އިހަވަންދޫ މަސްވެރިން ތައްޔާރުކޮށްފައިވާ ލޮނުއެޅި މަސް
އިހަވަންދޫ މަސްވެރިން ތައްޔާރުކޮށްފައިވާ ލޮނުއެޅި މަސް
ލަންކާ ކަސްޓަމްސްގައި ތާށިވެފައި ހުރި ރާއްޖޭގެ މަހުގެ ޝިޕްމަންޓް އެޤައުމަށް އެތެރެކޮށްފި އެވެ.

ދާދި ފަހުން ލަންކާ ސަރުކާރުން ވަނީ އެގައުމަށް ބޭރުގެ ޤައުމުތަކުން އެތެރެކުރާ މަހުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ. އޭގެ ފަހުން ލަންކާ ސަރުކާރުން ވަނީ ރާއްޖޭގައި އުފައްދާ މަސް އެޤައުމަށް އެތެރެ ނުކުރެވޭނެކަމަށް ބުނެފައެވެ. ރާއްޖޭގެ މަސް ލަންކާއަށް ގަތުން ހުއްޓާލުމާ ގުޅިގެން ލޮނުއެޅިމަހާއި، ހިކި ކަނޑުމަހުގެ މަސައްކަތް ކުރާ މަސްވެރިން ގޮތްހުސްވެ އެކަމަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ބުނީ، މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސްރީލަންކާގައި ހުންނަވާ ހައިކޮމިޝަނަރު ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ލަންކާގެ ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓްތައް އެގައުމަށް އެތެރެކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ މަހުގެ އުފެއްދުންތައް، ލަންކާ ސަރުކާރުން ކުރިންވެސް ދީފައިވާ ޔަގީންކަމާ އެއްގޮތަށް ލަންކާއަށް އެތެރެކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ދެޤައުމުން މަޝްވަރާ ކުރަމުންދާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިވަގުތުގެ ހާލަތަށް ބަލައި މަހުގެ އެއްވެސް ބާވަތެއް އިމްޕޯޓްކުރުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ހުއްދަ އަލުން ދޭނެ ދުވަހެއް އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

ލަންކާއަށް މަސް އެތެރެކުރުމުގައި ދަތިތަކެއް ދިމާވެފައިވުމުން މަސްވެރިން ކަންބޮޑުވެފައިވާ މިދަނޑިވަޅުގައި މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ، ލަންކާއަށް މަސް އެތެރެނުކުރެވުނަސް މާބޮޑު ކަންބޮޑުމެއް ނެތްކަމަށާއި، އެއަށްވުރެ ބޮޑު އަގު ލިބޭ އިތުރު މާކެޓުތައް ހުންނާނެކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށްވެސް އެކަމަނާއަށް އެފަދަ މާކެޓްތަކެއް ދެއްކިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން