އެކަކު އެނެކަކަށް އެހީތެރިވުމަކީ އަދި ބޭނުން ޖެހިފައިވާ މީހުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިކުޑަކުޑަ ރާއްޖޭގައިވެސް އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަ އެއްމަންޒަރަކީ އެހީއަކަށް އެދި އާއިލާއަކުން އެދެމުންދާ މަންޒަރެވެ.

ދާދިފަހުން "ހެލްޕް ނަފީސާ ފެމެލީ" ނަމުގައި، މަންމަ ޖަމިއްޔާ އާއި އެހީ ޖަމިއްޔާއިން ކެމްޕެއިންކޮށް ނަފީސާގެ އާއިލާގެ ނުތަނަވަސްކަން ވަނީ ފިލުވައިދީފައެވެ. މިކެމްޕެއިން މެދުވެރިކޮށް އެއާއިލާއަށް އަންނައުނާއި ކުދިންގެ ކިޔެވުމަށް ބޭނުންވާ ސާމާނާއި ކުޅޭތަކެތި ވަނީ ހަދިޔާކޮށްފައެވެ. މަންމަ ކޮމިއުނިޓީގެ މެމްބަރުންގެ ދީލަތި އެހީއާއި އެކު މިތަކެތި އެއާއިލާއަށް ހަދިޔާކޮށްފައިވާއިރު އެއާއިލާ ދިރިއުޅެމުންދިޔަ ގެއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށް މަންމަ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

އެޖަމިއްޔާއިން މައުލޫމާތުދޭ ގޮތުގައި ނަރުދަމާގެ މައްސަލަ ކުރިމަތިވެފައިވާ ނަފީސާމެންގެ އާއިލާ އުޅެމުންދިޔަ ގޭގެ ނަރުދަމާގެ މައްސަލަ އެޖަމިއްޔާއިން ވަނީ ހައްލުކޮށްދީފައެވެ. އަދި ކަރަންޓުގެ މައްސަލަ ހައްލުކޮށްދީ ސިމެންތި ނުޖަހާހުރި ހުރިހާ ފާރެއްގައި ސިމެންތި ޖަހާ ކުލަ ލައިދީފައިވާ ކަމަށްވެސް އެޖަމިއްޔާއިން މައުލޫމާތުދެއެވެ.

ކުދިންގެ ރައްކާތެރި ކަމަށްޓަކައި ގޭގެ ބޭރުގައި ގޭޓް ހަރުކޮށް ގެއަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއްވެސް ހަދިޔާކޮށްދީފައިވާނެ ކަމަށް ވެސް މަންމަ ޖަމިއްޔާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން މިދިޔަ ނޮވެމްބަރު މަހުންފެށިގެން އެއާއިލާއަށް ބޭނުންވާ ހުރިހާ ކާބޯތަކެއްޗާއި ރީތިވާ ސާމާނު ފަދަ ތަކެތި 6 މަސްދުވަހަށް ވާވަރަށް ފޯރުކޮށްދީފައިވާ ކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.

އަދި ނަފީސާއަށް އެންމެ ފަހުން ލިބުނު ދަރިފުޅަށް ބޭނުންވާ ތަކެތި ނޮވެމްބަރުން ފެށިގެން އިތުރު 10 މަސް ދުވަހަށް ހަމަޖައްސައިދީފައިވާ ކަމަށް ވެސް މަންމަ ޖަމިއްޔާއިން މައުލޫމާތު ދީފައިވެއެވެ.

މިފަދަ ބޮޑު މަސައްކަތެއް ނިމިގެންދާއިރު މިކެމްޕެއިނަށް ސްޕޮންސަރުންނާއި ދީލަތި ފަރާތްތަކުންދީފައިވާ އެހީތެރިކަމަށް މަންމަ ޖަމިއްޔާއިންނާއި އެހީ ޖަމިއްޔާއިން ވަނީ ޝުކުރުއަދާ ކޮށްފައެވެ. ފަޤީރު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި "އެހީ ޖަމިއްޔާ" އިން ކުރަމުން އަންނަ މަސައްކަތަށް ގިނަ ފަރާތްތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން