ހައި ކޯޓުގެ 4 ފަނޑިޔާރުންނާއެކު ޖުމްލަ 5 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙުޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ހާމަކޮށްފިއެވެ.

ޖޭއެސްސީން ބުނީ އެކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމިޓީން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަޙްޤީޤުކުރަން ނިންމާފައިވާތީ، އެ މައްސަލަތައް ތަޙްޤީޤުކުރުމަށް ކޮމިޝަނުން ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 3 ފަނޑިޔާރުން ކަމަށްވާ، އަލްއުސްތާޛް ޢަބްދުއްރައޫފު އިބްރާހީމާއި އަލްއުސްތާޛު ޢަބްދު ޙަމީދު އަދި އަލްއުސްތާޛް ޢަލީ ސަމީރު، ޤާނޫނު އަސާސީގެ 152 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 41 ވަނަ މާއްދާއާ ޚިލާފަށް ޢިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައެއް ތަޙުޤީޤު ކުރުމަށް ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

މިގޮތުން އެކުލަވާލި ކޮމިޓީގައި ހިމަނާފައިވަނީ ކޮމިޝަނުން ތަޙްޤީޤުކުރާ ސުލޫކީ މައްސަލަތަކުގެ ތަޙްޤީޤުތަކަށް ކޮމިޝަނުން ބޭރުން ނަގާފައިވާ ބޭފުޅުން ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.



މީގެ އިތުރުން ދ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއަކާ ގުޅިގެން ހައްޔަރުގައި ހުރި މީހެއްގެ ބަންދު މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން އެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި އަހަރު ދުވަސް ވެފައިވުމާއި، އަދި އެ ޤަޟިއްޔާގެ އަޑުއެހުންތައް ފަށައި ނުގަނެ އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ހިނގާފައިވާތީ، މިއީ އެ މައްސަލަ ބައްލަވާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ ޝަފީޤު ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވުންކަމަށް ބުނާ މައްސަލައެއްވެސް އެ ކޮމިޝަނުން ބަލަން ވަނީ ނިންމާފައެވެ.

އަދި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވި ޝަރީޢަތުގެ މަޖްލިހެއް ނިމުނީކަމަށް އިއުލާންކުރެއްވުމަށްފަހު، މައްސަލައިގައި ހިމެނޭ ޚަސްމަކާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާތިމަތު ފަރްހީޒާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލަ އެއްވެސް އެ ކޮމިޝަނުން ވަނީ ތަޙްޤީޤް ކުރުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު