އަހުމަދު މަސްނޫމް   15 ނޮވެމްބަރު 2020 - 18:6
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިމްރާން މުހައްމަދު
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިމްރާން މުހައްމަދު
މަޤާމުތަކާއި ޙަވާލުވެ ތިބެންޏާ ފާޑުކިޔާނެކަމަށާއި އެފަދަ ފާޑުކިޔުންތައް އަޑުއެހުމުގެ ޤާބިލްކަން ހުންނަންވާނޭކަމަށް މަސްވެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވަމުންދާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިމްރާން މުހައްމަދު ބުނެފިއެވެ.

އިމްރާން މިހެން ބުނެފައި މިވަނީ، ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު ރަނގަޅުވިޔަސް، މަސްކިރޭނެ ގޮތެއް ނުވެ، މަސްވެރިންގެ އާމްދަނީ ދަށްވެފައިވާ ދަނޑިވަޅެއްގައެވެ.

އިމްރާން ކުރި ޓްވީޓުގައި ބުނީ އުއްމީދުކުރާފަދަ ނަތީޖާއެއް ނުފެންނަނަމަ މަސްވެރިޔާ ޝުޢޫރު ފާޅުކުރާނެކަމަށެވެ. އަދި އެގޮތުން ބުނާ ބަސްތައް އަމާޒުވާނީ އެވަގުތަކު އެކަމާ ހަވާލުވެ ތިބޭ ބަޔަކަށްކަމަށާއި އެއީ ސިޔާސީވުންކަމަށް ވަންޏާ އެގޮތަށް ދެކެންވީކަމަށް އިމްރާން ބުންޏެވެ.

އިމްރާން ބުނީ ކަންކަމާ ހަވާލުވެ ތިބެންޏާ ފާޑުވެސް ކިޔާނެކަމަށާއި އެފަދަ ފާޑުކިޔުންތައް އަޑުއެހުމުގެ ޤާބިލްކަންވެސް ހުންނަންވާނެކަމަށެވެ.



މަސްވެރިންނަށް މިވަގުތު ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން އިމްރާން ވާހަކަދައްކާފައިވާއިރު، މިދުވަސްވަރު މަސްވެރިން ބާނާ މަސް ކިރުވޭނެ ރަނގަޅު އިންތިޒާމެއް ނެތުމުން މަސްވެރިން ދަނީ އެކަމުގެ ޝަކުވާކުރަމުންނެވެ. މިގޮތުން އުތުރުގެ މަސްވެރިން ބާނާ މަސް ހަފުތާއެއްވާއިރުވެސް ނުކިރޭކަމަށާއި، މަސް ކިރުވަންޖެހެނީ ނަމްބަރު ނަގައިގެން ކިޔުގައި ޖެހިގެންކަމަށް ބައެއް މަސްވެރިން ބުނެއެވެ. މީގެއިތުރުން މިދުވަސްވަރު ލިބޭ އާމްދަނީގެ ބޮޑުބައެއް ޚަރަދުކުރަންޖެހެނީ ހިންގުމުގެ ޚަރަދަށްކަމަށާއި، އެކަމުގެ ސަބަބުން ޖީބަށްލާން ރަނގަޅު އާމްދަނީއެއް ނުލިބޭކަމަށް ގިނަ މަސްވެރިން ބުނެއެވެ.

ރާއްޖޭގެ ލޮނުމަހާއި ހިކި ކަނޑުމަސް ލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާތީ ލޮނުމަހާއި ހިކިކަނޑުމަހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވަނީ މަސް އެކްސްޕޯޓް ކުރުން ހުއްޓިފައިވާތީ މަސްތައް އުކާލަން ޖެހި އާމްދަނީ ހުއްޓި ގޮތް ހުސްވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން