ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު
ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މަޝްރޫޢުތައް ހިންގުމަށް ޖަހާފައި ހުރީ ދައުލަތަށް ލިބިފައި ހުރި ފައިސާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ނަމަވެސް އެފައިސާއަކީ ލިބިފައިވާ ފައިސާއެއް ނޫންކަން އެމްއެމްއޭ އިން ހާމަކޮށްފައިވާ ކަމަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޖަހާފައި ހުރީ ދައުލަތަށް ލިބިފައި ހުރި ފައިސާ ކަމަށްވާތީ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ އެ ވާހަކަފުޅަށް އިޝާރަތްކުރައްވަމުން މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވީ، ރައީސަށް ލަފާއަރުވާ ބޭފުޅުން އެމަނިކުފާނަށް ސައްހަ މައުލޫމާތު ނުދެއްވާކަމަށެވެ. އެމްއެމްއޭ ގަވަރުނަރު މަޖިލިސް ބަޖެޓް ކޮމިޓީގައި މަޝްރޫޢުތައް ހިންގަން ޖަހާފައިވާ ފައިސާއަކީ ލިބިފައިވާ ފައިސާތަކެއް ނޫންކަމަށް ވިދާޅުވި ނަމަވެސް އެފައިސާ ލިބިފައިވާކަމަށް ވިދާޅުވެ މަޝްރޫޢޫތައް ހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުމަކީ ދައްކަވާ ވާހަކަތައް އަޑުނާއްސަވާ ކަމުގެ މިސާލެއް ކަމަށް ވިދާޅުވެ ސައީދު ވަނީ ރައީސަށް ފާޑުވިދާޅުވެފައެވެ.

"އެމްއެމްއޭއިން ބުނާގޮތުގައި 2021 ވަނަ އަހަރުގެ ބަޖެޓްގައި ޖަހަފައި ހުރީ ލިބިފައިވާ ފައިސާއެއްނޫން. އެއީ ހުސް ނަގަންހުރި ދަރަނި. މަޖިލިސްގައި އެމްއެމްއޭ އާއިއެކު ކުރިއަށްދިޔަ ބަޖެޓް 2021 ގައި އެމްއެމްއޭ ގަވަރުނަރު ދެއްކި ވާހަކަފުޅު އަޑު އައްސަވާ." ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ މިޙާލަތާއި ނުބައްދަލު ބޮޑެތި މަޝްރޫޢު ތަކެއްކަމަށްވުމުން، ކޯވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖް ކުރަން ދަތިވެގެންދާ ހާލަތުގައި މަޝްރޫޢުތައް ހިންގުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އެމްއެމްއޭގެ ގަވަރުނަރު ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ބޮޑެތި މަޝްރޫއުތައް މިވަގުތަށް މަޑުޖައްސާލުމަށްވެސް ގަވަރުނަރު ވަނީ ލަފާ ދެއްވާފައެވެ.

ކެޕިޓަލް ޚަރަދުގެ ގޮތުން ބޮޑެތި މަޝްރޫޢުތައްވެސް އަންނަ އަހަރު ފެށިގެންދާނެކަމަށާއި، އެގޮތުން ހަނިމާދޫއާއި އައްޑޫ އެއަރޕޯޓް އިންޓަރނޭޝަންލް ފެންވަރަށް ރަނގަޅަށް ތަރައްޤީކުރުމާއި، ތިލަމާލެ ބްރިޖާއި ވިޔަފާރި ބަނދަރާއި، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުމާއި، 5 ޓާޝަރީ ހޮސްޕިޓަލް ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާތީ އެކަންކަން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން