ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެންވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.
ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެންވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.
ތިންވަނަ ބައި

އާދެ! ދެން ނިކަން بِسْمِ ބާރަށް ކިއުމާ ބެހޭގޮތުން އައިސްފައިހުރި ރިވާޔަތްތަކަށް ބަލަމާތޯއެވެ؟ އެންމެފުރަތަމަ އަޅުގަނޑުމެން ބަލައިލާނީ މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެފައިވާ ރިވާޔަތްތަކަށެވެ.

(1) މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު އިމާމުވެ ނަމާދު ކުރެއްވިއެވެ. އަދި ނަމާދުގައި ބިސްމި ބާރަށް ވިދާޅުވިއެވެ. ދެން ނަމާދުން ނިމިވަޑައިގެން ވިދާޅުވިއެވެ. "فِي كُلِّ صَلاَةٍ يُقْرَأُ فَمَا أَسْمَعَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَسْمَعْنَاكُمْ وَمَا أَخْفَى عَنَّا أَخْفَيْنَا عَنْكُمْ" (ޔައުނީ: ކޮންމެ ރަކްޢަތެއްގައި ތިމަންމެން ކިޔަވަމެވެ. رَسُولُ اللَّهِ ﷺގެ އަރިހުން ތިމަންމެން އަޑުއެހި ކޮންމެ އެއްޗެއް ތިޔަބައިމީހުންގެ ކުރިމަތީގައި ތިމަންމެން ފާޅުކުރާނަމެވެ. އަދި އިތުރު އެކަލޭގެފާނު ސިއްރުން ވިދާޅުވި ކޮންމެ އެއްޗެއް ތިމަންމެންވެސް ކިޔަވާނީ ސިއްރުންނެވެ.) މިޙަދީޘުގެ ތަފާތު ރިވާޔަތްތައް ޞައްޙަމަގުން ލަފުޒުގެ ތަފާތާއެކު އައިސްފައި ވެއެވެ. ދެން އެއަށްފަހު އަބޫހުރައިރާ ނަމާދުގައި ބާރަށް بِسْمِ ކިއުއްވައި ނަމާދު ކުރެއްވިއެވެ. އެކަން ފަހަތުން އަންނަ ރިވާޔަތުން ސާބިތުވާނެއެވެ.



(2) އިމާމު الْخَطِيبُ أَبُوبَكْر އާއި އިމާމު الْحَافِظُ الْبَغْدَادِى ވިދާޅުވިއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން بِسْمِ ބާރަށް ކިއުން ޘާބިތުވާ ކަމީ މަޝްހޫރުވެގެންވާ ކަމެކެވެ. އާދެ! އެންމެ ގަދަ އަދި އެންމެ ޞައްޙަ އަދި رَسُولُ اللَّهِ ﷺގެ ނަމާދުފުޅާއި އެންމެ އެއްވަައްތަރު ވެގެންވަނީ بِسْمِ ބާރަށް ކިޔައިގެން ނަމާދު ކުރުންކަން ދަނެގަތުމަށްޓަކައި نُعَيْمُ بْنُ عَبْدِ اللَّهِ الْمُجْمِرِގެ އަރިހުން ރިވާވެގެންވާ މިޞައްޙަ ރިވާޔަތް ކުރީގެ ރިވާޔަތަށް އިތުރު ތާއީދެއް އެބަ ގެނެސްދެއެވެ. އޭގައި ވެއެވެ. ނުޢައިމު ވިދާޅުވިއެވެ. "صَلَّيْتُ وَرَاءَ أَبِي هُرَيْرَةَ فَقَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ثُمَّ قَرَأَ بِأُمِّ الْقُرْآنِ حَتَّى إِذَا بَلَغَ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ فَقَالَ آمِينَ فَقَالَ النَّاسُ آمِينَ وَيَقُولُ كُلَّمَا سَجَدَ اللَّهُ أَكْبَرُ وَإِذَا قَامَ مِنَ الْجُلُوسِ فِي الِاثْنَتَيْنِ قَالَ اللَّهُ أَكْبَرُ وَإِذَا سَلَّمَ قَالَ وَالَّذِي نَفْسِي بِيَدِهِ إِنِّي لأَشْبَهُكُمْ صَلاَةً بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ" (ޔައުނީ: ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ފަހަތްޕުޅުގައި އަހުރެން ނަމާދުކުރީމެވެ. އަބޫހުރައިރާ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާވިދާޅުވިއެވެ. ދެން އަލްޙަމްދު ކިޔަވާ ވިދާޅުވަމުން ގޮސް وَلاَ الضَّالِّينَ ވިދާޅުވެ އާމީން ވިދާޅުވިއެވެ. ދެން މީސްތަކުންވެސް އަޑުހަރުކޮށް އާމީން ކިއެވެ. ހަމައެއާއެކު ކޮންމެ ސަޖިދައަކަށް اللَّهُ أَكْبَرُ ވިދާޅުވިއެވެ. އަދި ދެރަކްޢަތުގައިވެސް އިށީނދެ އިންނަވާފައި ތެދުވަންނަވަމުން اللَّهُ أَكْبَرُ ވިދާޅުވިއެވެ. ސަލާމް ދެއްވުމަށްފަހު އަބޫހުރައިރާ ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. ތިޔަބައިމީހުންގެ ތެރެއިން رَسُولُ اللَّهِ ﷺ ކުރެއްވި ނަމާދާއި އެންމެބޮޑަށް އެއްގޮތް ވެގެންވަނީ ތިމަން ކަލޭގެފާނުންގެ ނަމާދެވެ.)

އިމާމު އިބްނި ޚުޒައިމާ އެކަލޭގެފާނުގެ ފޮތް الْمُصَنَّفَة ގައި މިރިވާޔަތް ގެންނެވުމަށްފަހު ބިސްމިއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ. "فَأَمَّا الْجَهْرُ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِى الصَّلاَةِ فَقَدْ صَحَّ وَثَبَتَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِإِسْنَادٍ ثَابِتٍ مُتَّصِلٍ لاَشَكَّ وَلاَ رَيْبَ عِنْدَ أَهْلِ الْمَعْرِفَةِ بِالأَخْبَارِ فِى صِحَّتِ سَنَدِهِ وَاتِّصَالِهِ" (ޔަޢުނީ: ފަހެ ނަމާދުގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ކިއުމީ رَسُولُ اللَّهِ ﷺ ގެ އަރިހުން ކަނޑައެޅިގެން ޞައްޙަމަގުން ސާބިތު ވެގެންވާ ކަމެކެވެ. ޙަދީޘު ޢިލްމު ދެނެވަޑައިގަންނަވާ އެއްވެސް ބޭކަލަކަށް މިއާމެދު އެއްވެސް ޝައްކެއް ވަސްވާހެއް ނުއުފެދޭހާ މިންވަރަށް ޞައްޙަ ސަނަދުން މިކަން ވަނީ ޘާބިތު ވެގެންނެވެ.) އެއައްފަހު އިބްނު ޚުޒައިމާ ގެންނަވާފައިވަނީ އިސްވެ ބަޔާންވެދިޔަ ރިވާޔަތެވެ. ޙަދީޘު ނިންމަވާލެއްވުމަށްފަހު އިބްނު ޚުޒައިމާ ވިދާޅުވެފައި ވެއެވެ. "فَقَدْ بَانَ وَثَبَتَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَجْهَرُ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِى الصَّلاَةِ" (ޔަޢުނީ: ހަމަކަށަވަރުން رَسُولُ اللَّهِ ﷺ ނަމާދުގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ވިދާޅުވާކަމީ ކަނޑައެޅި ހާމަވެ ޘާބިތުވާންއޮތް ކަމެކެވެ.)

