ރީކޯ މޫސަ (ވ) ރައީސް ޞާލިޙްގެ އަރިހުގައި
ރީކޯ މޫސަ (ވ) ރައީސް ޞާލިޙްގެ އަރިހުގައި
ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތައް ހުރީ ވަރުވާއަށް ލިޔެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާއި، ޕީޕީއެމް ގައިވެސް މަސައްކަތްކުރެއްވި ރީކޯ މޫސަ ވިދާޅުވީ، ބަޔަކު ޕާޓީއެއް ހަދަން ނުކުތުމުން ބޮޑެތި ޕާޓީތަކުގެ މީހުން މަލާމަތްކުރާނެ ކަމެއްނެތްކަމަށާއި، ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތައް ހުރީ ވަރުވާއަށް ލިޔެފައި ކަމަށެވެ. މޫސަ ވިދާޅުވީ ސިޔާސީ ޕާޓީ އުފެއްދުމަކީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ ޙައްޤެއް ކަމަށެވެ.

"ބޮޑެތި ޕާޓީތައް ހުރީ ވަރުވާއަށް ލިއެފަހުންނަ ގޮއިފާލައްބަ، ހިންނަ ފަދައިންވެފަ." މޫސަ ވިދާޅުވިއެވެ.



ރާއްޖޭގައި މުޅިން އަލަށް ދެ ސިޔާސީ ޕާޓީއެއް ވުޖޫދު ކުރުމުގެ މަސައްކަތް ކުރެވެމުންދާކަން މިހަފުތާގެ ޚަބަރުތަކުން ވަނީ އެނގިފައެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރ އަބްދުﷲ ކަމާލުއްދީން، (އޭކޭ) އިސްވެ ހުންވައިގެން މުޅިން އައި ސިޔާސީ ޕާޓީއެއް ހަދަން މަސައްކަތްކުރަމުންދާއިރު، ޖުމްހޫރީ ޕާޓީގެ މަޖިލީސް މެންބަރެއްގެ ގޮތުގައި ހުންނެވި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވެސް ގެންދަވަނީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަށްވަމުންނެވެ. ކާނަލް ނާޒިމާއެކު ކުރީގެ ޕޮލިސް ކޮމިޝަނަރ، މަޖިލިސް މެންބަރު އަބްދުﷲ ރިޔާޒު ވެސް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ އައު ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިގެން މަސައްކަތް ކުރަށްވާން ވެގެންކަން އޭނާ ވަނީ ހާމަކުރަށްވާފައެވެ. ބެލެވޭ ގޮތުގައި ރިޔާޒު ނުކުމެވަޑައިގަންނަވާނީ ކާނަލް ނާޒިމާއެކު އޭނާ އުފައްދަވާ ޕާޓީންނެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަންގެ 40 އިންސައްތަ ޙިއްސާކުރާ އެމްޑީޕީއެވެ. އެޕާޓީގެ ރައީސް ކަމުގައި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ހުންނެވީ ރައީސް ނަޝީދެވެ. އަދި ދެވަނައަށް އެންމެ މެންބަރުން ގިނަ އިދިކޮޅު ޕީޕީއެމްގެ ލީޑަރަކީ ރައީސް ޔާމީންއެވެ. މީގެ އިތުރުން ތިން ވަނަ އަށް އެންމެ މެންބަރުން ގިނަ ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެޕާޓީގެ ލީޑަރަކީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން