އައިންތުގެ ކާރަށް ގެއްލުންދީފައި: އެމައްސަލައިގައި ދެމީހަކު ވަނީ ހައްޔަރުކޮށްފައި
އައިންތުގެ ކާރަށް ގެއްލުންދީފައި: އެމައްސަލައިގައި ދެމީހަކު ވަނީ ހައްޔަރުކޮށްފައި
މާލޭގައި ޓެކްސީ ކުރަމުންދާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާގެ ޓެކްސީއަށް ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭގައި ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިންތުގެ ކާރަށް އެންމެ ފަހުން ގެއްލުން ދިނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ މާލޭ އިއްޒުއްދީން މަގު، ތޮއިބާ މިސްކިތް ކައިރީގައި ޕާކުކޮށްފައި އޮއްވަ އެވެ. އެ ކާރުގެ ވިންޑް ސްކްރީން ތަޅާލައި، އަދިވެސް އެހެނިހެން ގެއްލުންދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، މިމަހުގެ ފަސް ވަނަ ދުވަހު އެ މައްސަލައިގައި ތުހުމަތު ކުރެވޭ 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ފަސް ދުވަސް ޖަހައި، މި މަހުގެ 12 ވަނަ ދުވަހު އޭނާގެ ބަންދަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން މި މައްސަލާގައި ހުކުރު ދުވަހުގެރޭ ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެންމެ ފަހުން އައިންތުގެ ކާރަށް ލިބުނު ގެއްލުންތައް މަރާމާތު ކޮށްދިނުމުގައި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

އައިންތުގެ ކާރަށް ގެއްލުންދޭ މައްސަލަ ކުއްލި މައްސަލަ އެއްގެ ގޮތުގައި މަޖިލީހަށް ހުށައަޅައިގެން ބަހުސްވެސް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން