ރަޝިޔާގެ ރައީސް ވުލަޑްމީރު ޕުޓިންއަށް ރިޔާސީ އިތުރު 2 ދަޢުރަށް ކުރިމަތިލެއްވޭ ގޮތަށް ފާސްކުރި ޤާނޫނެއް ތަސްދީޤުކުރައްވައިފިއެވެ.

ރިޔާސީ ދައުރާއި ގުޅޭގޮތުން ފާސްކުރި ގާނޫނުގައި ބުނެފައިވަނީ ރަޝިޔާގެ ރިޔާސަތާ އަލަށް ހަވާލުވާ ފަރާތްތަކަށް ރައީސްގެ ގޮތުގައި ހުރެވޭނީ ގިނަވެގެން ދެ ދައުރުގައެވެ. އަދި ދައުރު ގުނުމުގައި ކުރިން ވެރިކަން ކޮށްފައިވާ ފަރާތްތަކުގެ ކުރީގެ ދައުރުތައް ނުގުނާގޮތަށް ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން ޕުޓިން މިހާރު ފުރުއްވަމުންދާ ރިޔާސީ ދަޢުރު 2024 ވަނަ އަހަރުގެ ތެރޭގައި ހަމަވުމުން ހަ އަހަރުގެ އިތުރު ދެ ދައުރަކަށް އޭނާއަށް ކުރިމަތިލެއްވޭނެއެވެ. އެއާއެކު 2036ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ދެމި ހުންނެވުމުގެ ފުރުޞަތު ޕުޓިންއަށް ލިބިވަޑައިގަންނަވާނެއެވެ.

މީގެ ކުރިން އޮންނަ ގޮތުން ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ޕުޓިންނަށް އިތުރު ދައުރަކަށް ކުރިމަތިލެއްވޭނީ މެދުކެނޑުމަކަށްފަހުއެވެ. އެގޮތުން އޭނާވަނީ ރައީސްކަމުގެ ދެ ދައުރު އަދާކުރެއްވުމަށްފަހު ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު، އަނެއްކާވެސް ރައީސްކަމަށް ވަޑައިގަންނަވާފައެވެ.

އުމުރުފުޅުން 68 އަހަރުގެ ޕުޓިންއަކީ 2000 ވަނަ އަހަރުން ފެށިގެން ރަޝިޔާގައި ވެރިކަން ކުރައްވަމުން އަންނަ ބޭފުޅާ އެވެ. މިހާރުވެސް ދަނީ ޖެހިޖެހިގެން ރިޔާސީ ދެވަނަ ދަޢުރެއް ފުރިހަމަ ކުރައްވަމުންނެވެ. އޭގެ ކުރިންވެސް ޕުޓިން ވަނީ ރިޔާސީ ދެ ދައުރު ފުރިހަމަ ކުރައްވައިފައެވެ. 6 އަހަރުގެ އިތުރު ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވައިފިނަމަ ޕުޓިން ވެގެންދާނީ ރަޝިޔަން އެމްޕަޔަރއަށްފަހު ރަޝިޔާގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރައްވާ ލީޑަރަށެވެ. މިހާތަނަށް ރަޝިޔާގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވީ ޖޯސެފް ސްޓާލިންއެވެ. އޭނާ ވަނީ 24 އަހަރު ރަޝިޔާގައި ވެރިކަން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން