ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް
ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް
ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ ތަންފީޒު ކުރަން އުނދަގޫ ބަޖެޓެއް ކަމަށް ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ވާހަކަދައްކަވަމުން މެމްބަރު ނާޝިޒް ވިދާޅުވީ، އަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓަކީ ތަންފީޒު ކުރުމަށް އުނދަގޫ ބަޖެޓެއް ކަމަށާއި، ނަމަވެސް އަންދާޒާ ކޮށްފައިހުރި މިންވަރަށް ޢާމްދަނީ ލިބިއްޖެ ނަމަ ބަޖެޓް ތަންފީޒް ކުރުމުގައި މާބޮޑު ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ. އެމަގަށް މަސައްކަތް ކުރުމަށް ޢާމްދަނީގެ ބައިން އިތުރަށް މަސައްކަތްކުރަންޖެހޭ ދާއިރާތަކުން އިތުރު ޢާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާނެ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

ނާޝިޒް ވިދާޅުވީ މިވަގުތު ގިނަ ކަންތައްތަކެއް ބިނާވެފައި އޮތީ ކޯވިޑް-19 ގެ ޙާލަތަށް އަންނަ ބަދަލެއްގެ މައްޗަށް ކަމަށާއި، އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވެއްޖެ ނަމަ ދަޢުލަތުގެ ޢާމްދަނީއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. މަޖިލީހަށް ބަޖެޓް ހުށައެޅިއިރު ސަރުކާރުން ލަފާކޮށްފައިވަނީ ހަތްލައްކަ ފަތުރުވެރިންނަށް ކަމަށާއި، ނަމަވެސް މިހާރު ބަޖެޓް ދިރާސާކޮށް ނިންމާފައިވާނީ އެޢަދަދު އެއްމިލިއަނަށް އިތުރުވާނެ ކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްލަ އެއްކޮށް 3.335 ބިލިއަން ރުފިޔާގެ ޢާމްދަނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ލިބޭނެކަމަށް ކޮމިޓީން ތައްޔާރުކުރި ރިޕޯޓްގައި މިވަނީ ނިންމާފައި. އެއީ 17 ބިލިއަނުން 21 ބިލިއަނަށް އިތުރުވެގެންދާ ޢާމްދަނީ." ނާޝިޒް ވިދާޅުވިއެވެ.

ނާޝިޒް ވިދާޅުވީ، ބަޖެޓްގެ ޢާމްދަނީ އިތުރުވުމުން ބަޖެޓްގެ ތެރެއިން ކައުންސިލްތަކަށް ދޫކުރާ ގްރާންޓް އެއިޑަށް 40 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށާއި، އަދި ޕީއެސްއައިޕީ ޕްރޮގްރާމްތަކަށްވެސް 134.9 މިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން