އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު
ހައްޖުގެ މަތިވެރި އަޅުކަމާއި ގުޅޭ އުސޫލުތަށް ބަޔާންކުރާ ގާނޫނެއް ހެދުމަށް ނިއްމައިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަމާއި ގުޅޭ އުސޫލުތައް ބަޔާންކުރާ ގާނޫނެއް ހެދުމަށް ނިއްމީ ހައްޖުވެރިންނަށް ލިބެން ޖެހޭ ހައްގުތަކާއި ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ހައްޖާ ބެހޭ ގާނޫނެއްގެ ދަށުން ކުންފުނިތަކަށް ވެސް ރައްކާތެރިކަން ފޯރުކޮށްދީ ހައްޖަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ލިބެންޖެހޭ އެންމެހާ ހައްގުތަށް ހޯދައިދިނުމަށް" މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ, ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން ފައިސާ ނަގާ ވާހަކަ އަޑުއިވެމުންދާ ކަމަށާއި، އެކަން ހައްލު ކުރުމަށް ހައްޖަށް ގެންދިޔުމަށް ފައިސާ ނެގުމާއި އިންތިޒާމްތައް ހަމަޖެއްސުމަށް އެކަމާ ގުޅޭ ހާއްސަ ޕޯޓަލެއް ގާއިމް ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ހައްޖުވެރިންގެ އަތުން އިތުރަށް ފައިސާ ނަގާ މައްސަލަ ހައްލުކުރުމަށް ހައްޖު ޕޯޓަލް އެއް ގާއިމްކުރާނަން ކުރިއަށް އޮތްތާގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ އެގޮތަށް.” ޑރ. ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޒާހިރު ވިދާޅުވީ މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ނުރައްކާތެރި ރޯގާ ބަލިމަޑުކަމުގެ ސަބަބުން ހައްޖަށް މީހުން ގެންދިޔުމުގައި އަމަލުކުރާނެ ވަކި އުސޫލެއް ސައޫދީ ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އުސޫލެއް ސައޫދީ ސަރުކާރުން ރާއްޖެއާ ހިއްސާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ހައްޖަށް ދިޔުމަށް 1000 ކޯޓާ ސައޫދީ ސަރުކާރުން ރާއްޖެއަށް ދިން ނަމަވެސް އެއަދަދު 2000 ކޯޓާ އަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކޯޓާގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ސަރުކާރުން ހިފާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖަކީ އިސްލާމްދީނުގެ ފަސްވަނަ ރުކުނެވެ. ހައްޖަކީ އެކަމަށް ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް މާތް ﷲ ފަރުޝުކުރައްވާފައިވާ މާތް އަޅުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން