ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސްވެރިޔާ، ނުވަތަ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް 10 ބޭފުޅަކު ހުށަހަޅުއްވާފައިވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ އަދި މިހާރުވެސް ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަފީގާ ނައީމާއި، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިސްމާއިލް ސާޖިދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު ހިމެނެއެވެ. މި މަގާމަށް ކުރިމަތިލެއްވި އިތުރު ބޭފުޅުންގެ ތެރޭގައި ހޫދު މުހައްމަދު، އަހުމަދު ރިފުއަތު، އާދަމް ޝަމީމު، އައިމިނަތު ނަޝްމީ ފަޒީލު، އާއިޝަތު ހިކްމާ، މުހައްމަދު ނިޔާޒު އަދި މަރުޔަމް ޝަހާނާ ހިމެނެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަމްޖަދު މިހާރު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އައްޔަންކުރައްވާފައެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ރާއްޖޭގެ ކޯޓުތަކުގެ އިދާރީ ކަންކަމާއި، ބަޖެޓާއި، މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގެ މައި އިދާރާއެވެ.



ކިޔުންތެރިންގެ ހިޔާލު