އިޓަލީ އާއި ވޭލްސް މިރޭ ބައްދަލުކުރި މެޗްގެ ތެރެއިން
އިޓަލީ އާއި ވޭލްސް މިރޭ ބައްދަލުކުރި މެޗްގެ ތެރެއިން
ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ އިން ދެވަނަ ބުރަށް އިޓަލީ އާއި ވޭލްސް ދަތުރުކޮށްފިއެވެ.

މި ގްރޫޕްގެ ފަހު މެޗުތަކުގައި މިރޭ އިޓަލީގެ ރޯމްގައި އިޓަލީ އާއި ވޭލްސް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން އިޓަލީ ކާމިޔާބުކުރި އިރު، އަޒަރުބައިޖާންގެ ބަކޫގައި ކުޅުނު މި ގްރޫޕްގައި އަނެއް މެޗުގައި ސުވިޓްޒަލޭންޑާ ތުރުކީ ވާދަކޮށް 3-1 ގެ ނަތީޖާއިން މެޗް ކާމިޔާބުކުރީ ސުވިޓްޒަލޭންޑް އެވެ.

އިޓަލީ އާއި ވޭލްސް ބައްދަލުކުރި މެޗުގައި އިޓަލީގެ ހަމައެކަނި ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ޖަހައިދިނީ މަޓެއޯ ޕެސީނާއެވެ.

ތުރުކީ އާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗުގައި ސުވިޒަލޭންޑްގެ ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށް ދިނީ ހަރިސް ސެފެރޯވިޗް އެވެ. ސްވިޒަލޭންޑުން މެޗުގެ ލީޑު ފުޅާކުރި ލަނޑު 26 ވަނަ މިނެޓުގައި ޖެހީ ޒެރްޑަން ޝަގީރީ އެވެ. ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ތުރުކީގެ ހަމަ އެކަނި ލަނޑު ޖެހީ އިރްފާން ޗޭން ކަވޭޗީ އެވެ. ސްވިޒަލޭންޑްގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ މެޗުގެ ދެވަނަ ލަނޑުވެސް ޖަހައިދިން ޝަގީރީއެވެ.

ގްރޫޕް އޭ އިން އިޓަލީ ދެވަނަބުރަށް ދިޔައީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެން 9 ޕޮއިންޓާއި އެކުގައެވެ. ދެވަނަ ޓީމުގެ ގޮތުގައި ވޭލްސް ދެވަނަބުރަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެވެ. ސްވިޒަލޭންޑަށް ގުރޫޕުގެ ތިންވަނަ ލިބުނުއިރު، ތިންވަނައިގައި ހިމެނޭ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށްވެސް އެބަ އޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން