ބަނގުރާބޯ މީހުންގެ ފަރާތުން ކޮންމެފަދަ އަނިޔާއެއްވެސް ލިބިދާނެ ކަމަށް ސަލަފް ޖަމިއްޔާގައި އިސްކޮށް ޙަރަކާތްތެރިވާ ޢަލީ ރަމީޒް ބިން ޤާސިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ، އޭނާގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، އެ ޢަމަލު ހިންގި ވަގުތު ޢީސަ ހުންނެވީ މަސްތުގެ ޙާލަތުގައި ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

އެކަމަށް އިޝާރާތް ކުރަށްވާ ޢަލީ ރަމީޒް ވިދާޅުވީ، ބަނގުރާބޯ މީހުންގެ ފަރާތުން ކޮންމެފަދަ އަނިޔާއެއްވެސް ކުރިމަތި ވެދާނެ ކަމަށާއި، ގެވެށި އަނިޔާ ހުއްޓުވަން ޖެހޭ ކަމަށެވެ.



ޢަލީ ރަމީޒްގެ އިތުރުން ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދުވެސް ވަނީ ޢީސަ ގެވެށި އަނިޔާގެ ޢަމަލު ހިންގިއިރު ހުރީ މަސްތުގެ ޙާލުގައި ނޫންކަން ކަށަވަރު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޢަލީ ޒައިދު ވިދާޅުވީ، ރައްޔިތުންގެ މައްޗަށް ޤާނޫނު ހަދަން ތިއްބަވާ ބޭފުޅުންނަކީ ރާބޮއި، މަސްތުވެ ގެވެށި އަނިޔާފަދަ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ ފަރާތެއްނަމަ އެފަދަ މީހުންގެ ފުށުން ނިކުމެދާނެ ހެޔޮ ޤާނޫނަކާއިމެދު ކުރެވޭނެ އިތުބާރެއް ނެތް ކަމަށެވެ. އަދި ގެވެށި އަނިޔާ ކުރުމާމެދު އެމްޑީޕީގެ ސްޓޭންޑް ހާމަކޮށްދިނުމަށްވެސް ޒައިދު ވަނީ ގޮވާލަށްވާފައެވެ.



ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވަމުން ގެންދަވާ އީސަ އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންވަނީ ބަލަން ފަށާފައެވެ. އީސަ އަނިޔާކުރުމުން ކުރީގެ އަނބިކަބަލުން އަސްރާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުން ވަނީ ފަރުވާވެސް ހޯދާފައެވެ. އަސްރާ ވަނީ އެ މައްސަލާގައި ފުލުހުންނަށް ބަޔާންދީފައެވެ.



ކިޔުންތެރިންގެ ހިޔާލު