އަދި އިބްނު ޙިއްބާން އެކަލޭގެފާނުންގެ ޞަޙީހުގައި އަދި ދާރުޤުޠުނީ އެކަލޭގެފާނުންގެ ސުނަނުގައި މިޙަދީޘު ރިވާކުރެއްވުމަށްފަހު ވިދާޅުވެފައި ވެއެވެ. "هَذَا حَدِيثٌ صَحِيحٌ وَرُوَاتُهُ كُلُّهُمْ ثِقَاتٌ" (ޔަޢުނީ: މިއީ ޞައްޙަ ޙަދީޘެކެވެ. މިޙަދީޘުގެ އެންމެހައި ރާވީންނަކީ އިތުބާރު ހިފޭ ބެއިކަލުންނެވެ.) އަދި އިމާމު ޙާކިމު އެކަލޭގެފަނުންގެ ފޮތް މުސްތަދްރަކުގައި މިޙަދީޘު ރިވާ ކުރެއްވުމަށްފަހު މިފަދައިން ވިދާޅުވެފައި ވެއެވެ. "هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ البُخَارِى وَمُسْلِمٍ" މާނައީ: މިއީ ބުޚާރީ އާއި މުސްލިމުގައި ކަޑައެޅިގެންވާ ޝަރުޠުތައް ފުރި ހަމަވާ ޞައްޙަ ޙަދީޘެކެވެ. އިމާމު ބައިޙަޤީ އެކަލޭގެފާނުންގެ ފޮތް اَلْخِلاَفِيَّات ގައި ބިސްމި ބާރަށް ކިއުމާމެދު މިޙަދީޘުން ދަލީލު ހިއްޕެވުމަށްފަހު، ޙަދީޘު ގެންނަވައި، މިފަދައިން ވިދާޅުވެފައި ވެއެވެ. "رُوَاةُ هَذَا الْحَدِيثِ كُلُّهُمْ ثِقَاتٌ مَجْمَعٌ عَلَى عَدَالَتِهِمْ" މާނައީ: މިޙަދީޘުގެ އެންމެހައި ރާވީންނަކީ ފުރިހަމައަށް އިތުބާރުހިފޭ ބެއިކަލުންނެވެ. އެބެއިކަލުންގެ އަދުލުވެރި ކަމާމެދު އެންމެހައި މުޙައްދިޘުން އެއްބަސްވެ ވަޑައިގަންނަވައެވެ. ހަމައެފަދައިން الْحَافِظُ أَبُو بَكْرٍ الْخَطِيبُ ނަމާދުގައި بِسْمِ ބާރަށް ކިއުމާއި ބެހޭގޮތުން އެކަލޭގެފާނުން ލިއުއްވި ފޮތުގައި މިޙަދީޘު ރިވާޔަތްތައް ތަފާތު މަގުތަކާއި ސަނަދުތައް ބަޔާން ކުރެއްވުމަށްފަހު މިފަދައިން ވިދާޅުވެފައި ވެއެވެ. "هَذَا الْحَدِيثُ ثَابِتٌ صَحِيحٌ لاَ يُوَجَّهُ عَلَيْهِ تَعْلِيلٌ فِى اِتِّصَالِهِ" މާނައީ: މިހަދީޘަކީ ޘާބިތުވެގެންވާ ޞައްޙަ ޙަދީޘެކެވެ. އެޙަދީޘު ސަނަދު ގުޅިގެން އައުމުގައި އެއްވެސް ކަހަލަ ބަލިކަށިކަމެއް އެއްވެސް ގޮތަކަށް ގެނެވިފައި ނެތެވެ. އެއިގެ އެންމެހާ ރާވީންނަކީ އިތުބާރު ހިިފޭ ބެއިކަލުންނެވެ.

އިމާމު ނަސާއީ މިރިވާޔަތް ގެންނަވާފައި ވަނީ އަންނަނިވި ބާބުގެ ދަށުގައެވެ. بَابُ الْجَهْرُ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ޔަޢުނީ: بِسْمِ اللَّهِ ބާރަށް ކިއުމުގެ ބާބުއެވެ. މިޙަދީޘާބެހޭ ގޮތުން އިމާމު އިބްނި ޙަޖަރު ފަތުޙުލްބާރީގައި ވިދާޅުވެފައިވަނީ وَهُوَ أَصَحُّ حَدِيثٍ وَرَدَ فِي ذَلِكَ މާނައީ: މިޙަދީޘަކީ މިމައްސަލާގައި ވާރިދުވެވުނު އެންމެ ޞައްޙަ ޙަަދީޘު ކަމަށެވެ.

ނިކަން ވިސްނައި ވަޑައިގަންނަވާށެވެ! ޙަދީޘުގެ ފަތްފުށްތަކުގައި އެބެއިކަލެއްގެ ރިވާޔަތްތައް އެންމެ ގިނައިން ރިވާވެގެން އައިސްފައިވާ، މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ މިރިވާޔަތުގައި ޞައްޙަ ސަނަދުން ނަމާދުގައި بِسْمِ ބާރަށް ކިއުން ޘާބިތުވެގެން އައިސްފައިވާއިރު ދެންއެންމެ ޞައްހަކަން ބޮޑުގޮތަކީ ސިއްރުން ކިޔެވުމޭ، ނުވަތަ ބާރަށް ކިޔެވުން ބިދުޢައޭ ކިޔައި ތިމާމެން ތާއީދު ކުރާ ޢިލްމުވެރިއަކު އެގޮތަކަށް ބުރަވެ ވަޑައިގަތްގޮތް ކަމުގައިވިއަސް އެންމެ އައުލާގޮތްކަމަށް އެގޮތް ހަދައި، އެގޮތް ފަތުރަން އުޅުމުގެ ޙައްޤެއް ނެތެވެ. އަދި އަނެއްކޮޅުން އަޅުގަނޑުމެން ދަންނަންޖެހޭ މައްސަލައަކީ ބިސްމި ސިއްރުން ކިއުމުގެ މައްސަލާގައި ސާފު ޞަރީޙަކޮށް ބިސްމި ސިއްރުން ކިއުމަށް ބަޔާންވެގެން އޮތް ޞައްޙަ އެންމެ ޙަދީޘެއްވެސް ފެންނާން ނެތްކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވުމެވެ. މިވާހަކަ ފަހުން ބަޔާން ކުރާނަމެވެ.

(3) ދެން ޞަރީޙު ލަފުޒުން އަބޫހުރައިރާ بِسْمِ އެއީ ޤުރުއާނުގެ އާޔަތެއްކަމާއި، ހަމައެއާއެކު އެއީ އަލްޙަމްދުގެ ވެސް އާޔަތެއްކަމުގައި ވިދާޅުވެ، رَسُولُ اللَّهِ ﷺގެ އަރިއަހުން އެކަން ނަޤުލުކޮށް ރިވާކުރައްވައި، ޢަމަލީގޮތުން ބިސްމި ބާރަށް ވިދާޅުވެ، ޢަމަލުން ދައްކަވާ ދެއްވާފައި ވާއިރު، ދެން އިތުރު ހެއްކަކަށް ދަލީލަކަށް ބޭނުންވޭތޯއެވެ؟ އިމާމު އަލްޚަޠީބު ވިދާޅުވެފައިވެއެވެ. "قَدْ رَوَى جَمَاعَةٌ عَنْ أَبِى هُرَيْرَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَجْهَرُ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ" މާނައީ: ހަދީޘު ޢިލްމުވެރީންގެ ތެރެއިން ބޮޑު ޖަމާޢަތެއްގެ ބޭކަލުން رَسُولُ اللَّهِ ﷺ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ވިދާޅުވާކަމުގައި، އަބޫހުރައިރާގެ އަރިހުން ރިވާ ކުރައްވާފައި ވެއެވެ. އަދި އިމާމު ދާރު ޤުޠުނީ އެކަލޭގެފާނުންގެ ސުނަނުގައި، މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ މިރިވާޔަތްވެސް ދެސަނަދަކުން ގެންނަވާފައި ވެއެވެ. އޭގައި މިފަދައިން އައިސްފައި ވެއެވެ. "عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ إِذَا قَرَأَ وَهُوَ يَؤُمُّ النَّاسَ اِفْتَتَحَ ببِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ" މާނައީ: رَسُولُ اللَّهِ ﷺ މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރައްވާ ހިނދު بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އިން ޤިރާއަތު ފައްޓަވަތެވެ.) އިމާމު ދާރުޤުޠުނީ ވިދާޅުވެފައި ވެއެވެ. "رِجَالُ اِسْنَادِهِ كُلُّهُمْ ثِقَاتٌ" މާނައީ: އެއިގެ ސަނަދުގައި ވާހައި ބެއިކަލުންނީ އިތުބާރު ހިފޭ ބެއިކަލުންނެވެ.) އަދި އަބޫހުރައިރާގެ ކިބައިން އިމާމު އަބޫޙާޒިމު ރިވާކުރައްވާފައި ވެއެވެ. "كَانَ النَّبِىُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِقِرَاءَةِ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ" (ޔަޢުނީ: رَسُولُ اللَّهِ ﷺ ކިޔަވާ ވިދާޅުވުމުގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ވިދާޅުވަތެވެ.) އަދިވެސް އިމާމު އަބޫ މުޙައްމަދު ސުލައިމާން އަލްމަޤްދަސީ ވިދާޅުވެފައި ވެއެވެ. "فَلاَ عُذْرَ لِمَنْ يَتْرُكُ صَرِيحَ هَذِهِ الأَحَادِيثَ" (ޔައުނީ: އަބޫހުރައިރާގެ މިޞަރީޙު ޙަދީޘުތައް ދޫކޮށްލާ މީހުނަށްޓަކައި ދައްކާނެ އިތުރު ބަހަނާއެއް، އުޛުރެއް ނެތެވެ.)

(4) ދަންނަވަންތޯއެވެ؟ ބަޔާންވެދިޔަ އަބޫހުރައިރާގެ ރިވާޔަތާ ބެހޭގޮތުން އޭގެ ސަނަދުގައި އޮތް އަބޫ އުވައިސަކީ ޟަޢީފު ރާވީއެއްކަމުގައި އިމާމު އަޙްމަދާއި އަބޫ ޙާތިމު އައްރާޒީއާއި ދެބޭކަލުން ވިދާޅުވި ކަމުގައި ވިއަސް އިމާމު ދާރުޤުޠްނީއާއި އަބޫ ޒަރްޢާއާއި އިބްނު ޢަދީއާއި އެނޫންވެސް އެތަކެއް މުޙައްދިޘުން ވިދާޅުވެފައި ވަނީ އަބޫ އުވައިސަކީ އިތުބާރުހުރި ޘިޤާ ރާވީއެއް ކަމަށެވެ. އަދި އިމާމު މުސްލިމު އެކަލޭގެފާނުންގެ ޞަޙީޙު މުސްލިމުގައި އަބޫ އުވައިސްގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. އެހެންކަމަށްވާއިރު އަބޫއުވައިސާ ބެހޭގޮތުން އިމާމު އަޙްމަދު ފާޑުވިދާޅުވުމަކުން މިރިވާޔަތް ޟަޢީފު ވާކަށް ނުޖެހެއެވެ.

އަދި އަނެއްކޮޅުން ޚުދް އިމާމު ޝާފިޢީ އަބޫއުވައިސްގެ ރިވާޔަތް ޤަބޫލުކުރަށްވާފައި ވެއެވެ. ހަމައެހެންމެ މިނޫނަސް އިމާމު އަޙްމަދު އެބެއިކަލުންނާއި ބެހޭގޮތުން ފާޑު ވިދާޅުވެފައިވާ ވަރަށް ގިނަ ބެއިކަލުން އިމާމު ބުޚާރީ އާއި މުސްލިމުގެ އަރިހުގައި އިތުބާރުހިފޭ ޘިޤާ ރާވީންގެތެ ރޭގައި ހިމެނިގެންވާއިރު، މިއީ ހަމައެކަނި އިމާމު އަޙްމަދުގެ ބަސްފުޅަށް ބުރަވެގެން ޟަޢީފުކޮށްލެވޭނެ ރިވާޔަތްތަކެއް ނޫނެވެ. އަނެއްކޮޅުން އަބޫ އުވައިސަކީ ޟަޢީފު ރާވީއެއްކަމުގައި އިމާމު އަޙްމަދު ވިދާޅުވާއިރު އަޙްމަދުގެ ޝައިޚު އިމާމު ޝާފިޢީގެ އަރިހުގައި އަބޫ އުވައިސަކީ އިތުބާރުހިފޭ ޘިޤާ ރާވީއެކެވެ. އިމާމު ޙާކިމު އަލްމުސްތަދްރަކްގައި ވިދާޅުވެފައި ވެއެވެ. فَإِنَّ أَبَا أُوَيْسٍ ثِقَةٌ މާނައީ: އަބޫ އުފައިސަކީ އިތުބާރުހިފޭ ރާވީއެކެވެ.

(5) ދެން ނިކަން މާތް ﷲ ރުއްސުންލެއްވި އުއްމު ސަލަމާގެ ރިވާޔަތަށް ބަލައިލާނަމެވެ. އެކަމަނާގެ ކިބައިން އިތުބާރުހުރި ޘިޤާ ރާވީންގެ ޖަމާޢަތެއް ވަނީ ރިވާކުރަށްވާފައެވެ. އޭގައި ވަނީ: عَنِ ابْنِ جُرَيْجٍ عَنْ عَبْدِ اللَّهِ بْنِ أَبِي مَلِيكَةَ عَنْ أُمِّ سَلَمَة މިފަދައިންނެވެ. އެކަމަނާ ވިދާޅުވިއެވެ. "كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقْطَعُ قِرَاءَتَهُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ، اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، الرَّحْمَنِ الرَّحِيمِ ، مَلِكِ يَوْمِ الدِّينِ" (ޔަޢުނީ: رَسُولُ اللَّهِ ﷺ ކިޔަވާ ވިދާޅުވާއިރު އާޔަތްތަކަށް ހުއްޓަވަތެވެ. އެރަސޫލާ ކިޔަވާވިދާޅުވަނީ މިފަދައިންނެވެ. بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ، اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، الرَّحْمَنِ الرَّحِيمِ ، مَلِكِ يَوْمِ الدِّينِ) މިއީ ޞައްޙަ ރިވާޔަތެއްކަމުގައި މުޙައްދިޘުން ވިދާޅުވެފައި ވެއެވެ.



(6) ދެން ނިކަން އިބްނު ޢައްބާސްގެ ރިވާޔަތަށް ބަލާލަމާތޯއެވެ؟ އިމާމު އައްދާރު ޤުޠްނީ އެކަލޭގެފާނުންގެ ސުނަނުގައި އަދި އިމާމު ޙާކިމު އެކަލޭގެފާނުންގެ މުސްތަދްރަކްގައި ސަޢީދު އިބްނު ޖުބައިރުގެ ކިބައިން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު އިބްނު ޢައްބާސްގެ އަރިހުން ރިވާކުރައްވައެވެ. އެކަލޭގެފަނުން ވިދާޅުވިއެވެ. "كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ" މާނައީ: رَسُولُ اللَّهِ ﷺ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ކިޔަވާ ވިދާޅުވަތެވެ. މިރިވާޔަތާމެދު އިމާމު ޙާކިމު ވިދާޅުވެފައި ވެއެވެ. "هَذَا اِسْنَادٌ صَحِيحٌ وَلَيْسَ لَهُ عِلَّةٌ" (ޔައުނީ: މިއީ ޞައްޙަ ސަނަދެކެވެ. މީގައި އެއްވެސް ބަލިކަށިިކަމެއް ނުވެއެވެ.)

ނުނިމޭ...


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން