ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެންވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.
ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެންވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.
ފަސް ވަނަ ބައި

ބިސްމި ސިއްރުން ކިއުމާމެދު އައިސްފައިހުރި ދަލީލުތައް:

ބަޔާންވެދިޔަ ޙަދީޘުތަކާ ޚިލާފަށް بِسْمِ ކިޔަން ނުޖެހޭކަމަށް ނުވަތަ بِسْمِ ކިޔުން އޮންނަނީ ސިއްރުން ކަމަށްވެސް ސާބިތުވެދާނެ ޙަދީޘުތައް އައިސްފައި އެބަހުއްޓެވެ. އެހެންކަމުން އިމާމު އަބޫޙަނީފާއާއި މާލިކާއި އަޙްމަދާއި އަދި އެނޫން އެތަކެއް ޢިލްމުވެރިންގެ މަޛްހަބަކީ ބިސްމި ބާރަށް ނުކިޔެވުމަށެވެ. އިމާމު މާލިކުގެ މަޛްހަބަކީ ބިސްމިއަކީ އަލްޙަމްދުވެސް އަދި ނަމްލު ސޫރަތުގެ މެދުތެރޭގައި އޮންނަ އާޔަތް ފިޔަވައި އެހެން ސޫރަތެއްގެވެސް އާޔަތެއް ނޫންކަމަށާއި ނަމާދުގެތެރޭގައި ބިސްމި ސިއްރުންވެސް ކިޔަވައިގެން ނުވާނެ ކަމަށެވެ.



މިތާގައި އިމާމުމާލިކުގެ ބަސްފުޅަށް ބުރަވެވޭނެ އެއްވެސް ޞަރީޙަ ދަލީލެއް ނެތްކަމީ ވަރަށް ފާޅުކަން ބޮޑުކަމެކެވެ. އަދި އެހެން ބޭކަލުންގެ ބަސްފުޅަށް ބަލާއިރު ބިސްމި ސިއްރުން ކިޔުމާމެދު އެބޭކަލުން ގެންނަވާފައިހުރި ދަލީލުތަކާމެދު ފުންކޮށް ވިސްނާލުމުން ޙަޤީޤަތާ ހަމަޔަށް ވާޞިލުވެވޭނެއެވެ. އެދަލީލުތަކާއި މެދު އިންސާފުވެރި ނަޒަރަކުން ބަލާއިރު ބިސްމި ސިއްރުން ކިއުމާއި މެދު ޞަރީޙަ ކޮށް ދޭހަވާ އެންމެ ދެރިވާޔަތް މެނުވީ ނުވެއެވެ. ތިރީގައި އެރިވާޔަތްތައް ބަޔާންކޮށްލާނަމެވެ.

(1) އެއްރިވާޔަތަކީ މާތް ﷲ ރުއްސުންލެއްވި އިބްނު މުޣައްފަލްގެ ރިވާޔަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "سَمِعَنِي أَبِي وَأَنَا فِي الصَّلاَةِ أَقُولُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فَقَالَ لِي أَيْ بُنَيَّ مُحْدَثٌ إِيَّاكَ وَالْحَدَثَ قَالَ وَلَمْ أَرَ أَحَدًا مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ وَقَدْ صَلَّيْتُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَعَ أَبِي بَكْرٍ وَمَعَ عُمَرَ وَمَعَ عُثْمَانَ فَلَمْ أَسْمَعْ أَحَدًا مِنْهُمْ يَقُولُهَا فَلاَ تَقُلْهَا إِذَا أَنْتَ صَلَّيْتَ فَقُلْ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ"

(ޔަޢުނީ: އަހުރެން ނަމާދުގައި ބިސްމި ކިޔަނިކޮށް އަޑު އައްސަވާފައި ބައްޕަ ވިދާޅުވިއެވެ. ދަރިފުޅާއެވެ! ތިޔައީ އާކަމެކެވެ. ތިޔަ ޢަމަލު ދޫކޮށްލާށެވެ! މިހެނީ رَسُولُ اللَّهِ ﷺ އަރިހުގައި ތިމަން ކަލޭގެފާނު ނަމާދުކުރެއްވީމެވެ. އަދި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނާއި މިތިން ބޭކަލުންގެ ފަހަތްޕުޅުގައިވެސް ނަމާދުކުރެއްވީމެވެ. އެއިން އެއްވެސް ބެއިކަލަކު ބިސްމި ވިދާޅުވި އަޑެއް ތިމަން ނުއައްސަވަމެވެ. ވުމާއެކު ދަރިފުޅާއެވެ! ބިސްމި ނުކިޔާށެވެ! އަދި ނަމާދުގައި ކިޔަވާއިރު الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ މިހިސާބުން ކިޔަވަން ފަށާށެވެ.) އިމާމު ތިރްމިޛީ މިރިވާޔަތް ބަޔާން ކުރެއްވުމަށް ފަހު ވިދާޅުވެފައިވަނީ އެއީ ޙަސަނު ދަރަޖައިގެ ރިވާޔަތެއް ކަމުގައެވެ.

މިޙަދީޘާމެދު ބަޙުޘް ކުރައްވަމުން އިމާމުނަވަވީ އެކަލޭގެފާނުންގެ ފޮތް އަލްޚުލާޞާގައި ވިދާޅުވެފައިވެއެވެ. ހަމަ އެހެންމެ އަލްމަޖްމޫޢުގައްޔާއި މުސްލިމުގެ ޝަރަޙައިގައިވެސް ނަވަވީ ވިދާޅުވެފައި ވެއެވެ. "وَقَدْ ضَعُفَ الْحُفَّاظُ هَذَا الْحَدِيثَ وَأَنْكَرُوا عَلَى التِّرْمِذِى بِتَحْسِينِهِ كَإِبْنِ خُزَيْمَةَ وَابْنُ عَبْدِ الْبَرّ وَالْخَطِيب" (ޔަޢުނީ: ޙަދީޘު ޢިލްމުގެ އެންމެހައި ޢިލްމުވެރިން ވަނީ މިޙަދީޘް ޟަޢީފުކަމަށް ވިދާޅުވެ، އިމާމު ތިރުމިޛީ މިޙަދީޘު ޙަސަން ކުރައްވާފައިވާތީ އެކަމާ އިންކާރު ކުރައްވާފައެވެ. އެބޭކަލުންގެ ތެރޭގައި އިމާމު އިބްނު ޚުޒައިމާއާއި އިބްނު ޢަބުދުލްބައްރު އާއި އަލްޚަޠީބު ހިމެނިވަޑައިގަންނަވައެވެ.) އިމާމު ތިރުމިޛީއަށް ރައްދުދެއްވަމުން މިބެއިކަލުން ވިދާޅުވަނީ މިފަދައިންނެވެ. "إِنَّ مَدَارَهُ عَلَى ابْنِ عَبْدِ اللَّهِ بْنِ مُغَفَّلٍ وَهُوَ مَجْهُولٌ" (ޔަޢުނީ: ހަމަކަށަވަރުން މިރިވާޔަތް ބަރޯސާ ވެރިވެފައިވަނީ ޢަބްދު ﷲ އިބްނު މުޣައްފަލްގެ ދަރިކަލުންނަށް ކަމަށާއި އެއީ މަޖުހޫލު ރާވީއެއް ކަމަށެވެ.)

މީގެ އިތުރުން މިރިވާޔަތުގައި އަންނަ އެއްރާވީ ކަމުގައިވާ ސަޢުދު އިބްނު އިޔާސް އަލްޖުރައިރީ އަކީވެސް ފަހު ޢުމުރުފުޅުގައި ދަސްފުޅުވުން ބަލިކަށިވެފައިވާ ބޭކަލެއް ކަމުގައި މިފަންނުގެ ވަރަށްގިނަ އިމާމުން ވިދާޅުވެފައި ވެއެވެ. އޭގެތެރޭގައި އަބޫ ޙާތިމު އައްރާޒީއާއި އައްނަސާއީއާއި މުޙައްމަދު އިބްނު ސަޢުދުއާއި އަލްޢުޖަލީއާއި އިބްނު ޢަދީއާއި އެނޫންވެސް ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ.



ދަންނަވަންތޯއެވެ! އިބްނު ޢަބްދު ﷲ އިބްނު މުޣައްފަލްގެ މިރިވާޔަތަކީ މިސާލަކަށް (ވަގުތީގޮތުން) ޙަސަން ދަރަޖައިގެ ރިވާޔަތެއް ކަމުގައި ބެލި ކަމުގައި ވިޔަސް އިސްވެ ބަޔާންވެދިޔަހައި ޞައްޙަ ރިވަޔަތްތަކާ އަޅާބަލާއިރު އެރިވާޔަތްތަކާ އެއްހަމަ ކުރެވޭނެ އެއްވެސް ގޮތެއްނެތެވެ. މިހެނީ މިރިވާޔަތުން ޞަރީޙަކޮށް އެގެނީ އެއްވެސް ޙާލަތެއްގައި ސިއްރުންވެސް بِسْمِ ކިޔައިގެން ނުވާނެކަމަށެވެ. އަދި بِسْمِ އާއި سُورَةُ الْفَاتِحَة އާއި އެއްވެސް ގުޅުމެއް ނުވާކަމަށެވެ. މިއީ ކިހާބޮޑު އޮޅުމަކަށް ވާނެތޯއެވެ؟ އަދި ހަމަހެންމެ އެންމެ ބެއިކަލެއްގެ ބަސްފުޅަށް އިސްވެބަޔާންވެދިޔަ އެންމެހާ ރިވާޔަތްތައް ދޫކޮށްލުން މިއީ އެންމެ ޞައްހަކަން ބޮޑު ގޮތްކަމުގައިވެސް ނުވާނެކަން ކަށަވަރެވެ. އަދި އިޘްބާތާއި ނަފީ އަރާރުންވާގޮތް ދިމާވެއްޖެނަމަ އިޘްބާތަށް ތަރުޖީޙަ ދެއްވުމުގެ އުޞޫލު ކޮބައިތޯއެވެ؟ رَسُولُ اللَّهِ ﷺގެ ސުންނަތަށް ޢަމަލުކުރުމަށްޓަކައި މިއާއިދިކޮޅަށް މިހާ ގިނަ ދަލީލުތައް ހުއްޓާ އެންމެ ޞައްޙަކަންބޮޑު ގޮތަކީ ބިސްމި ސިއްރުން ކިއުން ކަމުގައި ޤަބޫލުކުރުމީ ސަލާމަތް ބުއްދިއާ ފުށުއަރާކަމެވެ. އަޅުގަނޑު ދަންނަވާނީ ނިކަން ޙައްޤަށް ލޯބިކުރައްވާށެވެ. އިންޞާފަށް ބުރަވެވަޑައިގަންނަވާށެވެ.

(2) އާދެ! ޢަބްދު ﷲ އިބްނު މުޣައްފަލްގެ ރިވާޔަތް ފިޔަވައި ދެން ޞަރީޙަކޮށް بِسْمِ އާއި ބެހޭގޮތުން ބިސްމި ނުކިއުމަށް ދޭހަވާ ރިވާޔަތަކީ މާތް ﷲ ރުއްސުންލެއްވި އަނަސު ގެކިބައިން އައިސްފައިވާ ރިވާޔަތެވެ. އެކަލޭގެފާނުންގެ ކިބައިން ބިސްމީގެ މައްސަލާގައި އެތަކެއް ރިވާޔަތެއް ޞައްޙަ މަގުން އައިސްފައި އެބަހުއްެޓެވެ. މިރިވާޔަތްތަކުގެ ލަފުޒުތައް އައިސްފައިވަނީ ވަރަށް ތަފާތުކޮށެވެ. އެއްރިވާޔަތާ އަނެއްރިވާޔަތް ފުށުއަރާގޮތަށެވެ. ތިރީގައިވާ ތަފްޞީލަށް ވިސްނާލައްވާށެވެ.

(ހ) އެއް ރިވާޔަތުގައި އައިސްފައިވަނީ ނަމާދުގައި رَسُولُ اللَّهِ ﷺ ކިޔަވާވިދާޅުވާން ފައްޓަވަނީ اَلْحَمْدُ لِلَّهِ އިންކަމަށެވެ. ރިވާޔަތުގައި އައިސްފައިވަނީ މިފަދައިންނެވެ. عَنْ أَنَسٍ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبُو بَكْرٍ وَعُمَرُ وَعُثْمَانُ يَفْتَتِحُونَ الْقِرَاءَةَ بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (މާނައީ: އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ ﷺ އާއި އަބޫބަކުރު، ޢުމަރު، ޢުޘްމާނު، މިބޭކަލުން ނަމާދުގެ ކިޔެވުން ފައްޓަވަނީ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އިންނެވެ.)

އިމާމު ތިރުމިޛީ މިޙަދީޘު ރިވާކުރެއްވުމަށް ފަހު ވިދާޅުވެފައިވެއެވެ. މިއީ ކީރިތި ރަސޫލާގެ އަޞްޙާބުންނާއި ތާބިޢީންގެ ތެރެއިން ޢިލްމުވެރިންގެ މަޛްހަބެވެ. އެބޭކަލުން ދެކެވަޑައިގަންނަވަނީ ނަމާދުގެ ކިޔެވުން ފެއްޓުން އޮންނަނީ އަލްޙަމްދުންކަމަށެވެ. އެއަށްފަހު ތިރުމިޛީ ވިދާޅުވެފައި ވެއެވެ. އިމާމު ޝާފިޢީ ދެކެވަޑައިގަންނަވާ ގޮތުގައި އަލްޙަމްދުން ފެށުމުގެ މާނައަކީ ސޫރަތުލްފާތިޙާއިން ފެށުން ކަމަށެވެ. އެހެނީ އަލްޙަމްދު މިބަހަކީ އެސޫރަތުގެ އެއްނަމެވެ. އެހެންކަމުން އަނަސްގެފާނުންގެ ކިބައިން ބައެއް ރިވާޔަތުގައި އައިސްފައިވަނީ އުއްމުލް ޤުރުއާނުން ފައްޓަވާ ކަމަށެވެ. އަދި ބައެއްރިވާޔަތުގައި އުއްމުލް ކިތާބޭވެސް އައިސްފައި އެބަހުއްޓެވެ. އެހެންކަމުން މިރިވާޔަތުގައި މިއޮތް އަލްޙަމްދުން ފައްޓަވާ ބަސްފުޅުގެ މާނައަކީ އެކަލޭގެފާނު ބިސްމި ވިދާޅުނުވާ ވާހަކައެއް ނޫން ކަމަށެވެ.



(ށ) މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނާއި އަބޫހުރައިރާއާއި އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެެއެވެ. އެބޭކަލުން ވިދާޅުވިއެވެ. كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَفْتَتِحُ الْقِرَاءَةَ بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (މާނައީ: رَسُولُ اللَّهِ ﷺ ނަމާދުގައި ކިޔަވަން ފައްޓަވަނީ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އިންނެވެ.) މިތާގައި އަލްޙަމްދުން ފައްޓަވާކަމަށް އޮތް އޮތުމުގެ މުރާދަކީ ސޫރަތުލް ފާތިހާއިން ފައްޓަވާ ވާހަކަ ކަމުގައި މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން އައިސްފައިވާ ރިވާޔަތުގެ ޝަރަޙާގައި ބަޔާންވެގެން ހިނގައްޖެއެވެ.

(ނ) މިމައްސަލާގައި އަނަސްގެފާނުންގެ ކިބައިން އައިސްފައިހުރި ރިވާޔަތްތަކަށް ބަލާއިރު އެރިވާޔަތްތައް އައިސްފައިވަނީ އެއްރިވާޔަތް އަނެއްރިވާޔަތް ފުށުއަރާގޮތަށެވެ. ކުރީގައި ބަޔާންވެ ދިޔަ ރިވާޔަތާއި ޚިލާފަށް އެއްރިވާޔަތުގައި އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. صَلَّيْتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَلَمْ أَسْمَعْ أَحَدًا مِنْهُمْ يَقْرَأُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (މާނައީ: رَسُولُ اللَّهِ ﷺ އާއި އަބޫބަކުރު، ޢުމަރު، ޢުޘްމާނު، މިބޭކަލުންނާއެކު ތިމަންކަލޭގެފާނު ނަމާދު ކުރެއްވީމެވެ. އެއިން އެއްވެސް ބޭކަލަކު ބާރަށް ބިސްމި ވިދާޅުވިއަޑެއް ތިމަން ނައައްސަވަމެވެ.)

(ރ) އެހެންރިވާޔަތެއްގައި އައިސްފައިވެއެވެ. މުޢުތަމަރު އިބްނު ސުލައިމާންގެ ކިބައިން، އެކަލޭގެފާނު ސުލައިމާނުގެ ކިބައިން، އެކަލޭގެފާނު މާތް ﷲ ރުއްސުންލެއްވި އަނަސްެގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އަނަސްގެފާނު ވިދާޅުވިއެވެ. "كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِالْقِرَاءَةِ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ" (މާނައީ: رَسُولُ اللَّهِ ﷺ ކިޔަވާ ވިދާޅުވުމުގައި ބިސްމިﷲ ބާރަށް ވިދާޅުވަތެވެ.) މިރިވާޔަތް ރިވާކުރެއްވީ އިމާމު ދާރުޤުޠްނީއެވެ. އެއީ އެކަލޭގެފާނުންގެ މުސްނަދުގައްޔާއި ސުނަނުގައެވެ. ދެން ދާރުޤުޠްނީ ވިދާޅުވެފައި ވަނީ މިރިވާޔަތުގެ ސަނަދަކީ ޞާލިޙު، ސަނަދެއް ކަމަށެވެ. މިރިވާޔަތުގައި މުޙައްމަދު އިބްނު އަބިއްސިއްރީ އަލްޢަސްޤަލާނީ ހިމެނެއެވެ. މުޙައްމަދު އަލްޢަސްޤަލާނީ ވިދާޅުވެފައި ވެއެވެ. صَلَّيْتُ خَلْفَ الْمُعْتَمَرِ بْنِ سُلَيْمَانَ مَالاَ أُحْصَى صَلاَةً الْمَغْرِبَ وَالصُّبْحَ فَكَانَ يَجْهَرُ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ قَبْلَ فَاتِحَةِ الْكِتَابِ وَبَعْدَهَا وَسَمِعْتُ الْمُعْتَمَرَ يَقُولُ مَا آلُوا أَنْ أَقْتَدِى بِصَلاَةِ أَبِي وَقَالَ أَبِى مَا آلُوا أَنْ أَقْتَدِى بِصَلاَةِ أَنَسِ بْنِ مَالِكٍ، َوقَالَ أَنَسٌ رَضِيَ اللَّهُ عَنْهُ مَا آلُوا أَنْ أَقْتَدِى بِصَلاَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. قَالَ الدَّارُقُطْنِي إِسْنَادُهُ كُلُّهُمْ ثِقَاتٌ (މާނައީ: "މިރިވާޔަތުގައި މިވާ އަލްމުޢުތަމަރު އިބްނު ސުލައިމާންގެ ފަހަތްޕުޅުގައި ތިމަންނާއަށް ޢަދަދު ނުކުރެވޭހާ ގިނަ މިންވަރަށް މަޣުރިބު ނަމާދާއި ފަތިސް ނަމާދު ކުރެވުނެވެ. އެކަލޭގެފާނު އަލްޙަމްދުގެ ކުރިންނާއި އަލްޙަމްދުގެ ފަހުން ބިސްމި ބާރަށް ވިދާޅުވަތެވެ. އަދި މުޢުތަމަރު ވިދާޅުވި އަޑު ތިމަން އެހީމެވެ. ތިމަންގެ ބައްޕައަށް އިޤްތިދާވެ، ތިމަން ވަރަށް ގިނަ ނަމާދު ކުރީމެވެ. އަދި ބައްޕަ އަނަސްގެފާނަށް އިޤްތިދާވެ ވަރަށް ގިނަ ނަމާދު ކުރެއްވިއެވެ. އަދި އަނަސްގެފާނު ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ ﷺ އަށް އިޤްތިދާވެވަޑައިގެން ވަރަށްގިނައިން ތިމަން ނަމާދު ކުރެއްވީމެވެ." ދެން ދާރުޤުޠްނީ ވިދާޅުވެފައި ވެއެވެ. މިރިވާޔަތުގައި ހިމެނޭ އެންމެހައި ރާވީންނަކީ އިތުބާރުހިފޭ، ޘިޤާ ރާވީންނެވެ.)

(ބ) އަދިވެސް އަނަސްގެފާނުންގެ ކިބައިން މާތް ﷲ ރަޙްމަތްލެއްވި ޝުރައިކު އިބްނު ޢަބްދު ﷲ ރިވާކުރަށްވާފައި ވެއެވެ. އަނަސްގެފާނު ވިދާޅުވިއެވެ. "سَمِعْتُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ "( ) (މާނައީ: رَسُولُ اللَّهِ ﷺ ބާރަށް ބިސްމި ވިދާޅުވާއަޑު ތިމަން އެއްސެވީމެވެ.)

(ޅ) އަދިވެސް އަނަސްގެފާނުންގެ ކިބައިން މާތް ﷲ ރަޙްމަތްލެއްވި ސަޢީދު އިބްނު ޒައިދު ރިވާކުރެއްވި ރިވާޔަތެއް މިފަދައިން އައިސްފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. سَأَلْتُ أَنَسًا " أَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْتَفْتِحُ بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ أَوْ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فَقَالَ إِنَّكَ لَتَسْأَلَنِي عَنْ شَيْءٍ مَا أَحْفَظُهُ وَمَا سَأَلَنِي عَنْهُ أَحَدٌ قَبْلَكَ" (މާނައީ: ސަޢީދު ވިދާޅުވިއެވެ. އަނަސްގެފާނާ ތިމަން ސުވާލުކުރީމެވެ. رَسُولُ اللَّهِ ﷺ ނަމާދުގައި ކިޔަވާ ވިދާޅުވަން ފައްޓަވަނީ އަލްޙަމްދުންތޯއެވެ؟ ނުވަތަ ބިސްމިންތޯއެވެ؟ އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަ ކުރެއްވި ސުވާލަކީ މީގެ ކުރީން މީހަކު ތިމަންކަލޭގެފާނާ ކުރި ސުވާލެއްނޫނެވެ. ޙަޤީޤަތުގައި ތިޔަ މައްސަލަވަނީ ތިމަންކަލޭގެފާނަށް ހަނދުމަފުޅު ނެތިފައެވެ.) އަދި ބައެއް ރިވާޔަތުގައި އަނަސްގެފާނު ވިދާޅުވެފައި ވަނީ "كَبِرْتُ وَنَسِيتُ" މިފަދައިންނެވެ. (ޔަޢުނީ: މިހާރު އަހުރެން ވަނީ މުސްކުޅިފުޅުވެ، ތިޔަމައްސަލަ ހަދާނުން ފިލައިފައެވެ.)

(3) ނަމާދުގައި ބިސްމި ސިއްރުން ކިއުމަށް ބުރަވެ ވަޑައިގަންނަވާ ބޭކަލުންގެ އަނެއް ދަލީލަކީ މާތް ﷲ ރުއްސުންލެއްވި ޢަބުދުﷲ އިބްނު މަސްޢޫދު ގެކިބައިން ރިވާވެގެންވާ މިރިވާޔަތެވެ. އޭގައި އެކަލޭގެފާނުން ވިދާޅުވެފައި ވެއެވެ. "مَا جَهَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِى صَلاَةٍ مَكْتُوبَةٍ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ وَلاَ أَبُو بَكْرٍ وَلاَ عُمَرُ رَضِيَ اللَّهُ عَنْهُمَا" ޔަޢުނީ: رَسُولُ اللَّهِ ﷺ ވެސް، އަދި އަބޫބަކުރާއި ޢުމަރާއި ދެބޭކަލުންވެސް ފަރުޟު ނަމާދެއްގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ވިދާޅުވެފައި ނުވެއެވެ.)



މިރިވާޔަތާއި ބެހޭގޮތުން އިމާމު އައްޒައިލަޢީ ވިދާޅުވިއެވެ. "هَذَا الْحَدِيثُ لاَ تَقُومُ بِهِ حُجَّةٌ فَإِنَّ مُحَمَّدَ بْنَ جَابِرٍ تَكَلَّمَ فِيهِ غَيْرُ وَاحِدٍ مِنَ الأَئِمَّةِ، وَإِبْرَاهِيمُ لَمْ يَلِقْ عَبْدَ اللَّهِ بْنَ مَسْعُودٍ، وَهُوَضَعِيفٌ، مُنْقَطِعٌ" (ޔަޢުނީ: ޒައިލަޢީ ވިދާޅުވަނީ، މިޙަދީޘަކީ ދީނުގެ ޙުއްޖަތް ޤާއިމު ކުރެވޭ ފެންވަރުގެ ޙަދީޘެއް ނޫންކަމަށެވެ. މިހެނީ މިޙަދީޘުގެ ސަނަދުގައި އޮތް މުޙައްމަދު އިބްނު ޖާބިރާއި ބެހޭގޮތުން އިމާމުވެރި ބޭކަލުންގެ ތެރެއިން ގިނަ ބެއިކަލުންވަނީ ޖަރަޙަ ކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި އަނެއްކޮޅުން ބަލާއިރު، ޢަބްދު ﷲ އިބްނު މަސްޢޫދާއި އިބްރާހިމު އާއިވެސް ބައްދަލެއް ނުވެއެވެ. އެހެންކަމުން އެއީވެސް ޟަޢީފުރާވީއެކެވެ. ހަމައެއާއެކު ރިވާޔަތްވަނީ މެދުކެނޑިގެންވެސް ގޮސްފައެވެ.

(4) މީގެ އިތުރުން މިމައްސަލައަށް ތާއީދު ހޯއްދެވުމުގެ ގޮތުން، ބިސްމި ސިއްރުން ކިއުމަށް ބުރަވެ ވަޑައިގަންނަވާ ބޭކަލުން މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަންނަނިވި ޙަދީޘު ގެންނަވާފައި ވެއެވެ. سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ قَالَ اللَّهُ تَعَالَى قَسَمْتُ الصَّلاَةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ وَلِعَبْدِي مَا سَأَلَ فَإِذَا قَالَ الْعَبْدُ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ قَالَ اللَّهُ تَعَالَى حَمِدَنِي عَبْدِي وَإِذَا قَالَ الرَّحْمَنِ الرَّحِيمِ قَالَ اللَّهُ تَعَالَى أَثْنَى عَلَيَّ عَبْدِي وَإِذَا قَالَ مَالِكِ يَوْمِ الدِّينِ قَالَ مَجَّدَنِي عَبْدِي وَقَالَ مَرَّةً فَوَّضَ إِلَيَّ عَبْدِي فَإِذَا قَالَ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ قَالَ هَذَا بَيْنِي وَبَيْنَ عَبْدِي وَلِعَبْدِي مَا سَأَلَ فَإِذَا قَالَ اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ قَالَ هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ މާނައީ: رَسُولُ اللَّهِ ﷺ ޙަދީޘުކުރެއްވި އަޑު ތިމެން އެއްސެވީމެވެ. ޤުދުސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީކުރެއްވިއެވެ. އަހުރެންވަނީ އަހުރެންގެ އަޅާއާއި އަހަންނާދެމެދު ނަމާދު (އެބަހީ ސޫރަތުލް ފާތިޙާ) ދެބަޔަަކަށް ބައްސަވާފައެވެ. އަހުރެންގެ އަޅާއަށް އޭނާ އެދޭކަމެއް ލިބުން ޙައްޤުވެގެން ވެއެވެ. ދަންނާށެވެ! އަޅާ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ކިޔާހިނދު މަތިވެރި މާތް ﷲ ވަޙީ ކުރަށްވާނެތެވެ. އަހުރެންގެއަޅާ އަހަންނަށް ޙަމްދު ދަންނަވައިފިއެވެ. އަދި الرَّحْمَنِ الرَّحِيمِ ކިއުމުން މާތް ﷲ ވަޙީކުރަށްވާނެތެވެ. އަހުރެންގެ އަޅާ އަހަންނަށް ޘަނާ ދަންނަވައިފިއެވެ. އަދި އޭނާ مَالِكِ يَوْمِ الدِّينِ ކިޔުމުން ﷲ ވަޙީކުރަށްވާނެތެވެ. އޭނާ އަހަރެންގެ މަތިވެރިކަން ބަޔާންކޮށްފިއެވެ. ދެން އޭނާ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ކިއުމުން ﷲ ވަޙީކުރަށްވާނެތެވެ. މިއީ އަހުރެންނާއި އަހުރެންގެ އަޅާއާ ދެމެދު އޮތް ބައެކެވެ. އަހުރެންގެ އަޅާ އެދުނުކަމެއް އޭނާއަށް ލިބުން ޙައްޤު ވެގެން ވެއެވެ. ދެން އޭނާ اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ ކިއުމުން މާތް ﷲ ވަޙީކުރަށްވާނެތެވެ. މިއީ އަހުރެންގެ އަޅާއަށް އޮތް ބައެެވެ. އަދި އަހުރެންގެ އަޅާ އެދުނުކަމެއް އޭނާއަށް ލިބުން ޙައްޤުވެގެން ވެއެވެ.

(5) ދެން މިމައްސަލާގައި ބިސްމި ސިއްރުން ކިއުމަށް ނުވަތަ އެއްގޮތަކަށްވެސް ނުކިޔެވުމަށް ބުރަވެ ވަޑައިގަންނަވާ ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަލްޙަމްދުގައި ބިސްމި ސިއްރުން ކިއުމަކީ މަދީނާގެ އިޖްމާޢުއިން ސާބިތުވާ މައްސަލައަކަށްވެފައި، އިޖްމާޢުއާ ޚިލާފު ވުމަކީ ދީނުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހުއްދަވެގެންވާ ކަމެއްނޫނެވެ.

ނުނިމޭ...


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން