ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް
ދިވެހިން ކަންބޮޑުވަނީ އެއް އަތުން ކާއެތިކޮޅު ލަވަމުން އަނެއް އަތުން ކަރުގައި ހިފާތީކަމަށް ޖުމްހޫރީ ޕާޓީގެ ނައިބުރައީސް އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އިންޑިއާ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ޚިޔާލު ފާޅުކުރަށްވަމުން އަމީން މިއަދު ވިދާޅުވީ، އިންޑިއާއިން ކިތަންމެ ހެޔޮ ނިޔަތެއްގައި ކަންތައްތައް ކޮށްދިނަސް ދިވެހިން ކަންބޮޑުވަނީ މާޒީގައި ދިވެހިންނަށް ކަންތައްތައް ދިމާވެފައިވާ ގޮތުގެ ސަބަބުން ކަމަށެވެ. އެގޮތުން އެއްއަތުން ކާއެތިކޮޅު އަނގަޔަށް ލަވަމުން އަނެއް އަތުން ކަރުގައި ހިފައި ވައިނޮޅިއަށް ބާރުކުރަމުން ދިޔަ ޙާލަތްތައް ތާރީޚުން ފެންނަން އެބަހުރި ކަމަށް އަމީން ވިދާޅުވިއެވެ.



ދިވެހިންނަކީ ޒަމާނުއްސުރެ ބޭރު މީހުންނާއި، ބޭރުގެ ކަރަތަކާ ވަރަށް އިޚްލާޞްތެރި ގުޅުމެއް ބާއްވަމުން އައި ބައެއް ކަމަށާއި، އެމީހުންނާމެދު ދިވެހިންގެ ހިތް ވަރަށް ސާފުކަމަށް އަމީން ވިދާޅުވިއެވެ. އެހެންކަމުން, އެގުޅުންތައް ވަނީ ވަރަށް ދުރަށް ފެތުރިފައި ކަމަށާއި، ނަތީޖާއެއްގެ ގޮތުން އެކި މުނާސަބަތުތަކާ ގުޅިގެން, ހަދިޔާބަދިޔާއާއި ބޮޑެތި އެހީތައް އަންނަނީ ރާއްޖެއަށް ލިބެމުންކަން އަމީން ފާހަގަކުރެއްވިއެވެ. އަދި ދިވެހިން އަންނަނީ އެއެއްޗެހި ގަބޫލްކުރަމުން ކަމަށާއި އެގުޅުމުގެ ރަމްޒެއްގެ ގޮތުން އަވައްޓެރި އުތުރުކަރައަކީ ރާއްޖެއަށް އެހީވުމުގައި ނަމޫނާ ގައުމެއްކަން އަމީން ފާހަގަ ކުރެއްވިއެވެ.



އަމީން ވިދާޅުވީ، އުތުރުކަރައިން މީގެ ކުރިން ދެމުންއައި ދީލަތި އެހީތަކާ ގުޅިގެން ރައްޔިތުން ސުވާލުކޮށް ނޫޅޭ ކަމަށާއި، ދިވެހިން ވިޔަފާރިއާއި ބޭސްފަރުވާއާއި އެހެނިހެން ބޭނުންތަކަށް އެންމެ ފަރިތަ ގައުމަކީ އުތުރުކަރަ ކަމަށެވެ.

"ދިވެހިންގެ 'ބިގް ބްރަދަރ' ގެ ގޮތުގައި އުތުރުކަރަޔަށް އިޝާރާތް ކުރެވެމުން ދިއުމެވެ. ނަމަވެސް މިއަދު އުތުރުކަރައިގެ ފަރާތުން އަންނަ ކޮންމެ އެހީއަކާ މެދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސުވާލުކުރަން ފަށައިފިއެވެ. ކަންބޮޑުވާން ފަށައިފިއެވެ. އަދި ބައެއް މީހުން ކަނޑައެޅިގެން އެއާ ދެކޮޅުވެސް ހަދަން ފަށައިފިއެވެ. އެއީ ކިތަންމެ ދީލަތި, ބޭނުންތެރި އެހީއެއްކަމަށް ވިޔަސް މެއެވެ." އަމީން ވިދާޅުވެފައި ވެއެވެ.

މިގޮތުން ދިވެހި ރައްޔިތުންގެ ކަންބޮޑުވުން މިއަދު ބޮޑުވެގެން އުޅޭ މައްސަލައަކީ އައްޑޫގައި އިންޑިޔާގެ ކޮންސިއުލަރ އޮފީހެއް ގާއިމްކުރަން އިންޑިޔާއިން ނިންމި ނިންމުމާ މެދުގައި ކަމަށާއި، މިއީ ބައެއް މީހުންނަށް ރަންވަޅެއް ފެނުން ކަހަލަ ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.

"'ތަރައްގީ ކޯދުލާ އަރާނެ' ސަބަބެކެވެ. އަނެއް ބަޔަކަށް މިފެންނަނީ މިއީ އިސްތިޢުމާރީ ވާގަނޑެއްގެ ގޮތުގައެވެ. މިނިވަންކަމާއި އިސްތިގުލާލުގެ ކަރަށް މަހާލެވޭ މަޅިއެއްގެ ގޮތުގައެވެ." އަމީން ވިދާޅުވިއެވެ.

އުތުރު ކަރައިގެ މީޑިޔާތަކުގައި މިފަހަކަށް އައިސް ރާއްޖެ ސިފަކުރެވުނު ގޮތާއި, ރާއްޖޭގެ ސަރުކާރުގެ މުހިންމު އިސްތިރާޖީ ނިންމުންތަކާ ގުޅިގެން އެކަންކަން ރިޕޯޓުކޮށްފައިވާ ގޮތަށް ބަލާއިރު, އައްޑޫގައި ކޮންސިއުލަރ އޮފީހެއް ހުޅުވުމާމެދު ފުންކޮށް ވިސްނާލަން ޖެހޭކަމަށް އަމީން ވިދާޅުވިއެވެ. އަދި މިކަމަކީ އައްޑުއަށް ނިސްބަތްވާ ބައެއް އިސްބޭފުޅުން ވިދާޅުވާފަދައިން ފަހަރުގައި އެކަމަށް ކެމްޕޭންކުރާ ބަޔަކަށާއި ވާގިވެރިވެދޭ ބަޔަކަށް ކޮންމެވެސް ވަރެއްގެ މަންފާއެއް ކޮށްފާނެ ކަމަކަށް ވެދާނެ ކަމަށާއި، ނަމަވެސް, މިކަމަކީ ވަގުތީ ފައިދާއަކަށް އަދި ގައުމުގެ ވަކި ހިސާބެއްގެ ބަޔަކަށް ލިބޭނެކަމަށް ލަފާކުރެވޭ މަންފާއަކަށްވުރެ ބޮޑަށް އިޖްމާލީ ގޮތެއްގައި މުޅި ގައުމާއި ގައުމުގެ އިސްތިގުލާލަށް ކިހާވަރެއްގެ އަސަރެއް ކޮށްފާނެ ކަމެއްތޯ ބަލައިލަންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.

ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމާ ގުޅުންހުރި ކޮންމެ ކަމަކީ ދިވެހި ކޮންމެ ރައްޔިތަކާވެސް ގުޅުންހުރި ކަމެއް ކަމަށާއި، ގައުމުގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ފުށުއަރާ ނުވަތަ 'ކޮމްޕްރޮމައިޒް' ވެދާނެ އެއްވެސް ކަމަކާ ތަރައްގީއަކާ އަޅާ ނުކިޔޭނެ ކަމަށް އަމީން ވިދާޅުވިއެވެ. ތަރައްގީ އަންނާނީ 'މިނިވަންކަމުގެ ބާބުގެ ފަހުން' ކަމަށާއި، ކޮންމެ ތަނެއްގައި ކޮންމެ އޮފީހެއް ގާއިމްކުރިޔަސް, އެކަމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާފާނެ ކަމެއްކަމަށް ރައްޔިތުން ދެކޭނަމަ, އެ ކަންބޮޑުވުން ފާޅުކުރުމަކީ އަދި އެއަށް ޙައްލެއް ހޯދަން އުޅުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޙައްގެއް ކަމަށް އަމީން ވިދާޅުވިއެވެ.

މިޒަމާނުގައި ދެގައުމެއްގެ ދެމެދުގައި އޮންނަ ޑިޕްލޮމެޓިކް ގުޅުންތަކުގެ މައި މަރުކަޒަކީ ގައުމުތަކުގައި ހުންނަ އެމްބަސީ ނުވަތަ ހައިކަމިޝަންތައް ކަމަށާއި، ކައުންސިލް އޮފީސްތަކަކީ ގައުމީ ފެންވަރުގެ މުހިންމު ނިންމުންތައް ނިންމޭނެ ބާރުވެރި ބައެއްނޫން ކަމަށް އަމީން ވިދާޅުވިއެވެ.

ގައުމުތަކުން ކޮންސިއުލަރ އޮފީސްތައް ގާއިމްކުރަނީ، އެގައުމެއްގެ މަސައްކަތްތެރިންނާއި, ވިޔަފާރިވެރިންނާއި, ފަތުރުވެރިން ގިނަ ނުވަތަ ކޮންސިއުލަރ އޮފީހަކުން ޚިދުމަތް ލިބިގަންނަ މީހުން ގިނަ ހިސާބުތަކުގައި ޕާސްޕޯޓާއި, ވިސާއާއި, އުފަންދުވަހުގެ ސެޓްފިކެޓާއި, މިފަދަ އާންމު ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް ކަމަށާއި، އައްޑޫން މިފަދަ ޟަރޫރީ ބޭނުމެއް މިވަގުތަށް އެބަފެނޭތޯ ސުވާލު އުފެދޭ ކަމަށް އަމީން ވިދާޅުވިއެވެ.

"ދެވަނަ ބޭނުމަކީ އޮފީސް ގާއިމްކުރެވޭ ސަރަޙައްދެއްގައި އަލަށް ފަށަން އުޅޭ 'ކަމަކަށް' މަގުފަހިކުރުމަށް ސިޔާސީ ގޮތުން, ރައްޔިތުންނާ ގާތްވުމެވެ. 'ޑިޕްލޮމެޓިކް' ޙިމާޔަތުގައި އަދި ބައެއް ޢާންމު ގާނޫނުތަކުގެ ހަވާސާގައި ވިޔަފާރިއާއި އެހެނިހެން ކަންކަމުގައި ގުޅުމާއި ވާދަ އުފެއްދުމެވެ. ގިނަ ބައެއްގެ ވިސްނުން ދަތުރުކުރަނީ މި ދިމާއަށެވެ." އަމީން ވިދާޅުވިއެވެ.

އަދި މިޙަގީގަތަކީ މިކަމުގައި މިކިޔާއުޅޭ އެއްވެސް ބަޔަކު, 'އިރު އަލީގައި' ހާމަކުރާނެ ޙަގީގަތެއް ނޫން ކަމަށާއި، މިފަދަ އެޖެންޑާތަކުގެ ތެރެއިން އެކި ނަންނަމުގައި ގައުމުތަކަށް ތޮރުފިގަތް ބާރުތަކުން, ތާރީޚުގައި ކަންކުރިގޮތް ދިވެހިން ހަނދާ ނުނެތޭ ކަމަށް އަމީން ވިދާޅުވިއެވެ.

އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް އިންޑިއާ ސަރުކާރުން ނިންމުމުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ އެކަމަށް މަރުހަބާ ކިޔައި އެއީ އައްޑޫ ސިޓީއަށް ބޮޑެތި ފައިދާ ތަކެއް ލިބޭނެ ކަމެއް ކަމަށް ސިފަކޮށްފައެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓް އަވަހަށް ގާއިމު ކުރުމަށް އެ މެންބަރުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން މި ނިންމުމާ ދެކޮޅު ހަދައި ސުވާލު އުފައްދަމުން ވެސް ގެންދެއެވެ. އެފަދަ ފަރާތްތަކުން ސުވާލު އުފައްދަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކޮށްގެން އައްޑުއަށް އަންނާނެ ކުރިއެރުމާއި ތަރައްގީއާއި ރައްޔިތުންނަށް ކުރާނެ ފައިދާއާއި ލިބޭނެ ފަސޭހަތަކަކީ ކޮބައިތޯ ސުވާލު އުފައްދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު