ރިސޯޓަކަށް އަރައި ވަގަށް ނެގި ބަނގުރާ ފުޅިތަކެއް ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ ވައްކަމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންމަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ކ. އަތޮޅު ރިސޯޓަކުން ވަގަށް ނެގި ބަނގުރާ ފުޅިތަކެއް އަތުލައިގެންފައިވާކަމަށެވެ.

ރިސޯޓަކުން ބަނގުރާ ފުޅިތަކެއް ވަގަށް ނަގައިގެން އެ ރިސޯޓުން ބޭރު ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ 11:45 ހާއިރު އެ ރިސޯޓުގެ ވޯޓަރވިލާ ޖެޓީ މަތިންކަމަށްވެސް ފުލުުހުން ބުނެއެވެ،

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް 53 ފުޅި ބަނގުރަލާއި 12 ދަޅު ބިޔަރު ގެނެސްފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އަދި އެ ވައްކަން ކުރި ރިސޯޓެއްގެ ނަމެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު