ރޭގެ ބައްދަލުވުމުގެ ތެރެއިން
ރޭގެ ބައްދަލުވުމުގެ ތެރެއިން
ފްލެޓްތަކުގެ ޖޫރިމަނާ މައާފްކޮށް ނުދޭން ރައްޔިތުން އެދުމުން އެކަމުގެ ސަބަބުން އިޤްތިޞާދަށް ގެއްލުމެއް ނުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ޢާއްމު ރައްޔިތަކު ވަނީ ފްލެޓްތަކުގެ ކުއްޔާއި ޖޫރިމަނާ މަޢާފުކޮށް ނުދިނުމަށާއި، ވަކި ބަޔަކަށް ކުއްޔާއި ޖޫރިމަނާ މަޢާފު ކޮށްދެއްވުމަކީ ޤަވާއިދާ އެއްގޮތަށް ކުލިދައްކާ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ވިދާޅުވެފައެވެ.

އަދި ސަރުކާރުގެ އެފަދަ ޢަމަލުތަކުގެ ސަބަބުން ޤަވާއިދާ ޚިލާފަށް ޢަމަލު ކުރުމަށް މީހުންނަށް ހިތްވަރު ލިބޭ ކަމަށް އެފަރާތުން ފާހަގަ ކޮށްފައިވެއެވެ.

"ރައީސް އަޅުގަނޑަށް ކުލި ނުދެއްކުނަސް ކުއްޔާއި ޖޫރިމަނާ މަޢާފްކޮށް ނުދެއްވާތި. ފްލެޓަށް ވަނީ ކުލި ދައްކަން އެއްބަސްވެގެން. އެހެންވީމާ ކުލި ދައްކަން ޖެހޭނީ." ރައްޔިތަކު ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންނަށް ލުއި ދިނުމަށް ސަރުކާރުން ކުރާ ކަންކަމަކީ، ޤައުމުގެ އިޤްތިޞާދަށް އެއްވެސް ގެއްލުމެއް ނުލިބޭނެހެން، ވަރަށް ވިސްނުންތެރިކަމާއެކު ދިރާސާކޮށްގެން ކުރާ ކަންކަން ކަމަށެވެ.

އެގޮތުން ބޯހިޔާވަހިކަމުގެ ޖޫރިމަނާ މާފްކުރުން ފަދަ ކަންކަން ހަމަ އެއްވެސް ބެލުމެއް ނެތި ކުރާ ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ އެއީ ހަޤީޤީ ވާހަކައެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ލުއިދިނުމަށް ކުރާ އެފަދަ ކޮންމެ ކަމެއްވެސް ކުރަނީ ވަރަށް ވިސްނައި ރައްޔިތުންގެ ހާލަތަށް ބަލައި އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައިގެން ކަމަށެވެ.

އޭގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ނޫނިއްޔާ އެއްވެސް ލުޔެއް ނުދޭނެ ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ބޭރުގެ ދަރަނި އަދި އެތެރޭގެ ދަރަނި ދެއްކުމަށް އޮންނަ ޕްލޭނަށް ހުރަސް އެޅޭފަދަ އެއްވެސް ލުޔެއް ނުވަތަ ޖޫރިމަނާވެސް މާފު ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިފަދަ ކަންކަން ކުރަނީ ރައްޔިތުންނަށްވެސް އޭގެ ބުރައެއް ނުޖެހޭނެހެން، އަދި ސަރުކާރުން އެފޯޑް ކުރެވޭނެ ގޮތަކަށް، ހަމަ އޮންނަ މިންގަޑުތަކުގެ ތެރެއިން ކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު