ރަޝިޔާގެ އަޒުރު އެއަރ އިން ރާއްޖެއާއި ރަޝިޔާގެ މޮސްކޯ އާއި ދެމެދު ދަތުރުތައް ފެށުމަށް ނިންމައިިފިއެވެ.

މިމަހު 28 ވަނަ ދުވަހުން ފެށިގެން ރަޝިޔާގެ އަޒުރު އެއަރ އިން ދިވެހި ރާއްޖެއާއި ރަޝިޔާގެ މޮސްކޯ އާއި ދެމެދު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، ރަޝިޔާގެ އެއަރރޮފްލޮޓް އެއަރލައިނުންވެސް ވަނީ ރާއްޖެއާއި ރަޝިޔާ އާއި ދެމެދު ދަތުރުތައް ފަށާފައެވެ.

އަޒުރު އެއަރ އިން ހާމަކޮށްފައިވާގޮތުން، މިއެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު ރަޝިޔާގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ކުރާ ދަތުރުތަކަށް އިތުރު ލުޔެއް ލިބިގެންދާނެއެވެ. އަދި މި އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ ބޯއިންގ-777 މަރުކާގެ ފްލައިޓްތައް ކަމަށްވެސް އަޒުރު އެއަރ އިން ހާމަކޮށްފައިވެއެވެ.

އަޒުރު އެއަރ އިން، ރާއްޖެއާއި ރަޝިޔާގެ މޮސްކޯ އާއި ދެމެދު ހަފްތާ އަކު އެއް ފްލައިޓު ދަތުރު ކުރުމަށް ޝެޑިއުލްކޮށްފައިވާކަމަށްވެސް ހާމަކޮށްފައިވެއެވެ. މިގޮތުން އަޒުރު އެއަރގެ ދަތުރުތައް އަދި ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ހޮނިހިރު ދުވަހު އެކަނިކަމަށްވެސް މި އެއަރލައިނުން ހާމަކޮށްފައިވެއެވެ.

ކޮވިޑުގެ ލޮކްޑައުންނަށްފަހު، ޖުލައި މަހު 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވުމުން، ދިވެހިރާއްޖެއަށް އެތެރެވާ ފަތުރުވެރިން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް 434،201 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ފަސްލައްކަ ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

މީގެ އިތުރުން، ކޮވިޑުގެ ބަލިމަޑުކަމުން އިގްތިސާދަށް އައި ހީނަރުކަން ފޫބެއްދުމަށްޓަކައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތު ބޭރުގެ މާކެޓްތަކުގައި ޕްރޮމޯޓު ކުރުމާއި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ދަތުރުތައް އިތުރުކުރުމުގެ ގޮތުން އިތުރު އެއަރލައިން ތަކެއް މިއަހަރު ރާއްޖެއަށް ތައާރަފް ކުރަންނިންމަވާފައިވާކަމަށް ޓުއަރިސްމް މިނިސްޓަރ އަބްދު ﷲ މައުސޫމް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން