ގަވަރުނަރު އަލީ ހާޝިމް މަޖިލީހުގެ ކޮމެޓީއެއްގައި މައުލޫމާތު ދެެއްވަނީ
ގަވަރުނަރު އަލީ ހާޝިމް މަޖިލީހުގެ ކޮމެޓީއެއްގައި މައުލޫމާތު ދެެއްވަނީ
ތަރައްގީގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތެއް ކަށަވަރު ނުކޮށް، ޕްރޮޖެކްޓްތައް ނުފަށަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ބާރުއެޅުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް އެދިވަޑައިގެންފިއެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް ހީނަރު ވެފައިވާތީ، ރާއްޖޭގައި ބޭރު ފައިސާގެ ބާޒާރަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ކަމަށެވެ. މިހާލާތުގައި ކެޕިޓަލް މަޝްރޫއުތަކަށް ބޭރު ފައިސާ ހޯދަން ޖެހިއްޖެ ނަމަ ރާއްޖޭގެ ފޮރިން އެކްސްޗޭންޖު ރޭޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަން ގަވަރުނަރު އަލީ ހާޝިމް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް، މަަޝްރޫއުތައް ކުރިއަށް ގެންދަން ގަވަރުނަރު ވަނީ އެދިވަޑައިގެންފައެވެ. ހާޝިމް ވިދާޅުވީ ކޮވިޑް-19 އާ ހެދި އަންނަ އަހަރު ވެސް ރާއްޖޭގެ އިގުތިސާދު ރަނގަޅު ނުވެއްޖެ ނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރަން ދަތިވެ މަޝްރޫއުތައް ނުހިންގޭނެ ކަމަށެވެ.

ބަޖެޓާ ބެހޭ ގޮތުން މަޖިލީހަށް ލަފާދޭން އެމްއެމްއޭއިން އެކުލަވައިލި ކަރުދާސް ހުށަހަޅުއްވަމުން ގަވަރުނަރު އަލީ ހާޝިމް އިތުރަށް ވިދާޅުވީ، އަންނަ އަހަރު ވެސް ދައުލަތުގެ ބަޖެޓްގައި ކަނޑައެޅިފައި ވަނީ ދައުލަތުގެ އާމްދަނީ އާއި ރާއްޖޭގެ އިގުތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ. ގިނަ މަޝްްރޫއުތައް ހިންގަން ރާވާފައި ވަނީ ދަރަނި ނަގައިގެން ކަމަށް ވާތީ، އެގޮތަށް ފައިސާ ހޯދުުމުގައި ކޮންސިޝަނަލް ފައިނޭންސިންއަށް އިސްކަަން ދިނުމަށް ގަވަރުނަރު އެދިވަޑައިގެންނެވިއެވެ.

ޚާއްސަކޮށް އިޖުތިމާއީއަދި ތިމާވެށީގެ މަޝްރޫއުތަކަށް ކޮންސިޝަނަލް ފައިނޭންސިން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންސިޝަނަލް ފައިނޭންސިން ހޯދޭނެ މަގުތައް ވެސް އެމްއެމްއޭ އިން ދައްކައިދިނެވެ.

ވޯލްޑް ބޭންކާއި އަައިއެމްއެފުން އަންނަ އަހަރު ގްރީން ފައިނޭންސިން އާއި ބްލޫ ފައިނޭންސިންގެ ސްކީމްތަކެއް ތައާރަފު ކުރާނެ ކަމަށް ބުނެފައިވާއިރު އެ ސްކީމްތަކުން ފައިސާ ހޯދުން މުހިއްމު ކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

ސުކޫކަށްް ބަރޯސާ ވެގެން ކުރިއަށް ގޮސްފިއްޔާ ފައިނޭންސިން ލިބޭ އިންޓަރެސްޓް ރޭޓްތައް މަތިވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ދައުލަތުގެ ޖުމުލަ އާމްދަނީ އަށް ވުރެ އިތުރަށް 15 ބިލިއަން ރުފިޔާ ހަރަދުކުރަން ނިއްމައި ހުށައަޅާފައިވާ ބަޖެޓެކެވެ. އެހެންވެ، ދައުލަތުގެ ދަރަނި ވަރަށް ބޮޑުތަނުން އިތުރުވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން