އެމްޑީޕީގެ ލީޑަރޝިޕް
އެމްޑީޕީގެ ލީޑަރޝިޕް
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ސިޔާސީ ގޮތުން މިހާރު ފިކުރުދިމާނުވާ ކަމަށާއި، ސިޔާސީ ގޮތުން އެމަނިކުފާނާ އެކީގައި މިހާރު ހުންނެވެން ނެތް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު އިިއްޔެވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ ބަސްފުޅަށް ރައީސް ޞާލިޙް އެއްވެސް ސަމާލުކަމެއް ނުދެއްވުމުން ރައީސް ނަޝީދު މިއަދުވަނީ އިއްޔެ ދެއްކެވި ވާހަކަފުޅުގެ އިތުރު ތަފްސީލްތައް ހާމަކުރަށްވާފައެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެމަނިކުފާނުގެ ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރެއްވުން ކަމަށާއި، އެގޮތުން އެމްޑީޕީއަށް އަައު އިއްތިހާދެއް ބޭނުންވާ ކަމަށެވެ. އެފަދަ އިއްތިހާދެއްގައި ހުންނަން އެމަނިކުފާނު އެދިވަޑައިގަންނަވާ ސިފަތައްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެދެއްވާފައެވެ.

"އެއީ އިންޑިޔާ އައުޓު ނުގޮވާ، ނަފުރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކް ހަރާމްނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަނުކުރާ އިއްތިހާދެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޕީޕީއެމްއާއި އެމްޑީޕީގެ ގިނަ މީހުން ތިބޭނީ އެގޮތަށް ކަމަށާއި، ރާއްޖެ އަފުޣާނިސްތާނާ އެއްހާލަތަކަށް ދާން ގިނަ ދިވެހިން ބޭނުން ނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ޞާލިޙާއެކު ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް ހާމަކުރައްވައި ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށެވެ. އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާމުހިންމު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ޔާމީނާއި ޕީޕީއެމުން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެބޭފުޅުންގެ އެހީއަށް އެދޭނަން." ރަައީސް ނަޝީދުގެ މެސެޖްގައިވެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތަށް ބޮޑުވެ ޕާޓީ މިހާރު ވަނީ ދެބައިވެފައެވެ. އޭގެތެރެއިން އެއްބަޔަކު އެމްޑީޕީގެ އިސް ލީޑަރު ރައީސް ޞާލިޙަށް ތާއިދުކުރާއިރު އަނެއް ބަޔަކު ތާއިދުކުރަނީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށެވެ. ނަމަވެސް ޕާޓީގެ މަޖިލިސް މެންބަރުންގެ އަޣުލަބިއްޔަތު އޮތީ ރައީސް ޞާލިހުގެ ފަޅީގައި ކަމަށް އެޕާޓީގެ ބައެއް މަޖިލިސް މެންބަރުން ފާޅުގައި ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން