ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
އެމްޑީޕީ ބޭނުންހާ ގޮތަކަށް މޮޑޭ ފުށްގަނޑެއް ގޮތަށް ޤާނޫނު މާނަ ނުކުރެވޭނެ ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އެ ނިންމުމަށް ފާޑު ވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވީ، މެންބަރުން އަމިއްލަ ޕާޓީއާއި، އާއިލާ އާއި، ގެދޮރަށް ކުރާ ދަތުރުގެ ޚަރަދު ރައްޔިތުންގެ އަތުން ނެގުމަކީ ޤާނޫނާ ޚިލާފް ކަމެއް ކަމަށެވެ.

އަދި ކޯވިޑް-19 ގެ ސަބަބުން ރައްޔިތުން ދަރަނިވެރިވެ މަގުމަތި ވެފައިވާއިރު ރައްޔިތުންގެ ޖީބުން މެމްބަރުން ޚަރަދުކުރުމަކީ މުޑުދާރު ކަމެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ވެރިކަންކުރާ ޕާޓީ ބޭނުންހާ ގޮތަކަށް މޮޑޭ ފުށްގަނޑަކަށް ޤާނޫނު މާނަ ނުކުރެވޭނެ." ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް މަޖިލީހުގެ މެމްބަރުން ދާއިރާއަށް ކުރާ ދަތުރުތައް ރަސްމީ ދަތުރުތަކަށް ހެދުމަށް މަޖިލީހުން ނިންމާފައިވާތީ ޑރ. ޖަމީލް ވިދާޅުވީ، މިހާރުވެސް އެމްޑީޕީ ކައުންސިލަރުން އުޅުއްވަނީ ގޮނޑިދުއްވާ ފަރާތްތަކާއެކު ބިރަކާނުލާ މަޖާކުރަން ކަމަށާއި، ސަރުކާރާއި މަޖިލީސް އަމިއްލަ އަތުގައި އޮތް ނަމަވެސް މި ސަރުކާރަށް އެއްވެސް ވަޢުދެއް ފުއްދިފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ މެންބަރުން ކުރަށްވާ ދަތުރުތަކުގެ މައުލޫމާތާއެކު، ލިޔުމުން ދަތުރުކުރުމުގެ ހުއްދަ ހޯއްދެވުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގަންނަވަން ވާނެކަމަށާއި އަދި މެންބަރުން ކުރަށްވާ ދަތުރުތައް ކުރަށްވަން ވާނީ މަޖިލީހުން ހުއްދަ ލިބިގެންކަމަށެވެ.

މަޖީލީހުގެ ޤަވާއިދުގައި މިހާރު ބަޔާންކޮށްފައިވަނީ މަޖިލީހުގެ ޖަލްސާ ހިނގަމުންދާ ވަގުތެއްގައި، މަޖިލީހުގެ ބޭނުމަށްް ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ދިވެހިރާއްޖޭގެ ސަރަޙައްދުން ބޭރަށް، މެންބަރަކު ނުވަތަ މެންބަރުންތަކެއް ދަތުރުކުރުމުގެ ހުއްދަ، މަޖިލީހުގެ ރައީސަށްް ދެވިދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން