ސަރުކާރުން ދެ އަނގައިން ވާހަކަދެއްކުމުގެ ސިޔާސަތު ނުގެންގުޅޭނަމަ ޗައިނާއިން ލޯނުންތައް މިހާރު އޮންނާނީ ފަސްކޮށްދީފައި ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފިއެވެ.

ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތައް ދެއްކުމަށް އެއްވެސް ލުއެއް ދީފައި ނުވާކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޗައިނާއާއި މެދު ގެންގުޅުއްވާ ސިޔާސަތަކީ "ދެއަނގައިން ވާހަކަ ދެއްކުމުގެ" ސިޔާސަތެއް ކަމަށެވެ.

"އެއްކޮޅުން، ފޮރިން މިނިސްޓަރު ޝާހިދު ލައްވާ ޗައިނާއަށް ސަނާ ކިޔާއިރު، އަނެއްކޮޅުން ރައީސް ނަޝީދު ލައްވާ ޗައިނާއަށް ބެވުމުގެ ސިޔާސަތު ހުއްޓާލަން ޖެހެއެވެ. ޗައިނާއަކީ ދިވެހި ރައްޔިތުންނަށް މީގެ ކުރިންވެސް ބޮޑެތި އެހީތަކެއް، ބަދަލުގައި އަސްކަރީ އަދި އިސްތިޤްލާލަށް ބުރޫ އަރާފާނެފަދަ އެއްވެސް ހުށަހެޅުމަކާނުލާ އަދި އިތުރު ކަމެއް މަތިނުކޮށް، ދީފައިވާ ޤައުމެކެވެ. އަދި، ލުއި ގޮތްތައްވެސް ހަދާދީފައިވާ ޤައުމެކެވެ. އެގޮތަށް މިވަގުތުވެސް އަމަލުކުރާނެކަން ކަށަވަރެވެ. މިދަނޑިވަޅުގައި، ކުރިމަތިގައި އޮތް ބޮޑު އިޤްތިޞާދީ އަނދަވަޅާއި އޭގެ ޙައްލާ ދެމެދު ހުރަހެއްވާނަމަ، އެއީ ނަޝީދުގެ ވިހަ ދުލެވެ. ވިޔާނުދާ އަނގައެވެ. ހިމާރުގެ އަޑެވެ. މިލޯނުތައް ފަސްކޮށް، ލުއިގޮތްތަކެއް ހޯދައިގެން، ރައްޔިތުންނަށް މިކާރިސާއިން އަރައިގަންނަން ޖާގަ ލިބުމަކަށް އިތުރު ހުރަހެއް ނެތެވެ." އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ސަރުކާރަށް ދެއަހަރު ފުރުން ފާހަގަ ކުރުމަށް އެމްޑީޕީގެ ހަރުގޭގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކައަކީ، 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅިގެން، ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުންއެމް.ޑީ.ޕީ އަށް އަމާޒުވަމުންދާތީ، ކަމުގެ ހަޤީޤަތް އޮޅުވާލައި ހިންގަން ވިސްނާފައިވާ ޖަރީމާ ފޮރުވުމުގެ ނިޔަތުގައި ކުރެއްވި ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފައެވެ.

"ޗައިނާ ފަދަ ރާއްޖެއާ އެކުވެރި ޤައުމުތަކަށް އަނެއްކާވެސް ތުހުމަތުގެ އިނގިލި ދިއްކުރައްވާ، ސާބިތުނުހިފޭ ވާހަކަތައް ދައްކާފައިވާކަން ފާހަގަކުރަމެވެ. އަދި، އެކަން ކުށްވެރިކުރަމެވެ." ކޯލިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނެފައި ވަނީ ސަރުކާރުގެ އިސްރާފާއި ފަސާދަ އަދި ނުކުޅެދުންތެރިކަމުގެ ސަބަބުން، ޤައުމުގެ އިޤްތިޞާދަށް މިއަދު ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވަމުންދާއިރު، އެކަމުގެ ޒިންމާއިން ރައީސް ޞާލިޙު އަދި ވެރިކަންކުރާ ޕާޓީ ރެކުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ނުވަތަ ޕީޕީއެމް ސަރުކާރަށް އަމާޒުކޮށް ދޮގު ވާހަކަ ދެއްކުމަކީ، ޞިއްޙީ ބޮޑު ކާރިސާއެއްގެ ތެރޭގައި އިޤްތިޞާދު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން ނުކުޅެދިފައިވާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. އަދި މިއީ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާކަން އެންގިގެންދާ ދަލީލެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"ޕީ.ޕީ.އެމް. ގެ ސަރުކާރުގައި، ދިވެހި ތާރީޚުގައިވެސް ނުފެންނަފަދަ ގިނަގުނަ މުހިންމު ތަރައްޤީގެމަސައްކަތްތަކެއް ކާމިޔާބުކަމާއެކު ޤައުމުގައި ކުރެވުނު އިރު، ނެގުނު ހުރިހާ ލޯނެއް، ކުޑަވެސް ދައްޗެއްނެތި ދައްކާ ޚަލާސްކުރާނެ ހަކަތަވެސް ވާނީ ޤާއިމުކޮށްފައެވެ. އިޤްތިޞާދު އޮންނާނީ ދުޅަހެޔޮކަންމަތީއެވެ. ރައީސް ޔާމީން އުފައްދަވާދެއްވި ސޮވަރިން

ފަންޑުގައި، ނޮވެމްބަރު 2018 ގައި 900 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައި ހުންނާނެއެވެ. އިތުރަށް ދައުލަތަށް ލިބޭ އެއްވެސް އާމްދަނީއެއްގައި ނުޖެހި، މިއަދު ޗައިނާއަށް ދައްކަންޖެހޭ ހުރިހާ ލޯނެއް ޚަލާސްކުރަން އެ ފަންޑު އެކަނިވެސް ފުދޭނެއެވެ." އިދިކޮޅު ކޯލިޝަނުން ބުނެފައި ވެއެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި އިތުރަށް ބުނީ، މިއަދު ޕީ.ޕީ.އެމް ގެ ވެރިކަން އޮތް ނަމަ، އެ ފަންޑުގައި އޭގެ ދެގުނައަށް ފައިސާ ރައްކާކުރެވިފައި ހުންނާނެކަން އެއިރު ކޮށްފައިވާ އަންދާޒާތަކުންނާއި އެއިރު ދައުލަތުގެ މާލިއްޔަތު އޮތްގޮތަށް ބަލާފައި ޔަޤީންކުރެވިފައިވަ ކަމަށެވެ. އޭގެ އިތުރުން، ޕީ.ޕީ.އެމް ގެ ސަރުކާރުގައި ޗައިނާއާ ދެމެދު ތަރައްޤީގެ ރޮނގުން އުފެދިފައި އޮތް ގުޅުމުގެ ސަބަބުން، އެޤައުމުން ދިވެހި ރައްޔިތުންނަށް ޚާއްޞަ އިސްކަމެއް އަބަދުވެސް ދެމުންދާނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.

"ކުރިއަށް އޮތް އިންތިޚާބު (ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު) ގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން ވިސްނިގެން، އެކަމުގެ ރުޅީގައި އަނެއްކާވެސް ޗައިނާއަށް އެއްޗެތި ގޮވައިގެން މިއަދު ފަރުނުޖެއްސޭނެކަން ނަޝީދަށް ހަނދާންކޮށްދެމެވެ. އެއިރު ދެއްކި ދޮގު ވާހަކަތައް ރައްޔިތުންނަށް މިއަދު އެނގި، އޮޅުން ފިލާފައިވާއިރު، އެއް ހަރަކުން މުޢުމިނެއްގެ ގަޔަށް ކަށި ނުޖެހޭނެކަންވެސް ހަނދާންކޮށްދެމެވެ." ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ ކޮވިޑް ކާރިސާ ފެށުނީއްސުރެ ސަރުކާރުން ހަދަމުންދާ އިޤްތިޞާދީ ބޮޑެތި ގޯސްތަކުގެ ސަބަބުން، އެއްވެސް ލޯނެއް ނުދެއްކޭނެކަމަށް ވާނަމަ، އެ ލޯނުތައްވެސް ޗައިނާއިން ފަސްކޮށްދޭނެކަމަށް ވަނީ މިހާރުވެސް ހާމަކޮށްފައި ކަމަށެވެ. އަދި އެލުއި ދެނީ ރާއްޖެއަށް އެކަންޏެއް ނޫންކަމަށާއި އެއީ ހުރިހާ ޤައުމަކަށްވެސް ލިބޭނެ އެހީއެއް ކަމުގައި އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

"ދުނިޔޭގައި މިއަދު އޮތް އެންމެ ބޮޑު އިޤްތިޞާދަށް އެއީ އަސަރެއްކުރާނެވަރުގެ ކަމެއްވެސް ނޫންމެއެވެ. ވީމާ، މިފަދަ ދަނޑިވަޅެއްގައި އިތުރު ދަރަނި ދިވެހިންގެ ބޮލުގައި އަޅުވައިގެން ސިޔާސީ ފައިދާއަށާއި ފަސާދައަށް ބަޖެޓުގެ ބޮޑުބައެއް ކަނޑައަޅަށް ޤަސްދުކޮށް، ބަހަނާއެއްގެ ގޮތުގައި ޗައިނާގެ ލޯނުގެ ވާހަކަ ދައްކަން ޖާގައެއް ނޯންނާނެއެވެ. އިޤްތިޞާދު ފޫދިޔައީ އެމް.ޑީ.ޕީ ގެ ހިންގުމުގެ ހުނަރާއި، އިޙްލާސްތެރިކަމާއި، ޤާބިލުކަމާއި، ތަޖުރިބާ އަދި ރޭވުންތެރިކަން ނެތުމުންނެވެ." އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

ޕީޕީއެމް، ޕީއެންސީން ބުނީ ސަރުކާރުގެ އިހުމާލުން ވިއަސް، ދިވެހި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ކޮންމެ ހިނދެއްގައި، ޕީ.ޕީ.އެމުން ދާނީ ރައްޔިތުންގެ ޙައްޤުގައި އެކި ފަރާތްތަކާ މަޝްވަރާކޮށް، ޤާއިމުވެފައިވާ އިތުބާރުގެ ގުޅުންތަކުގެ ތެރެއިން މައްސަލަތައް ޙައްލުކުރަމުން ކަމަށެވެ. އެގޮތުން، ޗައިނާގެ ލޯނުތަކުގެ ވާހަކަވެސް އެފަރާތުގައި ދަންނަވައިގެން ފަސްކުރަންޖެހޭނަމަ، އެކަން އެޕާޓީން ފަސޭހަކަމާއެކު ކުރެވޭނެ ކަމުގައި ޕީޕީއެމުން ބުނެފައިވެއެވެ.

ޗައިނާއިން ނަގާފައިވާ ލޯނުތަކަށް އެއްވެސް ލުޔެއް ނުދޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަ ރައީސް އޮފީހުންވެސް މިއަދު ވަނީ ދޮގުކޮށްފައެވެ. ރައީސް އޮފީހުން ބުނީ ޗައިނާއިން ދީފައިވާ ބައެއް ލޯނުތައް ދެއްކުން މިހާރުވެސް ފަސްކޮށްދީފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން