ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފިއެވެ.

މި ފުރުޞަތު ރާއްޖޭގެ ކިޔަވާ ކުދިންނަށް ހުޅުވާލާފައިވަނީ ރާއްޖޭގައި ސްޕޭސް ސައިންސް ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ އިންސްޓިޓިއުޓް ފޯރ ގްލޯބަލް ސަކްސެސް، އައި.ޖީ.އެސްގެ ފަރާތުންނެވެ.

އައި.ޖީ.އެސްގެ ޗެއަރމަން އަދި ސީ.އީ.އޯ ރިފްޢަތު މުޙައްމަދު ވިދާޅުވީ، ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ ގްރޭޑް 7، 8، އަދި 9 ގެ ދަރިވަރުންނަށްކަމަށެވެ.

މިއީ ސްޕޭސްއާއި ސައިންސްގެ ދާއިރާއިން ދިވެހި ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް އެ އިންސްޓިޓިއުޓުން ތަޢާރަފުކުރި ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށް ގޮސް އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތުވެސް ފަހިކޮށްދޭނެއެވެ، .

ރިފްއަތު ވިދާޅުވީ މި ޕްރޮގްރާމަކީ ދިވެހި އެސްޓްރޮނޯޓުން އުފެއްދުމަށާއި، ސްޕޭސްއާއި ސައިންސްގެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުޞަތު ދިވެހި ކިޔަވާކުދިންނަށް ފަހިކޮށްދިނުމަށް ފެށިގެންދާ މުހިއްމު މަސައްކަތެއްކަމަށެވެ.

"މިޕްރޮގްރާމް ތަޢާރަފުކުރީމަ ޢަމަލީ ގޮތުން މިކަންކަން ހިނގާގޮތް ކުދިންނަށް އެނގޭނެ. އެހެންވީމަ އަޅުގަނޑުމެން އުއްމީދުކުރަނީ މިއީ ރާއްޖޭގައި އެސްޓްރޮނޯޓުން އުފެއްދުމަށް އެޅޭ ބިންގަލެކޭ. މި ބިންގަލުގެ ތެރެއިން އަޅުގަނޑުމެން މި ހުޅުވާލާ ފުރުޞަތުގެ ތެރެއިން އަޅުގަނޑުމެން ދެކެން ބޭނުންވަނީ ރާއްޖޭގައިވެސް އެސްޓްރޮނޯޓުން އުފެދިގެންދިއުން." ރިފްޢަތު ވިދާޅުވިއެވެ.

ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމް ކުރިއަށްދާނީ 6 ޑިސެމްބަރު 2020 އިން 7 ޖެނުއަރީ 2021 ގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން