ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ވެންޓިލޭޓަރުތަކަށް ވީގޮތް ވެކްސިނަށް ވިޔަ ނުދިނުމަށް މަޖިލީހުން ފާރަވެރިވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ގދ. ގައްދޫ ހޮސްޕިޓަލާއި، ށ. ކަނޑިތީމާއި ގޮއިދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތާ ގުޅޭގޮތުން، ހެލްތް މިނިސްޓަރ އަހުމަދު ނަސީމްގެ ޖަވާބު ލިޔުމުން ހޯދުމަށް ދެ މެންބަރަކު ކުރެއްވި ސުވާލަށް ފުރުސަތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިނިސްޓަރު މިއަދު މަޖިލީހަށް ވަޑައިގެންނެވިނަމަ، އިތުރު ސުވާލުތަކުގެ ތެރެއިން ވެކްސިން ރާއްޖެއަށް ހޯދުމުގެ މައުލޫމާތު ސާފު ކުރެވުނީސް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮވިޑާއި ގުޅިގެން ހެލްތު މިނިސްޓްރީން ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ވެންޓިލޭޓަރުތައް މިހާތަނަށް ވެސް ރާއްޖެ ގެނެވިފައި ނުވާ ކަމަށާއި އެހެން ކަމުން ވެންޓިލޭޓަރަށް ވީގޮތް ކޯވިޑް ވެކްސިނަށް ވިޔަނުދިއުމަށްޓަކައި މިހާރުންފެށިގެން މަޖިލީޙުގެ މެމްބަރުން ސަމާލުވެ ތިބެން ޖެހޭ ކަމަށެވެ. މީގެ އިތުރުން ވެންޓިލޭޓަރަށް ވީގޮތް ވެކްސިނަށް ވެއްޖެނަމަ އެ މައްސަލަ ވަރަށް ހައްސާސް މައްސަލައަކަށް ވެގެންދާނެ ކަމަށާއި އެކަން އެހެން ނުވުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ހަވާލު ކުރީ ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއިއެވެ. އެ ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނެވިފައި ވަނީ 10 ވެންޓިލޭޓަރެވެ.

އެ މަސައްކަތް ޙަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރީގެ މިނިސްޓަރ އަމީން ހިމެނޭގޮތަށް ދައުވާ ކުރަން ފޮނުވި 11 މީހުންގެ މައްސަލަ އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން