ރައީސް ނަޝީދު ޗައިނާ ސަފީރާ ބައްދަލުކުރައްވަނީ
ރައީސް ނަޝީދު ޗައިނާ ސަފީރާ ބައްދަލުކުރައްވަނީ
މާމަގެ ފައްޓަރުބަޔަކީ އަގުހުރި އެއްޗެއްކަމަށާއި، ނަމަވެސް ދެޤައުމުގެ ގުޅުމަކީ އަގުކުރެވޭނެ ގުޅުމެއްނޫންކަމަށް ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު މިހެން ވިދާޅުވީ މާމަގެ ފައްޓަރުބައި ވިއްކާލާފައި ވެސް ރާއްޖެއިން ޗައިނާ އަށް އަދާކުރަންޖެހޭ ދަރަނިތައް އަދާނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރަތްކުރައްވަމުންނެވެ.

ނަޝީދުގެ މިވާހަކަތަކާއި ގުޅިގެން ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި، ޖީ20 ގެ ޤައުމުތަކަށް ދަރަނި އަދާކުރުމުގައި ޗައިނާއިން ފަހިކޮށްދިން ލުއިފަސޭހަ ސިޔާސަތު ހިމެނޭ ޚަބަރެއް ހިއްސާކުރައްވަމުން ވިދާޅުވީ، މާމަގެ ފައްޓާރުބަޔަކީ ފައިސާގެ ގޮތުން އަގުހުރި އެއްޗަކަށް ވާނެކަމަށެވެ. ނަމަވެސް ދެޤައުމެއްގެ ރަހުމަތްތެރިކަމަކީ އަގުކުރެވޭނެ އެއްޗެއް ނޫންކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވީ ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ކަމަށާއި ޗައިނާއިން ގެންގުޅެނީ ދުނިޔޭގެ އެއްވެސް ޤައުމެއް ނުދަންނަ ބީރައްޓެހި ސިޔާސަތެއް ކަމަށް މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ދަރަނި ފަސްކުރުމަށް އެދުމުންވެސް އެކަމަށް ޗައިނާ އެއްބަސްވެފައި ނުވާކަމަށާއި ނަމަވެސް ކިތަންމެ ވަރަކަށް އެފައިސާ ހޯދަން އައިކަމުގައި ވީނަމަވެސް ނެތް އެއްޗެއް ނުދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ނަޝީދުގެ އެ ވާހަކަ ދޮގުކޮށް ރައީސް އޮފީހުން ބުނެފައިވަނީ ޗައިނާގެ ލޯންތައް ފަސްކޮށްދިނުމަށް ނިއްމާފައިވާ ކަމަށެވެ. އަދި ޖީ 20 ގެ އިއްތިހާދުން ވެސް ވަނީ ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން ގައުމުތަކުން ނަގާފައިވާ ދަރަނިތައް ދެއްކުން ފަސްކޮށް ލުއިތައް ދިނުމަށް ނިންމާފައެވެ.

އަދި މި އިއްތިހާދުގައި ހިމެނޭ ޗައިނާއިން ވެސް ވަނީ އެގައުމުން ދޫކޮށްފައިވާ ލޯނުތަކަށް ވެސް ލުއިދިނުމަށް ނިންމާފައެވެ. އަދި ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް ވެސް ލުއި ލިބޭނެކަން ދެގައުމުގެ ސަރުކާރުން ވެސް ވަނީ އިޢުލާނު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން