އެމްއެމްއޭގެ ގަވަރނަރ އަލީ ހާޝިމް (ކ)
އެމްއެމްއޭގެ ގަވަރނަރ އަލީ ހާޝިމް (ކ)
ރަައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން އެމަނިކުފާނަށް ދެމުންގެންދާ ސަލާމަތާ ރައްކާތެރިކަން ފޫއަޅުވާލި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް އެމްއެމްއޭގެ ވެރިން ހާޒިރުވެ މަޢުލޫމާތު ދީފިއެވެ.

މިއަދު ކޮމިޓީއަށް މަޢުލޫމާތު ފޯރުކޮށްދީފައިވަނީ، ގަވަރުނަރު އަލީ ހާޝިމާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާހިމް އަހުމަދު ނާސިރެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދާއި ވަކި ވަކި ސިފައިންނާއި، ފުލުހުންގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި، ދަޢުލަތުގެ އެކި މަޤާމުތަކުގައި ކުރިން ޚިދުމަތްކުރެއްވި ބައެއް ބޭފުޅުންވެސް ވަނީ ހާޟިރުވެ ކޮމިޓީން އޮޅުން ފިލުއްވަން ބޭނުންވި މަޢުލޫމާތުތައް ޙިއްސާ ކުރަށްވާފައެވެ.

މި ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރަން ބޭނުންވާ ސިފައިންނާއި ފުލުހުންނަށްވެސް އެފުރުސަތު ކޮމެޓީން ވަނީ ހުޅުވާލައިފައެވެ.

މެއި 6 ވަނަ ދުވަހުގެ ހާދިސާއާ ގުޅޭ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިނުވާކަމަށް އެ ހާދިސާއާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވެފައިވެއެވެ.

241 ކޮމިޓީން ވަކިވަކި ސިފައިންނާ ސުވާލުކުރަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން ވަނީ ވަކިވަކި ސިފައިންނާ ސުވާލު ނުކުރެވޭނެ ކަމަށާއި ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ އަސްކަރިއްޔާއިންކަން ހާމަކޮށްފައެވެ. ނަމަވެސް މިހާރު ވަކިވަކި ސިފައިން ގެންދަނީ ކޮމިޓީއަށް ޙާޟިރުވެ މަޢުލޫމާތު ހާމަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު