ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓްރާންސްޕޯރޓް މިނިސްޓަރގެ މަގާމުގައި ހުންނެވި މިނިސްޓަރ އައިޝަތު ނަހުލާއަށް އެމަގާމު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ކުރިމަތިވި އެންމެ އުނދަގޫ ދަނޑިވަޅުގައި އެކަމަނާގެ ފަރާތުން ފެނިގެންދިޔަ ހިތްވަރާއި ކެރުމާއި ވަރުބަލި ކަމެއްނެތި ކުރެއްވި ސިޔާސީ މަސައްކަތްތަކުގެ ސަބަބުން އެކަމަނާއާއިމެދު ޔަގީންކަން އޮތުމުން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އައިޝާއަށް ވަޒީރުކަން ލިބިވަޑައިގަތީ ޤާސިމް އިބްރާހީމްގެ އަނބިކަނބަލުންނަށް ވެގެން ނޫންކަމަށް އެކަމަނާ ވިދާޅުވުމާއި ގުޅިގެން ބައެއް މީޑިއާތަކާއި މީސް މީޑިއާގައި އެކަމަނާއަށް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން "ރަސް އޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޤާސިމް އިބްރާހީމް ވިދާޅުވީ ޤާސިމްގެ އަނބިކަނބަލުންނަށް ވެގެން އައިޝާއަށް ވަޒީރުކަން ދެއްވަން ރައީސުލްޖުމްހޫރިއްޔާއަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެއީ ގާނޫނީ އެއްވެސް ހައިސިއްޔަތަކުން ވެސް އެމަނިކުފާނަށް ކުރަށްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމުގައި ޤާސިމް ވިދާޅުވިއެވެ.

"ޤާސިމްގެ އަނބިމީހާއަށް ވެގެން އެއްވެސް ވަޒީފާއެއް ދެއްވަން ޖެހޭ ގޮތަކަށް އެއްވެސް ގާނޫނެއްވެސް އުސޫލެއްވެސް ގަވާއިދެއް ވެސް ނޯންނާނެ. އެހެންވީމާ ޤާސިމުގެ އަނބިމީހާއަށް ވެގެން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ޖެހޭ ވަޒީފާއެއް ނޯންނާނެ." ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އައިޝާއަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުކަން ދެއްވީ ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ ސްލޮޓެއްގައި އެކަމަނާގެ ނަން ހުށައަޅައިގެން އެކަނި ނޫން ކަމަށެވެ. އެކަމަނާގެ ޤާބިލުކަމާއި ކެރިވަޑައިގެންނެވުމާއި އެކަމަނާގެ މަސައްކަތްޕުޅާއި އެކަމާ ކުރެއްވި ހިތްވަރާއި މިންނެތް މަސައްކަތް އެންމެ ގާތުން ފެނިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކަށް ކުރިމަތިވި އެންމެ ދަތި އުނދަގޫ ދުވަސް ވަރު އެކަމަނާ ކުރެއްވި ސިޔާސީ މަސައްކަތް ރައްޔިތުންނަށް ވެސް ފެންނާނެ. އެކަމަނާ ދެއްކެވި ހިތްވަރާއި، އޭރު އޮތް ބިރުވެރި މާހައުލުގައި އެކަމަނާ އެއްވެސް ފަސް ޖެހިވަޑައިގެންނެވުމެއް ނެތި ޕޯޑިއަމް ތަކަށް އަރާވަޑައިގެން ދެއްކެވި ވާހަކަ ފުޅުތައް އެހެރީ މިހާރުވެސް ފެންނަން. ކެމްޕޭން ދަތުރުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައިވެސް އެކަމަނާ ރަށްރަށަށް ވަޑައިގެން ކުރެއްވި ހިތްވަރުގަދަ މަސައްކަތް އެންމެ ގާތުން ފެނިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ދެއްތޯ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އައިޝާއަށް އެމަގާމު ރައީސް ދެއްވީ އެކަމަނާގެ އެމަސައްކަތްތައް ފެނިވަޑައިގެން ވަޒީރުކަމުގެ ޒިންމާ ވެސް ވަރަށް ފުރިހަމައަށް އަދާ ކުރެއްވޭނެކަމާއި ނަތީޖާ ނެރެވޭނެ ކަން ވެސް ކަށަވަރުވެ ވަޑައިގަންނަވާތީ." ރައީސް ޔާމިންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ރާއްޖޭގެ ގިނަ އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުގައާއި އަރުވާލެވިގެން ތިބި ދުވަސްވަރު ސިޔާސީ ގޮތުން އައިޝާ ކުރެއްވި މަސައްކަތްތައް ފާހަގަ ކުރަށްވައި ޤާސިމު ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރިޔާސީ ކެމްޕޭންގައި ވެސް އައިޝާއަކީ ވަރަށް ކެރިވަޑައިގެން ވަރަށް ހިތްވަރާއެކު މަސައްކަތް ކުރެއްވި ކަނބަލެއް ކަމަށެވެ. އަދި އައިޝާގެ އެ ސިޔާސީ މަސައްކަތް ގިނަ ރައްޔިތުންނަށް ފެނި ބަލައިގެން ކަމުގައި ޤާސިމް ވިދާޅުވިއެވެ. އަދި އައިޝާއަށް އެމަގާމު ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ ކަމަށާއި މީގެއިތުރުން އެކަމަނާގެ ތަޢުލީމާއި އަޚުލާގާއި އަމާނާތްތެރިކަމާއި ނަތީޖާ ނެރެދެއްވާނެކަން ޔަގީންވާތީ އެކަމަނާއަށް ލިބިވަޑައިގެންނެވި މަގާމެއް ކަމުގައި ވެސް ޤާސިމް ވިދާޅުވިއެވެ.

"އައިޝާއަކީ ކަން ކުރެވޭނެ ހިތްވަރު ހުރި، ވިސްނުންތެރި، ކުޅަދާނަ ތެދުވެރި، ތަޢުލީމީ، އަދަބުވެރި، ކިޔަމަންތެރި ޤާބިލު ބޭފުޅެއްކަން ޔަގީންވާތީއާއި އައިޝާ އިންތިޚާބުގެ ކެމްޕޭންގައި ކުރެއްވި ގިނަގުނަ މަސައްކަތްތަކާއެކުގައި ރައްޔިތުން އެކަމަނާ ބަލައިގެންކަން ގިނަބައެއްގެ ދުލުން ގޮވަމުން ދާކަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ޔަގީންވީމަ އެކަމަނާ އެދިވަޑައިގެންނެވި ވަޒީފާ ދެއްވުމަށް ޖޭޕީގެ ފަރާތުން އަޅުގަނޑު ރައީސަށް ހުށައެޅީ އައިޝާއަށް އެމަގާމު ހަމަޖައްސައި ދެއްވުމަށް. ރައީސް އެމަގާމު ދެއްވީ ރައީސަށް އެކަމަނާގެ ގާބިލުކަން ރަނގަޅަށް އެނގިވަޑައިގެންފަ ވާތީކަން ކަށަވަރު. ޤާސިމުގެ އަނބި މީހާއަށް ވީމައެއް ނޫން." އައިޝާއަށް ވަޒީރުކަން ލިބިވަޑައިގެންނެވި ގޮތް ހާމަކޮށްދެއްވަމުން ޤާސިމު ވިދާޅުވިއެވެ.

"ދެން އައިޝާއަށް ވަޒީރުކަން ލިބިވަޑައިގެންނެވީ ވަކި ޤާސިމުގެ އަނބިކަނބަލުންނަށް ވީމައެއް ނޫނޭ އެކަމަނާ ވިދާޅުވީމާ އެކަން ހަޖަމް ނުވެގެން އެގޮތް މިގޮތަށް އެވާހަކަ އަނބުރައިގެން އެކި ގޮތްގޮތަށް އެވާހަކަ ދެއްކުމަކީ އެއީ ދުޝްމިނުކަން ނޫން ދެން އެހެން ކަމެއް ނޫން. އެގޮތަށް ކޮޅުކޮޅަށް ދަމައި އެވާހަކަ އެކި ގޮތްގޮތަށް ދައްކައި އެކަމަނާއާއި ދިމާކޮށް ނުހެއްދެވުމަށް ނަސޭހަތްތެރިވަން." ޤާސިމް ވިދާޅުވިއެވެ.

އައިޝާއަށް މިނިސްޓަރކަން ލިބިވަޑައިގެންނެވުމުން މީގެ ކުރިންވެސް ބައެއް ފަރާތްތަކުން އެކަމަނާއާއި ދިމާކޮށް ފާޑުކިޔާ ހެދިއެވެ. ނަމަވެސް އޭރުވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެކަމަނާއަށް އިތުބާރު ކުރައްވާ ކަމަށާއި އެކަމަނާއަކީ ނަތީޖާ ނެރެދެއްވާނެ ބޭފުޅެއްކަން ޔަގީންވާ ކަމަށެވެ.

ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން މިނިސްޓަރ އައިޝާ ޕީއެސްއެމްގައި ދެއްކެވި ވާހަކަފުޅަށް ނިސްބަތްކޮށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ވަނީ އެކަމަނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރަށްވައި އެކަމަނާގެ މަސައްކަތް ފާހަގަ ކުރަށްވާފައެވެ.

މިނިސްޓަރު ކަން ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވާތީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވި ވާހަކަތަކާއި ގުޅޭ ހަބަރެއް ރީޓްވީޓް ކުރަށްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ކަން ކުރަނީ ކާކުކަން މުހިންމު ނޫން ކަމަށާއި، މުހިންމީ މީހާކުރާ މަސައްކަތް ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ ގޮތާމެދު ރައްޔިތުންގެ ޝަކުވާއެއް އޮތްކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"މަޖިލީހުން އެދިވަޑައިގެން ކޮންމެ ފަހަރަކު ވަނީ ފުރިހަމައަށް ޖަވާބުދާރީވެފަ. ކޮރަޕްޝަންގެ ތުހުމަތެއް ނެތް." ނަހުލާ އަށް ތަޢުރީފް ކުރަށްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

މުހުޒީލް

17-Nov-2020

މިއީ އަޚެފަހެ މިބައިމީހުންގެ ރާއްޖެއެއްތަ? ތިވަރަށް ކަސޯޓީ ނުކުޅެވެސް ކަލޭމެނަށް އުޅެވޭނެ ދެއްތޯ



ޓްރެންޑިން