފުރަތަމަ ފޭސްއައުޓް ކުރި ޤައުމުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއަހަރު ފަހުކޮޅު އިނގިރޭސިވިލާތުގެ ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައި ދެޤައުމަށް ވެސް ފައިދާކުރަނިވި ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރައްވާނެކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި، ދެބޭފުޅުން ވަނީ ރާއްޖޭގެ ނޫ އިޤްތިޞާދުގެ ދާއިރާއިން މެކްސިކޯގެ އަމިއްލަ ކުންފުނިތަކާއެކު ވިޔަފާރީގެ ގުޅުން ޤާއިމުކުރުމާއި، ސާފު ޙަކަތައިގެ ދާއިރާއިން ދެ ޤައުމުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ. ރާއްޖެއާއި، މެކްސިކޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 15 ނޮވެންބަރު 1975 ގައެވެ.



ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ހޮލްގަރ ލޯތަރ ސިއުބަރޓް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުކުރީގައެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ޖަރުމަނުގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ސަފީރުގެ ދައުރުގައި ރާއްޖެއާ ޖަރުމަނާ ދެމެދުގައިވާ އެކުވެރި ވަރުގަދަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޖަރުމަނަކީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ފާއިތުވި އަހަރުތަކުގައި ޖަރުމަނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޖަރުމަނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި، ޖަރުމަނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. މިގޮތުން، ދެބޭފުޅުން ވަނީ ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމާއި ގުޅޭގޮތުންނާއި، މަސްވެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ ދާއިރާއާއި، ޞިއްޙީ ދާއިރާ އަދި، ތަޢުލީމީ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ވެސް ދެބެފުޅުން ވަނީ ދެ ޤައުމުގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ޙާލާތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރުކާރުގެ އަމާޒަކީ ވަކި ޤައުމެއްގެ ރައްޔިތުން ތަފާތުކުރުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އެންމެނަށް ވެކްސިން ޖަހާ ނިންމާނެ ކަމުގައި ވިދާޅުވެފައެވެ.

ޖަރުމަނުގެ ސަފީރު ވަނީ، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމުން ޝުކުރު އަދާކުރައްވައި، ޖަރުމަނުގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމުގައި ސިފަކުރައްވައިފައެވެ. މީގެއިތުރުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު