ރުވާންޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު ޖެކުއަލިން މުކަންގިރާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުކުރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރުވާންޑާގެ އައު ސަފީރަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މަރުޙަބާ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ ރާއްޖެއާއި ރުވާންޑާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ރުވާންޑާގެ ސަފީރުގެ ދައުރުގައި މި ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރުވާންޑާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ރުވާންޑާގެ ރައީސް ޕޯލް ކަގާމޭގެ ފަރާތުން ހެޔޮއެދުންތައް ވަނީ އަރިސްކުރަައްވާފައެވެެ. އަދި، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ހޮވި ވަޑައިގަންނަވާފައިވާތީ އެކަމަށް ރައީސް އަށް މަރުޙަބާ ވިދާޅުވިއެވެެ. މީގެ އިތުރުން، ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުޤުވެރިކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރުވާންޑާގެ ރައީސް ޕޯލް ކަގާމޭއަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާއާ ރުވާންޑާގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަން ވަނީ ފާހަގަ ކުރައްވާފައެވެެ.



ކިޔުންތެރިންގެ ހިޔާލު


-2

ޢަހުމަދު ނައީމް

12-Aug-2021

ޢިންޑިއާ ފިޔަވައި އެހެން ޤައުމަކާ ގާތް ކަމެއް ނޯންނާނެ!