ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ދީނީ އިލްމުވެރިންގެ ބަސް އަޑުއައްސަވާ ބޭފުޅެއްކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވުމުން، "ލަދުހަޔާތް ކުޑައިއްޔާ ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށް ވިދާޅުވެ އަލީ ރަމީޒް ޑރ. އިޔާޒަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޑރ، އިޔާޒް މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވަނީ ރައީސް ޞާލިހާއި ނާއިބު ރައީސް ފައިސަލް ނަސީމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. ޑރ. އިޔާޒު ވިދާޅުވީ މިސަރުކާރުން ދީނީ އިލްމުވެރިންނަށް ފުރިހަމަ ބާރު ދީފައިވާކަމަށެވެ. އަދި އިލްމުވެރިން ރައީސް އިބްރާހީމާ ބައްދަލުކުރައްވަން އެދިވަޑައިގަތުމުން ވަގުތުން އެކަމަށް ވަގުތު ހުސްކުރައްވައި، އިލްމުވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވާ، ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިކަމަށް އިޔާޒު ވިދާޅުވެފައި ވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްވެސް އިލްމުވެރިންނާ ގާތް ގުޅުމެއް ބާއްވަވާކަމަށް ޑރ. އިޔާޒު ވިދާޅިވިއެެވެ.



ޑރ. އިޔާޒްގެ ވާހަކަފުޅުތަކަށް ރައްދު ދެއްވި ބޭފުޅުންގެ ތެރޭގައި އަލީ ރަމީޒްގެ އިތުރުން ދީނީ އިލްމުވެރިއެއްކަމަށްވާ ޝައިޚް އަބްދުﷲ ސައުދާން ހިމެނިވަޑައިގެންނަވައެވެ.

ޝައިޚް ސައުދާން ވިދާޅުވީ ރައީސް ސޯލިހުގެ އަރިހަށް މައްސަލަތަކަކާގެން އިލްމުވެރިންތަކެއް ދިޔަކަމަށާއި ނަމަވެސް އޭގެފަހުން އަހަރެއްވީއިރުވެސް އެކަންކަމަށް ހައްލެއް އައިސްފައިނުވާކަމަށެވެ.



ޑރ. އިޔާޒްގެ ވާހަކަތަކަށް ފާޑުވިދާޅުވެ ޝައިޚް ސައުދާން ކުރެއްވި ޓްވީޓަކާއި ގުޅުވައިގެން، ޑރ. އިޔާޒްގެ ވާހަކަތަކަށް އިޝާރާތްކުރައްވައި ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެ އުޅުއްވާ އަލީ ރަމީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ލަދު ހަޔާތެއް ނެތިއްޔާ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ"ކަމަށެވެ.



ޑރ. އިޔާޒް ސަރުކާރަށް ތާއީދުކުރައްވާ ވާހަކަދެއްކެވުމާ ގުޅިގެން ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. ބައެއް ބޭފުޅުން ވިދާޅުވީ މިއީ މިހާތަނަށް އިލްމުވެރިންނަށް އެންމެ ބޮޑަށް އަނިޔާވެރިވެފައިވާ ސަރުކާރުކަމަށެވެ. އެގޮތުން ފާޅުގައި ލާދީނީ އަމަލުތައް ހިންގާއިރު އެކަމާ ދެކޮޅަށް ފިޔަވަޅެއް ނާޅައި، ހަރުކަށި ފިކުރާ ދެކޮޅަށްކަމަށް ބުނެ ދީނީ އިލްމުވެރިންނާ ދެކޮޅަށް މިސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ބައެއް ބޭފުޅުން ދަނީ ތުހުމަތުކުރައްވަމުންނެވެ.

ރައީސް އިބްރާހީމް ދީނީ ޢިލްމު ވެރިންނާ ބައްދަލު ކުރައްވައި ދީނީ ޢިލްމުވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިވާ ކަމަށް ޑރ. އިޔާޒު ވިދާޅުވުމުން އެބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ޝައިޚް ސައުދާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށާއި އެބޭފުޅުން ރައީސާ ބައްދަލު ކުރެއްވީ އެމްޑީއެންގެ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރެއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން ބައްދަލުކުރީ އެމްޑީއެން މައްސަލައިގައި ކަންބޮޑުވުންތައް އެދުވަހު އަޑުއައްސަވާފަ، ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި. އޭގެ ފަހުން އެއް އަހަރު މިވަނީ، އެމްޑީއެން އަދި ވެސް ދަނީ ފަސްވަނަ ގިއަރުގަ އެމީހުންގެ ކަންކަމުގަ ބީބީކޭކޭ (ބާރަށް ބާރަށް ކުރިއަށް ކުރިއަށް). މިއަކު އެޗްއީވީޕީ (ނައިބްރައީސް) ގުޅުއްވަނީ ވަކި ބަޔަކަށްހެން ހީވަނީ." ޢަބްދުﷲ ސަޢުދާން ޑރ. އިޔާޒުގެ ޓްވީޓަށް ރައްދު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

ޝައިޚް ސައުދާން ޑރ. އިޔާޒަށް ދެއްވި ރަށްދަށް ބާރު ދެއްވަމުން އަލީ ރަމީޒު ކުރެއްވި ކުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ލަދުހަޔާތް ނެތިއްޔާ ކޮންމެ ވާހަކައެއްވެސް ދައްކަފާނެ" ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު