އިންތިޚާބީ މައިމަރުކަޒު (ރަސްފޮޓޯ: ޝާހު)
އިންތިޚާބީ މައިމަރުކަޒު (ރަސްފޮޓޯ: ޝާހު)
ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން 89 ޝަކުވާއެއް ހުށައަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި އިންތިޚާބުގެ ނަތީޖާއަށް ބަދަލުއަތުވެދާނެ ޝަކުވާވެސް ހުށައަޅާފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ، އިންތިހާބާ ގުޅިގެން ހުށަހެޅިފައިވާ 89 ޝަކުވާގެ ތެރެއިން 21 ޝަކުވާއަކީ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ޝަކުވާ ކަމަށެވެ.

ޝަރީފް މިއަދު ވިދާޅުވީ، ޝަކުވާތަކުގެ ތެރޭގައި ބާތިލު ވޯޓު ގިނަވުމާއި ދެ ކެނޑިޑޭޓުންގެ ދެމެދު ފަރަގު ކުޑަވުމުން ހުށަހަޅާފައިވާ ޝަކުވާތަކެއް ވެސް އެބަހުރި ކަމަށެވެ. މީގެ އިތުރުން ވޯޓު ފޮށިތައް ނުކެނޑި ނަމަވެސް ވަގުތީ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން 18 ނަތީޖާ ޝީޓުތަކުން ސާފުކުރަންޖެހޭ ފަދަ ކަންތައްތަކެއް އެބަހުރި ކަމަށާއި ވޯޓު ފޮއްޓެއް ހުޅުވައިގެން ކުރަންޖެހޭ ކަމެއްނަމަ އެކަން ކުރާނީ ވަގުތީ ނަތީޖާ އިޢުލާނު ކުރުމަށްފަހު ކެންޑިޑޭޓުންނާއި މަންދޫބުންގެ ޙާޟިރުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިއަދު ހިނގާދިޔަ ހަމަނުޖެހުމާއި ގުޅޭގޮތުން ދެ ޕާޓީންވެސް މީޑިއާތަކުގައި ވާހަކަ ދައްކާފައިވަނީ ހަގީގަތް އޮޅޭ ގޮތަށް އެ ޕާޓީއެއްގެ މަސްލަހަތު ހިމެނޭ ގޮތަށް ކަމަށެވެ. ވަކި ބަަޔަކު ކޮމިޝަނުގެ ތެރެއަށް ވަންކަމަށް ބުނާ ވާހަކަ ދޮގުކުރައްވަމުން ޝަރީފް ވިދާޅުވީ، އެއްވެސް ހާލެއްގައި ވަކި ސިޔާސީ ޕާޓީއަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ވަކި ސިޔާސީ ޕާޓީއަކާއި ކޮމިޝަނުގެ ތެރެއިން ބައްދަލުކޮށްފައި ނުވާނެ ކަމަށާއި، ޕީޕީއެމް ނުވަތަ އެމްޑީޕީގެ އެއްވެސް ބޭފުޅަކާވެސް ބައްދަލުކޮށް މަޝްވަރާތަކެއްވެސް އެތަނުގެ ތެރޭގައި ކުރެވިފައި ނުވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ހުށައަޅާފައިވާ ޝަކުވާތައް ބަލައިފިނަމަ ނަތީޖާއަށް އަސަރުކުރާވަރުގެ ޝަކުވާއެއް ވެދާނެ ކަމަށާއި އެހެންނަމަވެސް ވަގުތީ ނަތީޖާތައް އިއުލާންކުރުމުގެ ކުރިން އެކަމަށް ނުބަލާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން