ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ދެކުނުގެ އަތޮޅުތަކަށް ފައިދާ ބޮޑީ ދެކުނުގެ ތަރައްޤީގެ މައި ހަބަކަށް އައްޑޫ އެއަރޕޯޓް ހަދައިގެން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދެކުނުގެ ބައިނަލް އަޤުވާމީ ވައިގެ ބަނދަރު އޮންނަންވީ އަތޮޅަކާމެދު ދެކުނުގެ ސިޔާސީ ބޭފުޅުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. އަދި ސަރަޙައްދީ ތަރައްޤީ ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ހުވަދު އަތޮޅާއި ފުވައްމުލައް ބާކީ ކުރާކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވި މައްސަލަވެސް ވަނީ ހޫނުވެފައެވެ.

އެކަމާ ގުޅިގެން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އައްޑޫގައި ބައިނަލްއަޤުވާމީ އެއަރޕޯޓެއް ތަރައްޤީކޮށް ދެކުނުގެ ހަބަކަށް ހެދުމަކީ އޭގެ ފައިދާ މުޅި ދެކުނުގެ ހުރިހާ އަތޮޅަކަށް ކުރާނެ ކަމެއް ކަމަށެވެ. އަދި ރޭވުންތެރިކަމާއެކު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް ތަރައްޤީގެ ކަންކަން ތަރުތީބު ކުރުން މުހިއްމު ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރެވޭނީ، އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ދިނުމަށް އަމާޒު ހިފައިގެން ކަމަށެވެ.

ޝަރީފް މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު އެމްޑީޕީގެ އައްޑޫ ދާއިރާގެ ރައީސް އަދުހަމް ވެސް މިއަދު ވިދާޅުވީ، އިޚްލާޞްތެރި ބަސްތަކަކަށް ވުރެ، އައްޑޫ ރައްޔިތުންގެ އިހުސާސް މިވަގުތު މާބޮޑުކަމަށެވެ. އަދި ބޮޑު އުއްމީދާއެކު ގެނައި މިސަރުކާރުން އައްޑޫގެ އިގްތިސާދުގެ މައިދޮރާށި ކަމަށްވާ އައްޑޫ އެއަރފޯޓް ތަރައްގީވެގެން ދާތަންބަލަން އައްޑޫ ރައްޔިތުން މިތިބީ ކެތްމަދުވެފައިކަމަށް އަދުހަމް ވިދާޅުވިއެވެ.

ދެކުނުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރާ ގުޅޭގޮތުން މެމްބަރު ސަނީފް ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރަށްވާ ޢަލީ ނިޒާރު ވިދާޅުވީ، ސަނީފް ދެއްކެވީ އެއްވެސް ވަރަކަށް ދެއުޅިއެއްނުވާ ވާހަކަތަކެއް ކަމަށެވެ. އަދި އެޒާތުގެ ދެއުޅިއެއްނުވާ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެނީ، ރާއްޖެ ތަރައްޤީވާން ޖެހޭ ގޮތުގެ ޕްލޭނެއް ރޭވިފައި ނެތުމުން ކަމަށް ޢަލީ ނިޒާރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން