ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
މައްސަލަތަކުގައި އުންސުރޭ ކިޔަން ޖެހޭ ސަބަބުތައް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ރައީސް ނަޝީދަށް ވަރަށް ރަނގަޅަށް ސާފުކޮށްދެއްވައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ހޯދުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެންއުމަށް ފައިސާދެއްކި ނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭ މައްސަލާގައި ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ އުންސުރުތައް ފުރިހަމަ ނުވާތީ އެ މައްސަލާގައި އޭސީސީން އެދުނުގޮތަށް ދަޢުވާ ކުރެވެން ނެތްކަމަށް ޕީޖީ އޮފީހުން ވަނީ އޭސީސީއަށް އަންގާފައެވެ. އަދި އެކަމާ ގުޅިގެން އުންސުރުގެ ވާހަކަ ނުދައްކައި މަޤާމުން އިސްތިޢުފާ ދިނުމަށް ރައީސް ނަޝީދު ވަނީ ޕީޖީ ޝަމީމަށް ދަންނަވާފައެވެ.

އުންސުރުތަކުގެ މުހިއްމުކަން ހާމަކޮށްދެއްވަމުން މިއަދު ޕީޖީ ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ، ތަޙުޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ށ) އިން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިފައިވާ ބާރެއް ކަމަށެވެ. އަދި މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު، އެމީހަކީ ކުށެއް ނުކުރާ މީހެއްކަމަށް ބަލަންޖެހޭނެކަމަށްވެސް ޤާނޫނުއަސާސީގައި އޮންނަކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އެކި ކުށުގެ ޢުންޞުރުތައް، ނުވަތަ ރުކުންތައް، އެކުށެއްގެ ގޮތުން ތަފާތުވެދާނެ ކަމަށެވެ. އަދި ތަޙްޤީޤުކުރާ މީހާ، ތަޙްޤީޤުގެ މިސްރާބު ގެންގުޅެންޖެހޭނީ ޢުންޞުރުތަކާ ދިމާލަށް ކަމަށާއި، ތަޙްޤީޤު ފުރިހަމަކޮށް ކާމިޔާބު ކުރެވޭނީ އޭރުން ކަމަށް ޝަމީމް ވިދާޅުވިއެވެ. މީގެއިތުރުން ޖިނާއީ ޢަދުލުގެ ނިޒާމުގެ ފެށުން އޮތީ ޢުންޞުރު ހޯދުމުގައި ކަމަށާއި، އެހެންކަންކަން ތަރުތީބުވަނީ އެކަމުގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުންސުރުތަކުގެ މުހިއްމުކަން ހާމަކޮށްދެއްވަމުން ޝަމީމް ވިދާޅުވީ، ޕްރޮސިކިއުޓަރަކަށް ޢުންޞުރާ ނުލައި ކޯޓުގައި ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި އެއްވެސް ޢުންޞުރެއް ސާބިތުކޮށް ނުދެވިއްޖެނަމަ، ކުށެއް ސާބިތު ނުވާނެ ކަމަށާއި، ޢުންޞުރާ ނުލައި ދަޢުވާ ކުރީމާ ދެ ނަތީޖާއެއް ނުކުންނަ ކަމަށެވެ.

"ފުރަތަމަ ނަތީޖާއަކީ، ހަމަ ކަށަވަރުކަމާއެކު ކުށް ސާބިތު ނުވުމެވެ. ދެވަނަ ނަތީޖާއަކީ، ދެން އެކުށަކަށް ދަޢުވާއެއް ނުކުރެވުމެވެ. މިވާހަކަވެސް ޤާނޫނުއަސާސީގައި އޮވެއެވެ. ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމް ކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާއެއް އެމީހެއްގެ މައްޗަކަށް ނުއުފުލޭނެކަމަށް 60 ވަނަ މާއްދާގެ (ހ) ގައި އޮވެއެވެ." ޝަމީމް ވިދާޅުވެފައިވެއެވެ.

ޢުންޞުރު ހަމަނުވަނީސް ދަޢުވާއެއް ކުރުމަކީ، އެދަޢުވާ ލިބޭ މީހަކަށް ކޮށްދެވޭ ހެޔޮކަމެއް ކަމަށާއި، އެފަދަ ކުށެއް ސާބިތު ނުވާނެ ކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ. އޭގެ ފަހުން، ހެކި ލިބުނަސް، ޢުންޞުރު ފެނުނަސް، ފަހުން ދަޢުވާއެއްވެސް ނުކުރެވޭނެއެވެ. އޭނާގައިގައި އޭގެ ފަހަކުން އަތެއް ނުލެވޭނެއެވެ. އަނެއް ގޮތަކުން ބަލާއިރު، ޢުންޞުރު ނުފެންނަނީސް ދަޢުވާ ކުރުމަކީ ބޭއިންޞާފެކެވެ. އެއީ، ބޭކާރު ކަމެއްގައި މީހެއްގެ އަބުރު ނަގާލުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް މީހަކު ވެއްދުމަކީ ވަރަށް ބޮޑު ނިންމުމެކެވެ. ޒިންމާދާރުކަމާއެކު ނިންނަންޖެހޭ ނިންމުމެކެވެ. ހަމަ ކަނޑައެޅިގެން އެނގިހުރެ، އެނިޒާމުގެ ތެރެއަށް ވައްދަން ނުޖެހޭ މީހަކު ވައްދައި، އޭނާއަށް އެތައް ތަކުލީފުތަކެއް ކުރިމަތި ކުރުވުމަކީ އަޚްލާޤީ ގޮތުން ހެޔޮވާނެ ކަމެއް ނޫނެވެ. ތަކުލީފުތަކުގެ ތެރޭގައި ޤާނޫނީ ވަކީލަކު ހޯދުމާއި، ނަފްސާނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ.

ޝަމީމް ވިދާޅުވީ، ހެއްކާއި ޤަރީނާ ވަޒަން ކުރުމުގެ މާނައަކީ، ތަޙުޤީޤުގެ ލިޔުންތައް ދިރާސާކޮށް، އެމައްސަލައެއްގައި ކުށެއްގެ ދަޢުވާއެއް ކުރެވެން އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުން ކަމަށެވެ. މައްސަލަ ސާބިތުވުމާއި ނުވުމަކީ ޝަރީޢަތުގައި ހިނގާ ކަމެއް ނަމަވެސް، ދަޢުވާއެއްކުރެވޭ މިންވަރަށް ދެވޭނީ، ހެކި ވަޒަންކުރާއިރު ކުށެއް އޮވެގެން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ކުށެއް ނެތީސް ކޯޓަށް މައްސަލައެއް ހުށަހެޅީމާ، ފުރަތަމަ މަރްޙަލާގައި މައްސަލަ ބޭރުކޮށްލާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މީހަކު ކުށްވެރިވެއްޖެކަމަށް ކަނޑައެޅޭނީ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށުގެ ކޮންމެ ރުކުނެއް އެމީހެއްގެ މައްޗަށް ސާބިތު ކުރެވިގެން ކަމަށާއި، ޕްރޮސިކިއުޓަރުގެ ޒިންމާއަކީ، ތަޙުޤީޤީ އިދާރާތަކުން ފޮނުވާ ލިޔުންތަކާއި، ޤާނޫނުގައި ކުށްކަމަށް އޮތް ކަންތަކާ ދެކަންތައް އެއްކޮށް ބަލައި، ދިރާސާކޮށް، ޤާނޫނުގައި ބުނާ ރުކުންތައް، ލިބިފައިވާ ލިޔުންތަކުގެ އަލީގައި ސާބިތުކޮށްދެވޭކަން ނުވަތަ ނޫންކަން ކަނޑައެޅުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މީހެއްގެ ރުހުމަކާ ނުލައި، އޭނާގެ ގައިގާ އަތްލުން މިއީ ކުށެވެ. މިކުށުގެ ޢުންޞުރުތަކަކީ ނުވަތަ އެލެމެންޓްސް ތައް ފުރިހަމަ ވުމަށްޓަކައި، ޖެހުމުގެ ޙަރަކާތެއް އޮންނަންޖެހެއެވެ. އަނިޔާ ލިބުނު މީހާގެ ރުހުން ނެތެންޖެހެއެވެ. މިދެޢުންޞުރު ހަމަނުވާނަމަ، ޤާނޫނީ ގޮތުން ޖެހުމެއް ނެތެވެ. ގައިގާ އަތްލާފައި އޮވެދާނެއެވެ. ނަމަވެސް، އެކަން ކުރީ އަތްލެވުނު މީހާގެ ރުހުމުގައި ނަމަ، ޢުންޞުރު ގެއްލުނީއެވެ. އަތްލެވުނު މީހާގެ ރުހުން ނެތުން އެއީ ޢުންޞުރެކެވެ. ހުރިހާ ޢުންޞުރަކާ ނުލައި ވަކި ޢަމަލެއް، ޤާނޫނީ ގޮތުން ކުށަކަށް ނުވާނެއެވެ. މީގެ އިތުރުން، ޖެހުމުގެ ޤަޞްދެއް އޮތްކަމާއި، ޖެހިދާނެކަމާމެދު ފަރުވާލެއް ނުބެހެއްޓުންވެސް ސާބިތުކޮށްދޭންޖެހޭނެއެވެ. މިއަށް، ޤާނޫނީ މީހުން ކިޔަނީ މެންސް ރެއާއެވެ. މިއީވެސް، ޢުންޞުރުގެ ވައްތަރެކެވެ." ޝަމީމް ލިޔުއްވާފައިވެއެވެ.

ޝަމީމް ވިދާޅުވީ، ޕްރޮސިކިއުޓަރުންގެ ތިބޭނީ ދެ ބެސްޓް ފްރެންޑް ކަމަށެވެ. އެއީ، ކުށް ބަޔާންކުރާ ޤާނޫނާއި ޖިނާއީ އިޖުރާއަތު ބަޔާންކުރާ ޤާނޫނެވެ. މި ދެޤާނޫނުގައި ބުނާ ގޮތް ނޫން ގޮތަކަށް ކަމެއް ކުރުމަކީ ޕްރޮސިކިއުޓަރަށް ކުރެވޭނެ ކަމެއް ނޫންކަމަށް ޤާނޫނުއަސާސީގައި އޮންނަކަމަށް ވެސް ޕީޖީ ލިއުއްވާފައި ވެއެވެ. "ކުށް ބަޔާންކުރާ ޤާނޫނުގައި އޮންނާނީ ކުށުގެ ޢުންޞުރުތަކެވެ. ކުށެއް، ކުށަކަށްވާ ގޮތެވެ. ސާބިތުކޮށްދޭންޖެހޭ ކަންކަމެވެ."

ޝަމީމު ވިދާޅުވީ އިޖުރާއަތުގެ ޤާނޫނުގައި އޮންނާނީ، އެކަންކަން ސާބިތުކުރުމަށްޓަކައި ހިނގާންޖެހޭ މަގު ކަމަށެވެ. "މިދެކަންތައް ރަނގަޅަށް އެނގުމަކީ ޤާނޫނީ ވަކީލުންގައި ކޮންމެހެން ފުރިހަމަވާންޖެހޭ އަސާސީ ސިފައެވެ. އެއީ ޕްރޮސިކިއުޓަރަކަސް، ދިފާޢީ ވަކީލަކަސްވެހެވެ. ޢުންޞުރު ދެނެގަނެ، އެއާ ބެހޭ ގޮތުން ދިގުކޮށް، ފުންކޮށް ވާހަކަ ދައްކަން ނޭނގޭ ވަކީލަކީ ރަނގަޅު ވަކީލެއް ނޫނެވެ."


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން