މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު
މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ހުދުމުހުތާރު ބޭފުޅެއްކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު، ސަން ސިޔާމް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ސިޔާމް، ރައީސް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަދެއްކެވީ، ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ސިޔާމް ދެއްކެވި ވާހަކައަށް ރައީސް ނަޝީދު ހުރަސް އަޅުއްވަން ފެއްޓެވުމުންނެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އޭނާގެ ވިޔަފާރިއާ ދެކޮޅަށް މަސައްކަތްކުރާ ކުންފުނިތަކަށް ރައީސް ނަޝީދާއި ޖޭއެސްސީން އެހީތެރިވާކަމަށެވެ. ސިޔާމް އެގޮތަށް ވާހަކަތައް ދައްކަން ފެށުމުން ނަޝީދު ވަނީ އޭނާގެ ވާހަކަތައް ހުއްޓުވާފައެވެ. އަދި ސިޔާމްގެ އަމިއްލަ ވިޔަފާރީގެ ވާހަކަ މަޖިލީހުގައި ދެއްކުމަކީ އެހާ ރަނގަޅުކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އިއްޒަތްތެރި މެމްބަރުގެ އަމިއްލަ ވިޔަފާރީގެ ވާހަކަފުޅު މިތަނުގައި ތިޔަހެން ދެއްކުމަކީ ރަނގަޅުކަމެއް ނޫން. މިތަނުގެ ގަވާއިދު ތަންދޭ ކަމެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން ސިޔާމް ވިދާޅުވީ އޭނާ ދައްކަމުން އެދަނީ އަމިއްލަ ވާހަކަތަކެއް ނޫންކަމަށާއި އެއީ ރައްޔިތުންނާ ގުޅުންހުރި ވާހަކަތަކެއްކަމަށެވެ.

"އަޅުގަނޑު މި ދައްކަނީ، ރާއްޖޭގައި އަދުލު އިންސާފު ގާއިމްވެފައި ނެތް ވާހަކަ. އަޅުގަނޑު މި ދައްކަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މަނިކުފާނު ތިތާ އިނދެގެން ބޭނުން ގޮތަކަށް ކަންތައް ކުރާ ވާހަކަ. ބޭރު ގައުމަކުން އަޅުގަނޑުމެން ކަހަލަ އާންމު ދިވެހި ރައްޔިތުންގެ އަތުން މުދާތައް ފޭރެމުންދާއިރު، ތިބޭފުޅުން އެމީހުންނަށް އެހީތެރިވަމުންދާ ވާހަކަ." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ދެއްކެވި ވާހަކައިގައި ވަނީ އޭނާގެ ކުންފުންޏާއި ދެކޮޅަށް ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ބޭރުގެ ކުންފުނިތަކަށް ރައީސް ނަޝީދާއި ޖޭއެސްސީން އެހީތެރިވާކަމަށް ތުހުމަތުކުރަށްވާފައެވެ.

"އަޅުގަނޑު މި ދައްކަނީ ތިބޭފުޅުން އެކަމުގެ ތެރެއަށް ވަތް ވާހަކަ. އަޅުގަނޑު މިދައްކަނީ ތިބޭފުޅާ (ނަޝީދު) ހިލްޓަން ކުންފުނީގެ ތެރެއަށް ވަދެގެން އެތަނަށް އިންފްލުއެންސް ފޯރުވާ އަޅުގަނޑަށް އަނިޔާ ކުރަމުންދާ ވާހަކަ." ސިޔާމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ސިޔާމް ވިދާޅުވީ، ރައީސް ނަޝީދު މުޅި ޤައުމު ހަރާބުކޮށްލައިފިކަމަށެވެ.

"މަޖިލީހަށް އައީ ރަނގަޅު އަދުލުއިންސާފު ގާއިމުކޮށްދޭނަމޭ ކިޔާފައި. އެހެން ނަމަވެސް މިއަދު މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނެއް ހައްދަވައި، މަޖިލީހަކީ ކޯޓަކަށް ތިބޭފުޅާ ހައްދަވައިފި. މުޅި މި މަޖިލިސް ހަރާބުކޮށްލައިފި. މި މުޅި ގައުމު ހަރާބުކޮށްލައިފި." ސިިޔާމް ވިދާޅުވިއެވެ.

ސިޔާމް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއިރު، އޭނާ ވަނީ މިއަދުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވެސް ސަރުކާރުން ވަރަށް ރަނގަޅު ކަންކަން ހިމަނާފައިވާކަން ސިޔާމް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ސަނީ

24-Nov-2020

މިއަދު ފޮދެއް ޖަހާނުލާ ދެވުނު ދުވަހަކަށް ވާނީ! އެހެންވީމަ ދިޔާވީ



ޓްރެންޑިން