ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން (ކ) ރައީސް ޞާލިޙް އާއި އެކު
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން (ކ) ރައީސް ޞާލިޙް އާއި އެކު
ކޯވިޑް-19 ވެކްސިން ޖަހާ މީހުންނަށް ލުއިގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އިން ދިފާޢުވުމަށް ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފަށާފައިވާއިރު މާލޭ ސަރަޙައްދުގައި ވެކްސިން ޖެހުމަށް ލިބެމުންދަނީ ފިނި ތަރުޙީބެއްކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. ވެކްސިނަކީ ކޮވިޑަށް އޮތް ދާއިމީ ޙައްލެއް ނޫން ކަމަށާއި، ނަމަވެސް އެއީ ބަލީގެ އެންމެ ނުރައްކާތެރި ހިސާބަށް ނުގޮސް ސަލާމަތް ވެވިދާނެ ވަސީލަތެއް ކަމަށް އެޗްއީއޯސީން ހާމަކުރުމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ ވެކްސިން ޖަހައިގެން ލުއިތަކެއް ނުލިބޭނަމަ ވެކްސިން ޖެހުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެކަމާ ގުޅިގެން "ރަސް އޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި މެމްބަރު އިކްރާމް ވިދާޅުވީ، ވެކްސިން ޖަހާ މީހުންނާއި ނުޖަހާ މީހުންނާމެދު ޢަމަލުކުރާގޮތް ތަފާތު ކުރެވިއްޖެނަމަ ވެކްސިން ޖެހުމަށް ޢާއްމުންގެ ފަރާތުން ލިބޭ ތަރުޙީބަށް ބަދަލު ގެނެވިދާނެ ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ. އިކްރާމް ވިދާޅުވީ ކޯވިޑާ ގުޅިގެން ޤައުމުގެ އެތެރޭގެ އިޤްތިޞާދު ހުއްޓިފައި ވާއިރު، އެޗްޕީއޭގެ ގައިޑްލައިންގައި ވެކްސިން ޖަހާ މީހުންނާ ނުޖަހާ މީހުންގެ ދެމެދުގައި ތަފާތު ކުރެވޭނެ އުސޫލެއް އެކަށައަޅަން ޖެހޭ ކަމަށެވެ.

"މިސާލަކަށް ރެސްޓޯރެންޓެއްގެ މުޅިޓީމް ވެކްސިން ޖަހައި، އެ ރެސްޓޯރެންޓަށް ވަންނަ މީހުންނަކީ ވެކްސިން ޖަހައިގެން ވަދެވޭ ބަޔަކަށް ހަދައިފިނަމަ ވެކްސިން ޖެހުމަށް އޮންނަ ތަރުޙީބު އިތުރުކުރެވޭނެ. މިހާރު މިއޮންނަނީ ދުއްވުންވެސް، ބޭރުގަ އުޅުންވެސް، ވެކްސިން ޖެހިޔަސް ނުޖެހިޔަސް ތަފާތެއްނެތި ހަމަހަމަވާގޮތަށް. މިހެން އޮތީމަ ވެކްސިން ނުޖަހާ މީހުންނަށް އިޙްސާސެއް ނުކުރެވޭ ވެކްސިން ޖެހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަކަށް." މެމްބަރު އިކްރާމް ވިދާޅުވިއެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިން ކެމްޕޭނުގެ ދަށުން ޖުމްލަ 138،827 މީހަކު މިހާރު ވަނީ ވެކްސިން ޖަހައިފައެވެ. އެގޮތުން ޖުމްލަ 53،936 މީހަކު އަތޮޅުތަކުން ވެކްސިން ޖަހައިފައިވާއިރު، މާލެ ސަރަހައްދުން ޖުމްލަ 84،891 މީހަކު މިހާތަނަށް ވެކްސިން ޖަހައިފައިވާކަމަށް އެޗްޕީއޭގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

ވެކްސިން ޖެހުމުގެ ކެމްޕޭނު ކުރިއަށްގެންދިއުމަށް މާލެ ސަރަހައްދުގައި އަށް ވެކްސިން ސެންޓަރާއި ދެ މޮބައިލް ޓީމް ހަރަކާތްތެރިވަމުންދާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި އަތޮޅު ތެރޭގައި 169 ވެކްސިން ސެންޓަރެއް ގާއިމު ކުރެވިފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން