ދުވަހަކުވެސް ހީނުކުރައްވާ ކަންތައްތަކެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަގެ ފަރާތުން ގެވެށި އަނިޔާއާ ކުރިމަތިވި ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) މިއަދު ވިދާޅުވެއްޖެއެވެ.

އަސްރާ ވިދާޅުވީ ފާއިތުވި 24 ގަޑިއިރަކީ، އޭނާއާއި ތުއްތު ދަރިފުޅަށް އުނދަގޫ އިޙްސާސްތަކެއް ކުރަންޖެހު ވަގުތުތަކެއް ކަމަށެވެ.

"ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނެވެ. ނަމަވެސް މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެން ދެމައިންގެ ޙާލުވެސް މިހާރު ރަގަނޅެވެ." އަސްރާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވިއެވެ.

އީސަގެ ފަރާތުން ލިބިވަޑައިގެންނެވި އަނިޔާތަކަށް އައިޖީއެމްއެޗުން އަސްރާ ވަނީ ފަރުވާ ވެސް ހޯއްދަވާފައެވެ.

މި އުނދަގޫ ވަގުތުގައި، ރަޙުމަތްތެރިންނާއި، ހެޔޮއެދޭ އެންމެހައި ފަރާތްތަކުން، އޭނާއަށް ދެއްވި ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެފަރާތްތަކަށް އަސްރާ ވަނީ ޝުކުރު އަދާކުރަަށްވާފައެވެ.

އަސްރާ އިއްޔެ ވަނީ މިމައްސަލައާ ގުޅިގެން ފުލުހުންނަށް އީސައާއި ދެކޮޅަށް ބަޔާނެއް ދެއްވާފައެވެ. ގެވެށި އަނިޔާގެ މަައްސަލައިގައި އީސަ ހައްޔަރުކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ގޮވާލާފައެވެ. އެމައްސަލައިގައި އީސަ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމުން ވަކިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެެވެ.



ކިޔުންތެރިންގެ ހިޔާލު