ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ވ). އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ).
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ވ). އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ).
ސިޔާސީ ނުފޫޒުން ތަޢުލީމީ މުއައްސަސާތައް މިނިވަންވާންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިއްޔެ ވަނީ ޑރ. މުޙައްމަދު އިޔާޒް ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު މުޖުތަމަޢަށް ފޯރާތީ އެކަން ތަހުގީގު ކުރުމުގެ ގޮތުންނެވެ. ޑރ. ޢިޔާޒަކީ ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ. ޚާއްސަކޮށް ކޯވިޑް-19 އާ ގުޅިގެން ފަރްޟު ނަމާދުގެ ޖަމާޢަތް ގައިދުރުކޮށް ކުރުމާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ބަސް ވިދާޅުވާ ބޭފުޅަކީ ޑރ. އިޔާޒެވެ.

ޑރ. އިޔާޒްގެ ސަސްޕެންޝަނާ ގުޅިގެން ޑރ. އަޙްމަދު ވިދާޅުވީ، ދީނީ މައްސަލަތަކުގައި ޢިލްމުވެރިން ފާޅުކުރައްވާ އިޖްތިހާދީ ރައުޔާ ގުޅިގެން ތަޢުލީމީ މުއައްސަސާތަކުން ފިޔަވަޅު އެޅުމަކީ، ޝަރްޢީ އަދި ޤާނޫނީ އެއްވެސް ހަމަޔަކުން ކުރެވިގެންވާނެ ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ތަޢުލީމީ މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވާންޖެހޭ ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.



މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް މީސްމީޑިއާގައި ސިޔާސީ ޕޯސްޓް ކުރަށްވާކަމަށް ބުނެ ޔުނިވަރސިޓީން މީގެ ކުރިން ވަނީ ޑރ. އިޔާޒަށް އިންޒާރުވެސް ދީފައެވެ. އޭގެ ފަހުންވެސް މާލޭ ސަރަޙައްދުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމުމުން އެކަމަށް ދެކޮޅުހައްދަވައި ގިނަ ހުއްޖަތްތަކެއް ޑރ. އިޔާޒް ދައްކަވާފައިވެއެވެ.

އެގޮތުން ޑރ. އިޔާޒް ވިދާޅުވެފައިވަނީ ގައިދުރުކޮށް ފަރުޟުނަމާދުގެ ޖަމާޢަތް ހެދުމަކީ 2020 ގެ ބިދުޢައެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން