ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނަޢީމް
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނަޢީމް
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ހުށައަޅުއްވާފައިވާ އިސްލާޙުގެ ސަބަބުން ދީނަށް ފުރައްސާރަ ކުރުން ހައްދުން ނެއްޓިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ބޮޑެތި އަދަބުތައް ލިބޭ ކުށަކަށް ހެދުމަށް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ އިސްލާޙު ހުށައަޅުއްވާފައެވެ.

އެ އިސްލާޙާއި ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި އަނާރާ ވިދާޅުވީ، ދީނަށް ފުރައްސާރަކުރުން މިރާއްޖޭގައި ޢާއްމުވެފަވާއިރު އެކަމަށް ޙުކުމެއް ތަންފީޛު ނުކުރާޙާލު، މިހާރު މަޖިލީހަށް ހުށައަޅާފައިވާ އިޞްލާޙު ގެނެސްގެން ދީނަށް ފުރައްސާރަކުރާމީހުންގެ ޢަމަލުތަކަށް ހިތްވަރުލިބި ހައްދުންނެއްޓިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.



އަނާރާގެ އިތުރުންވެސް ރާއްޖޭގެ ބައެއް ދީނީ ޢިލްމްވެރިންނާއި ބައެއް ސިޔާސީ ފަރާތްތަކުންވެސް އަންނަނީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކިތަންމެ ބަޔަކު ދެކޮޅު ހެދިނަމަވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީއޮތް މިހާރުގެ ރައްޔިތުންގެ މަޖިލީހުން މިބިލު ފާސްކުރާނެކަމަށް ގިނަ ބަޔަކު ޔަގީން ކުރަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އިސްލާމް ދީނުގެ ބައެއް ޢިލްމެވެރިންނާއި އެޕާޓީގެ ވިސްނުމާއި އިދިކޮޅު ސިޔާސީ މީހުންގެ އެފަދަ ބަހުގެ ހަމަލާތައް އެމްޑީޕީއަށާއި ޕާޓީގެ ބައެއް ސަޕޯޓަރުންނަށާއި އެޕާޓީގެ ރައީސަށް ރައްދު ކޮށްފައިވާތީ ކުރިމަގުގައި އެކަން ތަކުރާރުވިޔަނުދީ އެކަން ހުއްޓުވުމަށް މި އިސްލާހުން މަގުފަހިވެގެންދާނެތީ ކަމަށް ބެލެވެއެވެ.

ޙިސާން ހުށައެޅުއްވި ބިލްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކު ނިސްބަތްވާ ގައުމެއްގެ ސަބަބުން ނުވަތަ ނަސްލެއްގެ ސަބަބުން މީހަކާއި ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ.

ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުމެވެ. އަދި އަސާސީ މިންގަނޑުންނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.



ކިޔުންތެރިންގެ ހިޔާލު