ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުހާތަބު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެއްޖެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ރައްދުދެއްވައިފިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ދެއްވި ހިތާބުން ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެ، ރައްޔިތުންގެ އުއްމީދު އާވާނެކަމަށެވެ. އަދި ސަރުކާރުގެ ވައުދުތައް ރަނުން ރަނަށް ފުއްދޭނެކަން އެނގިގެން ހިނގައްޖެ ކަމުގައި ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ ހިތާބުން އިތުރަށް އޮޅުވާލީކަމަށެވެ. ޝަރީފް ވިދާޅުވީ ފޫނުބެއްދޭވަރަށް އިޤްތިޞާދު ބޮއްސުންލާފައިވާކަމަށާއި ބަޖެޓުގެ އެއްބަޔަކީ ދަރަނިކަމަށެވެ. އަދި މިކަމުގެ ސަބަބުން އަރައިނުގަނެވޭނެ ވަރުގެ އަނދަވަޅަކަށް ވެއްޓި ސިޔާދަތަށް ނުރައްކާވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި މިސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި އަންނަ އަހަރަކީ ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގޭނެ އަހަރެއްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސްގެ ހިތާބަށް ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން ތައުރީފްކުރައްވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން