ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރާއްޖޭގައި ފަތުވެރިކަމަށް މިހާތަނަށް ވިއްކަމުން އައީ ހަމައެކަނި ގޮނޑުދޮށް ކަމަށާއި، "ގިފިލި" ދޮށް ނުވިއްކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން މުޅި މަޖިލިސް ކޮމިޓީ ބަހުސްގައި މެމްބަރަކު ދެއްކެވި ވާހަކައަކާއި ގުޅިގެން މަޖިލީހުގެ ރައީސް ރައީސް މުހަންމަދު ނަޝީދު އިއްޔެ ވިދާޅުވީ، ރާއްޖޭގައި ފަތުވެރިކަމަށް ވިއްކަމުން އައީ ހަމައެކަނި ގޮނޑުދޮށްތައް ކަމަށާއި، ގިފިލި ދޮށް ނުވަތަ ފަހަތުގައި އަނެއް ފަރާތުގައި ހިމެނޭ ފަތުރުވެރިން ޝައުގުވެރިވާ ކަންކަން ނުވިއްކޭ ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ޓޫރިޒަމް ކުރިއަށް ގެންގޮސްފައިވާ ގޮތް އަޅުގަނޑުމެން ބަލަންޖެހޭ ކަމަށާއި، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ހަމައެކަނި ދޮންވެލި ގޮނޑުދޮށުގައި އޮށޯވެލުމަށް އެކަނި ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ސާވޭއެއް ހަދައިފިނަމަ ރާއްޖެއަށް ކިތައް ޓޫރިސްޓުންތޯ އަބަދު ދޮންވެލި މަތީގައި އޮށޯވެ ތިބެނީ އަޅުގަނޑުމެން އެ ބަލާލައިފިނަމަ ސާފުވާނެ އެންމެނަކު މިތަނަށް އަންނަނީ ދޮންވެލި މަތީގައި އޮށޯވެ ތިބުން ނޫންކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ގަސްގަހާއި ގެއްސާއި ފަތްޕިލާވެލި މާމެލާމެއްޔާއި ދޫނި ސޫފާ ސޫތްޕަކީ ފަތުރުވެރިން ހިތް ދަމައިގަންނަ ޝައުގުވެރިވާ ކަންތައްތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ގުދުރަތީ ރީތި ކަމާއެކު އެކަންކަން ރާއްޖެ އިން ވިއްކަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގުދުރަތީ ރީތި ކަމަކީ އެކިމީހުންނަށް އެކި ގޮތަށް ހުންނަ ކަންކަން. އެ ރީތިކަން ތައާރަފްކޮށްދިނުމާއި އަމާޒުކޮށްދިނުމާއި ވިއްކުމަކީ އެއީ އަޅުގަނޑުމެން އަމިއްލަ އަށް ކުރަންޖެހޭ ކަމެއް." ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރެވޭނެ މުހިންމު ޚިޔާލުފުޅުތައް ހިއްސާ ކުރަށްވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން އެންމެ ބޮޑީ އައްޑުއަތޮޅުގައި ކަމަށާއި، އެ އަތޮަޅުގެ ގުދުރަތީ އުފެދުން އެހެން ހުރިހާ ރަށްރަށާއި ތަފާތުވާނެ ކަމަށެވެ.

"އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަކީ އެއިން މުޅި ރާއްޖެއަށް އޭގެ މަންފާ އާއި ފައިދާ ލިބޭނެ ކަމެއް ކަމީ އަޅުގަނޑުގެ ހިތުގައި ޝައްްކު ހިގާ ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން