ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް
10 ޑިސެންބަރުގައި ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރާތީ ރައީސް އަލްއުސްތާޒު މައުމޫން އަބްދު ގައްޔޫމަށް ބަޔަކު ފާޑު ކިޔަމުން ގެންދިޔައެވެ. ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު މަސްވެރިންގެ ދުވަސް ރައީސް މައުމޫން ފާހަގަ ކުރަށްވަން ނިންމެވުމަކީ ވަރަށް ގޯސްކޮށް އެމަނިކުފާނު ކުރެއްވި ކަމެއްކަން ބަޔަކަށް އިހުސާސް ކުރެވުނީ އެދުވަސް ކުލަގަދަކޮށް ފާހަގަ ކުރަތާ އެތައް އަހަރުތަކެއް ފަހުންނެވެ. މިދެންނެވި ފަރާތްތަކުން ގަބޫލުކުރީ އެއީ ގަސްތުގައި އިންސާނީ ހައްގުތަކުގެ ދުވަސް ރާއްޖޭގައި ފާހަގަ ނުކުރާން ވެގެން ނުވަތަ އެދުވަހުގެ މުހިންމުކަން ރައްޔިތުންނަށް އިހުސާސް ވިޔަ ނުދޭން ރައީސް މައުމޫން ކުރެއްވި ކަމެއް ކަމަށެވެ. އެވިސްނުމުގައި ތިބި މިދެންނެވި ފަރާތްތަކުން ޑިސެންބަރު މަހުގެ 10 ނޫން ދުވަހަކަށް މަސްވެރީންގެ ދުވަސް ބަދަލު ކުރާން ވެސް ވަކާލާތު ކުރިއެވެ.

މިދެންނެވި ފާޑުކިއުންތަކާއެކު ވެސް ރައީސް މައުމޫން 10 ޑިސެންބަރުގައި މަސްވެރިންގެ ދުވަސް ގެންދެވީ ފާހަގަ ކުރަށްވަމުންނެވެ. އަހަރަކަށްވުރެ އަހަރެއް ކުލަގަދަ ކުރަށްވަމުންނެވެ. މަސްވެރިންނާއި މަސްވެރި އާއިލާތައް ހިއްސާ ވާގޮތަށް މާލެއާއި މާލެއިން ބޭރުގައި ވެސް އެދުވަސް ވަނީ ފާހަގަ ކޮށްފައެވެ.

އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރެވުނީ މީލާދީ ސަނަތުން 1981 ވަނަ އަހަރުގެ ޑިސެމްބަރުން 10 ވަނަ ދުވަހުއެވެ. މި ދުވަސް އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ފާހަގަކުރެވުނީ 30 އަހަރު ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި، ރައީސް އަލް އުސްތާޛް މައުމޫން އަބްދުލް ޤައްޔޫމްގެ ޒަޢާމަތުގެ 3 ވަނަ އަހަރުގައެވެ.

ދެން އޮތީ ރައީސް މައުމޫން މިދުވަސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހާއި ދިމާކުރެއްވި ސަބަބާއި މެދު އުފެދޭ ސުވާލު ނޫންތޯއެވެ؟ ގިނަ ބަޔަކަށް ހީވެފައި އޮތީ ނުވަތަ ގަބޫލުކުރެވިފައި އޮތީ ކުރީން މިދެންނެވިހެން އިންސާނީ ހައްގުތަކުގެ ދުވަސް ދިވެހީންނަށް އޮޅުވާލައްވަން ވެގެން ގަސްތުގައި ރައީސް މައުމޫން ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް އެއީ މުޅިން ގޯސް ނިންމުމެކެވެ. ކުށް ހީއެކެވެ. ނޫނީ ބަޔަކު ގަސްތުގައި އެކަން އޮޅުވާލީއެވެ.

ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހެއް ފާހަގަ ކުރައްވަން ނިންމެވި ސަބަބާއި އެދުވަސް ޑިސެންބަރު މަހުގެ 10 ގައި ފާހަގަކުރަން ފެށުނު ގޮތާ މެދު "ރަސް އޮންލައިން"އިން އެމަނިިކުފާނާ ސުވާލުކޮށްލީމެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުގައި މަސްވެރިންގެ ދުވަހެއް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ނުވަތަ މައިގަނޑު މަގުޞަދަކީ މަސްވެރިކަމާއި މަސްވެރިންނާއި މަސްވެރި އާއިލާ ތަކާއިމެދު ޒަމާނުއްސުރެ ދިވެހިން ދެކެމުން އައި ގޮތް ބަދަލުކުރުމެވެ. މަސްވެރިކަމަކީ އަގުހުރި، ގަދަރުވެރި، ފަޚުރުވެރި މަސައްކަތެއްކަން އަންގައިދީ، މަސްވެރިންގެ އަގު ވަޒަންކުރުމެވެ.

"އޭރު ވެސް މީހުން ދެރަކޮށްލަން ބުނެއުޅޭ، ކަލޭތީ މަސްވެރިއެކޭ، ކަލެއަށް ދެން ކޯޗެއްހޭ އެނގޭނީ، ކަލޭ ދާށޭ މަހަށް. އެ ވިސްނުން ބަދަލުކުރުން މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު، އަދި މައިގަނޑު މަގުސަދަކަށްވީ." ރައީސް މައުމޫން ވިދާޅުވިއެވެ.

އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެކެވެ. މީގެކުރިން މަސްވެރިންނާއި މަސްވެރި އާއިލާ ތަކަކީ ރަށްރަށުގައިވެސް އެންމެ ދަށު ދަރަޖައިގެ މީހުންނެވެ. އެއީ ނުކިޔަވާ ތިބޭމީހުން ކުރާ ކަމެކެވެ. އެއީ ހަޑި މަސައްކަތެކެވެ. މަސްވެރިއަކާއި އިނުމުން އޮންނާން ޖެހޭނީ މަސްކައްކާށެވެ. މަސްވެރިންގެ އަނބިންނާއި ދަރިން އެއީ އަބަދުވެސް މަސްކެއްކުމުގައި އުޅޭ ބައެކެވެ. އެމީހުންނާ ކައިރިވެ އެމީހުންގެ ގެދޮރަށް ވަދެ އާންމުކޮށް މީހުން ނުހަދަނީ ނުބައި ވަސްދުވާތީއެވެ.

ރައީސް މަޢުމޫން ވިދާޅުވީ، މަސްވެރިކަމަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ، ގަދަރުވެރި، އިޤުތިޞާދަށް ނަފާވާ މަސައްކަތެއްކަން އޭރު ގިނަ ބަޔަކަށް ވިސްނިފައެއް ނެތެވެ. އަނބިދަރިން ދޫކޮށް މާ ކަނޑަށް ނުކުމެ، ލޯބޯ ފިއްސައިގެން ކުރާ އެ މަސައްކަތަކީ އިޤުތިޞާދުގެ ދިރުން ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެމަނިކުފާނު އޭރުވެސް ވިދާޅުވަމުން ގެންދެވީ އެއީ ދިވެހި ލޭނާރު ކަމަށެވެ.

"މަސްވެރިން އެއީ އެ ރިޒުޤު އަޅުގަނޑުމެންނާއި ހަމައަށް ގެނަސްދިނުމުގައި މެދުވެރިވާ މީހުން. އެހެންވީމާ އެމީހުންނަކީ ގަދަރުވެރި ބައެއް. އެމީހުން އެކުރަނީ ގަދަރުވެރި މަސައްކަތެއް." ރައީސް މައުމޫން ވިދާޅުވިއެވެ.

އެއީ ފަތުރުވެރިކަން މިހާ ކުރިއަރާފައިވާ ޒަމާނެއް ނޫނެވެ. ދިވެހީން ކެއިންބުއިމަށް ބޭނުން ވާ ވަރަށްވުރެ އިތުރަށް މަސް ބާނައިގެން ބޭރަށް މަސް ވިއްކައިގެން ބޭރުފައިސާ ވެސް އޭރު ގައުމަށް ވައްދައިދިނީ މަސްވެރިންނެވެ. އޭރު އެއީ ރާއްޖޭގެ އިޤުތިޞާދުގެ މައިގަނޑު މަސައްކަތެވެ.

ރިޔަލާއި ފަލީގައި ރަށުގެ ވެލި ފެންނަފަށުގައި ތިބެ ދިވެހީން ކުރަމުން ދިޔަ އެ މަސައްކަތް ތަރައްގީކޮށް އިންޖީނު އަޅައިގެން މަސްވެރިން ނެރުނީ ރަށުގެ މަލަ ނުފެންނަ ހިސާބަށް ބޭރަށެވެ. ރަށް ކައިރީގާ މަސް ނެތިއްޔާ މަސް ހުރި ހިސާބަކަށް ދަތުރު ކޮށްގެން ހުރިހާ މޫސުމެއްގައި ދިވެހި މަސްވެރިން މަސް ބާނަން ފެށީ ޔަންމާ އިންޖީނުގެ ތަރައްގީގެ ދުވެލީގައެވެ. ބޯޓުފަހަރަށް މަސް ކިރުވައިގެން ދިވެހި ކަނޑުމަސް ރާއްޖެއިން ބޭރަށް ވިއްކަން ފެށީ އެ ތަރައްގީއާއެކު ގައެވެ. މަސްވެރިކަން ރާއްޖޭގެ މައިގަނޑު އިޤުތިޞާދީ ސިނާޢަތަކަށް ހެއްދެވުމުގައި ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅުގައި މުހިންމު މަސައްކަތް ތަކެއް ވަނީ ކޮށްފައެވެ.



"10 ޑިސެމްބަރަކީ އިރުވައި ލައިގަންނަ ދުވަސްވަރަށް ވެފައި އިއްތިފާޤުން، އެއީ މަސްވެރިކަންވެސް ރަނގަޅު ދުވަސް ވަރެއް." އެދުވަސް މަސްވެރިންނަށް ހާއްސަކޮށްގެން ފާހަގަކުރައްވާން ފެއްޓެވި ސަބަބު އޮޅުންފިލުއްވައިދެއްވަމުން އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުގައި، އޭރު މި ދާއިރާ ކުރިއަރުވަން އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ އޭރުގެ މަސްވެރިކަމާ ބެހޭ ވަޒީރުގެ ނައިބު އައްނަބީލް ޢަހުމަދު ޢަލީ ދީދީ އެވެ. އޭނާއަކީ މަސްވެރިކަން ކުރިއެރުވުމަގައާއި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މަސައްކަތުގައި ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއްކަން ރައީސް މައުމޫން ފާހަގަ ކުރެއްވިއެވެ.

އެދުވަހު ރައީސް މައުމޫން ފެއްޓެވި އެމަސައްކަތުގެ ނަތީޖާ މިއަދު އެދަނީ ފެންނަމުންނެވެ. މިއަދު މަސްވެރިކަމަކީ ގަދަރުވެރި މަސައްކަތެކެވެ. މިއަދު މަސްވެރިކަން އެންމެ މޮޅަށް ކުރެވެނީ ތަޢުލީމު އުނގެނިގެން އެ ރޮނގުން އުނގެނި ދަސްކޮށްގެންނެވެ. މިއަދު މަސްވެރިކަން އެވަނީ ޒަމާނީވެފައެވެ. މަސްއައިން ހޯދަނީ ޒަމާނީ ވަސީކަތްތަކުގެ އަލީގައެވެ. އެން ދަމަނީ ވެސް ހުނަރުވެރިކަމާއި ތަމްރީން ހޯދައިގެންނެވެ. މިއަދު މަސްވެރިން އެތިބީ ސޯޝަލް މީޑިއާގައެވެ. މިއަދު އެއީ ޒުވާނުން ފަޚުރުވެރިކަމާއެކު ކުރާ މަސައްކަތެކެވެ.

މިއަދަކީ ދިވެހިރާއްޖޭގައި ފާހަގަކުރާ 40 ވަނަ މަސްވެރިންގެ ދުވަހެވެ. ދުވަހުގެ ތަހުނިޔާ "ރަސް އޮންލައިން"ގެ ފަރާތުން އެންމެހާ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ފޮނުވަމެވެ.


ކިޔުންތެރިންގެ ހިޔާލު


21

ޙުޤޫޤުލްއިންސާން

18-Dec-2020

ސަރުކާރުގެ ބޮޑުއިސްޓޯރު އުފެދުނު ތާރީޚަކީ އަޅުގަނޑު ހަނދާންވާ ގޮތުން ޑިސެންބަރު މަހެއްގެ ދިހަވަނަ ދުވަސް. އެ ބޮޑު އިސްޓޯރު ހުޅުވުމާއެކު ދިވެހި ހިކިކަނޑުމަސް ބޮޑު އިސްޓޯރަށް ގަންނަ ގޮތަށް ހަމެޖިހިގެން ދިޔަ ހަނދާނެއް ވޭ. އެހެންވީމާ ކަމަށް ބޮޑަށް އަޅުގަނޑަށް ބެލެވިފައި ވަނީ މަސްވެރިންގެ ދުވަހަކީ ދިހައެއް ޑިސެންބަރު ކަމުގައި ހަމަޖެއްސެވީ. އެހެން ނަމަވެސް ރައީސް މައުމޫން އެ ވިދާޅުވީ ތާ އެއީ އިރުވައި ލައިގަންނަ ދުވަސްވަަރަށ ްވުމުން އިއްތިފާޤުން ކަމަށް އެކަން ހަމަޖެހިގެން އެ ދިޔައީ. އެ ދުވަސްވަރަކީ ދިވެހިންނަކަށް އދ. ގެ ޢާންމު ޤަރާރު އެއްގޮތަކަށް ވެސް އަޑު އިވޭ ދުވަސްވަރެއް ނޫން. އެއީ އޮންނަ އެއްޗެއް ކަން އެނގޭނީ ވެސް ޚާރިޖީ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް.


15

ިމުރައްކަބުޖާހިލުކަލޭގެ

13-Dec-2020

ނޭގޭ މީހަކަށް ބުނެދިނަސް ކިޔައިދިނަސް ނޭނގޭނެ. އެ ދުވަހަކީ ދިވެހިރާއްޖޭގައި ބޮޑު އިސްޓޯރު ހުޅުވި ދުވަސް. ވޯރާ ވިޔަފާރިވެރިން ފަހާލައި މަސްވެރިކަމުގެ ސިނާއަތުން ސީދާ ދިވެހިން ފައިދާ ހޯދަން ނުކުތް ދުވަސް. ތިޔަހެން ތިޔަ ވިދާޅުވި ރައީސް މައުމޫން އެދުވަސް ފާހަގަކުރަމުން އެ އަހަރު ދެއްވި ރިޔާސީ ބަޔާން ކިޔާލާ! މާ ތަފުސީލުކޮށް ސަބަބު ސާފުކޮށްދީފައި އޮންނާނެ. މުރައްކަބުޖާހިލުންނަކަށް ކަންކަމެއް ނޭނގޭނެ.



ޓްރެންޑިން