ފުރަހަނި ޝުއައިބު (މެދުގައި)
ފުރަހަނި ޝުއައިބު (މެދުގައި)
މައްޗަންގޮޅި އުތުރުދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު މުޢިއްޒުއަށް ފާޑުވިދާޅުވުމުން، މުއިއްޒުގެ ދިފާއުގައި އެމްޑީޕީގެ އެއްބާނީ ފުރަހަނި ޝުއައިބު ނިކުމެވަޑައިގެންފިއެވެ.

މައްޗަންގޮޅިި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ކުރީގެ ހައުސިންގ މިނިސްޓަރ އަދި ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރކަމަށް ވާދަކުރައްވާ މުހައްމަދު މުއިއްޒުއަށް ފާޑު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން މަސައްކަތްކުރާނެކަމަށް މުއިއްޒު ވިދާޅުވުމުންނެވެ.

މުއިއްޒު ވިދާޅުވީ މާލޭ މޭޔަރކަމަށް ހޮވޭ މީހެއްްގެ އެންމެ ބޮޑު ޒިންމާއަކަށްވާންޖެހޭނީ މާލެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުންކަމަށެވެ. އެގޮތުން ގުޅީފަޅާއި ފުށިދިއްގަރު ފަޅަކީ މާލެ ރައްޔިތުންނަށް ގޯތި އަދި ފްލެޓްދޭން ޚާއްސަ މަންޒިލަކަށް ހެދުމަށް މަސައްކަތް ކުރަށްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.



މުއިއްޒުގެ ވާހަކަ ތަކަށް ރައްދުދެއްވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ 7 އަހަރު ވަޒީރުކަމުގައި ހުންނެވިއިރު ގުޅީފަޅާއި ފުށިދިއްގަރު ފަޅު ނެތީތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. ނޫނީ އޭރު މަސައްކަތްކުރީ އަމިއްލަ ފައިދާއަށްތޯ މުހައްމަދު ރަޝީދު ސުވާލުކުރެއްވިއެވެ.



މުއިއްޒުއަށް ފާޑުވިދާޅުވެ މުހައްމަދު ރަޝީދު ވާހަކަދައްކަވަން ފެށުމުން، މުއިއްޒުގެ ދިފާއުގައި ނިކުންނެވީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި، އަދި ނަޝީދު ސަރުކާރުގައި ރައީސް އޮފީހުގެ އިސް މަޤާމްތަކެއް ފުރުއްވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެވެ.

ޝުއައިބު ވިދާޅުވީ މެމްބަރު މުހައްމަދު ރަޝީދުމެން މާލޭ ރައްޔިތުންގެ ހައްގުތައް ހޯދާދިނުމަށް ނުކުޅެދުމަކީ އެހެން މީހަކަށް އެކަން ނުކޮށްދެވޭނެ ސަބަބެއް ނޫންކަމަށެވެ. އަދި މިއީ މެމްބަރުގެ ނާޤާބިލްކަމާއި ފެއިލްވެފައިވާވަރު ދައްކުވައިދޭ ކަމެއްކަމަށް ޝުއައިބު ވިދާޅުވިއެވެ.



ޝުއައިބު ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯއްޗެއް ދޭން މީހަކު ބަހެއް ބުނާއިރަށް އެމީހަކާ ދިމާލަށް މެމްބަރު މުހައްމަދު ރަޝީދުމެން ދުއްވައިގަންނަނީ "ލަދު ހަޔާތް" ނެތީމަކަމަށެވެ. އަދި އެމްޑީޕީ ބާރުގައި އޮންނައިރު، މުއިއްޒަށްވުރެ ރަނގަޅަށް އެކަން ކޮށްދޭނެކަމަށް ވިދާޅުނުވެވެނީތޯ ބުނެ ޝުއައިބު ވަނީ ސުވާލު އުފައްދާފައެވެ.



އެމްޑީޕީގެ އިސް ބޭފުޅެއްކަމަށްވާ ޝުއައިބު މިހާރަކަށް އައިސް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދާއި ނަޝީދުގެ ފިކުރަށް ތާއީދުކުރާ ފަރާތްތަަކަށް ފާޅުގައި ވަރަށް ބޮޑަށް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ. މީގެއިތުރުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭންވެސް އޭނާ ދަނީ ކެނޑިނޭޅި އަޑުއުފުއްލަވަމުންނެވެ. މިމައްސަލައިގައި އޭނާ ގެންދަވަނީ މުޒާހަރާވެސް ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


13

ކިނބޫ

25-Nov-2020

"ރާފޮދު އަރުވާ"މެން މުއިއްޒާ ވާދަ ކުރާނީ ކޮން ގޮތަކުން!



ޓްރެންޑިން