މާލެ ސިޓީގެ ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލުން ބައެއް އުނިކޮށް ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ.

މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ ކޮވިޑް-19ގެ ނުރައްކާތެރި މި ހާލަތުގައި މާލެ ސިޓީގައި ގިނަ ވަގުތު ކާފިޔު އިއުލާންކޮށްފައި އޮންނާތީ ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް މުއިއްޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.



ކޮންމެ އަހަރެއްގެވެސް މާޗް މަހުން ފެށިގެން ޖޫންއާ ހަމައަށް އާއްމުކޮށް ރާއްޖޭގެ ހޫނު މޫސުން ދެމިގެންދާތީ މި މަސްތަކުގައި ކަރަންޓް ބިލް ވަރަށް ބޮޑުވެގެންދާކަން ފާހަގަކޮށްލެވެއެވެ. ކުރިއަށް އޮތް މަހުވެސް ކަރަންޓް ބިލް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމުގައި ސްޓެލްކޯއިން ބުނެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މީގެ ކުރިންވެސް ސަރުކާރުން ވަނީ ފެނާއި ކަރަންޓް ބިލުން ބައެއް މާފުކޮށްދީފައެވެ. އޭރުވެސް ލުއިދިނީ މާލޭގައި ކޯވިޑް ފެތުރެން ފެށުމާއި ގުޅިގެން ގިނަ ވަގުތު ލޮކްޑައުންކޮށްފައި އޮތުމުން ވިޔަފާރި ތަކަށް ގެއްލުން ލިބި އާންމު ރައްޔިތުންގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާތީ އެވެ.

އަނެއްކާވެސް މާލެ ސަރަހައްދާއި އަތޮޅު ތަކުގެ ގިނަ ރަށްތަކެއްގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެއާއި އެފަދަ ރަށްތަކުގައި 12 ގަޑިއިރަށް ކާފިއު ހިންގުމުގެ އިތުރުން ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވައިގެން މީހުން ވައްދައިގެން ޚިދުމަތް ދިނުން ވެސް ވަނީ މުޅިން މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު