ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތައް ދެއްކުމަށް ލުޔެއް ނުދޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތައް ރައީސް އޮފީހުން ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން ބައެއް ލޯނުތައް ދެއްްކުން ޗައިނާއިން ފަސްކޮށްދީފައިވާކަމަށެވެ. އަދި ލޯނުތައް ފަސްކޮށްދީފައިވަނީ ޖީ-20ގެ "ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" (ޑީއެސްއެސްއައި)ގެ ދަށުން ކަމަށާއި މިއީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަގީރު ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން އިސްނަގައިގެން ފެށި މަސައްކަތެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ޗައިނާގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން ނަގާފައިވާ ލޯނުތައްވެސް އަންނަ އަހަރުގެ ފުރަތަމަ 6 މަހު ދައްކަންނުޖޭހެނެކަމަށެވެ.

ރާއްޖެއިން ދައްކަންޖެހޭ ލޯނުތަކަށް ޗައިނާއިން ލުއިތަކެއް ދީފައިވާކަމަށް ރައީސް އޮފީހުން ބުނެފައި މިވަނީ ޗައިނާއިން ރާއްޖެއަށް ލޯނު ދެއްކުމަށް ލުޔެއް ނުދޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަދައްކާފައިވަނިކޮށެވެ.

ރައީސް ޞާލިހުގެ ސަރުކާރަށް 2 އަހަރުފުރުމާ ގުޅިގެން އެމްޑީޕީ ހަރުގޭގައި ވާހަަކަފުޅުދައްްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ދައްކަންޖެހޭ ލޯނުތައް ދެއްުކުމަށް ޗައިނާއިން ރާއްޖެއަށް އެއްވެސް ލުޔެއް ދީފައިނުވާކަމަށެވެ. އަދި ރާއްޖޭގައި ނެތް އެއްޗެއް ގަދަކަމުން ހޯދަން އުޅޭފަދަ ގޮތަކަށް ޗައިނާއިން އަމަލުކުރަމުންދާކަމަށް ދޭހަވާގޮތަށް ރައީސް ނަޝީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ.

"އަޅުގަނޑު ހަމަ އާޖާއިބުއިވެ އަންތަރީސްވޭ ދުނިޔޭގެ އެންމެ ބޮޑު ބާރަށް ވާދަކުރަމުން އަންނަ ޤައުމުން ރާއްޖޭގައި މިތިބަ 4 ލައްކަ މީހުން ކައިރީގައި ފައްޓަރުބައި ވިއްކާލާފައި ތިމަންނާމެންގެ ބެންކުތަކަށް މާދަމާ ލާރި ގެންނާށޭ ބުނީމަ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން ތަފާތު ވާޙަކަތައް މިދުވަސްވަރު ދެކެވެމުންދާއިރު، ރައީސް ނަޝީދަކީ އަބަދުވެސް ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ފެށުނީއްސުރެ ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްްޖެއަށް އޮތް ގެއްލުމުގެ ވާހަކަ ރައީސް ނަޝީދު ދަނީ ދައްކަވަމުންނެވެ. ނަމަވެސް ސަރުކާރުން މިފަދަ ހުރިހާ ވާހަކައެއް ދޮގުކުރެއެވެ. މިގޮތުން ފޮރިން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީން ދަނީ ޗައިނާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ފާހަގަކޮށް އެގައުމަށް ޝުކުރު އަދާކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން